ގައުމިއްޔަތު މިނިސްޓްރީގައި 50 ސިޔާސީ މުވައްޒަފުން، މުސާރައަށް މަހަކު 1.3 މިލިއަން ރުފިޔާ
ދިވެހިބަހާއި ސަގާފަތާ ތަރިކައާ ބެހޭ މިނިސްޓްރީ ނުވަތަ ގައުމިއްޔަތު އާލާކުރަން އުފެއްދި މިނިސްޓްރީގައި ޖުމުލަ 50 ސިޔާސީ މުވައްޒަފުން އެބަތިބިކަން އެ މިނިސްޓްރީން ހާމަކޮށްފިއެވެ. ގައުމިއްޔަތު މިނިސްޓްރީއެއް އުފެއްދީ ގައުމިއްޔަތު އަލާކޮށް، ތަރިކައާއި ބަހާއި ސަގާފަތް ހިމާޔަތްކުރުމުގެ މަގުސަދުގައެވެ. އެ މިނިސްޓްރީގެ ދަށުން ހަތަރު އިދާރާއެއް ހިންގައެވެ. އެއީ، ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގައުމީ މަރުކަޒާއި ދިވެހިބަހުގެ އެކެޑަމީއާއި ގައުމީ ދާރުލްއާސާރު އަދި ދިވެހި ތަރިކަ ދިރާސާކުރުމުގެ ގައުމީ މަރުކަޒެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ސަން'އިން އެދުނު ބައެއް މައުލޫމާތުތައް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެ ގޮތުން، އެ މިނިސްޓްރީގައި މި ވަގުތު 50 ސިޔާސީ މުވައްޒަފުން އެބަތިއްބެވެ. އެއީ: 1 މިނިސްޓަރު - އެ މަގާމުގެ މުސާރައަކީ 58,500 ރުފިޔާ 4 ސްޓޭޓް މިނިސްޓަރުން - އެ މަގާމުގެ މުސާރައަކީ 43,500 ރުފިޔާ 10 ޑެޕިއުޓީ މިނިސްޓަރުން - އެ މަގާމުގެ މުސާރައަކީ 31,500 ރުފިޔާ 21 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން - އެ މަގާމުގެ މުސާރައަކީ 25,500 ރުފިޔާ 12 ޕޮލިޓިކަލް ޑިރެކްޓަރުން - އެ މަގާމުގެ މުސާރައަކީ 20,500 ރުފިޔާ 1 އެސިސްޓަންޓު ޕޮލިޓިކަލް ޑިރެކްޓަރު - އެ މަގާމުގެ މުސާރައަކީ 18،000 ރުފިޔާ މީގެ އިތުރުން، މިނިސްޓްރީން ހާމަކުރި މައުލޫމާތުގައި ވާގޮތުން މިނިސްޓްރުގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި ވެސް ސިޔާސީ މުވައްޒަފަކު އައްޔަންކުރައްވާފައި އެބަހުއްޓެވެ. އެހެންވެ، އެ ހުރިހާ މުވައްޒަފުންގެ މުސާރައަށް މަހަކު 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ. ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު: އެ މިނިސްޓްރީއަށް މިދިޔަ އަހަރު 53.3 މިލިއަން ޚަރަދުވި -- ފޮޓޯ/ މިނިސްޓްރީ މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައި ވާގޮތުން މިދިޔަ އަހަރު އެ މިނިސްޓްރީން ވަނީ 53.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ، އޭގެ ކުރީ 2023 ވަނަ އަހަރާ ބަލާއިރު 10.1 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެ މިނިސްޓްރީން މުވައްޒަފުންނަށް 32.7 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ. އެއީ، އޭގެ ކުރީ 2023 ވަނަ އަހަރާ ބަލާއިރު 10.8 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ކުރިން ހެރިޓޭޖް މިނިސްޓްރީގެ ގޮތުގައި ހިންގަމުން އައި މިނިސްޓްރީ ގައުމިއްޔަތު މިނިސްޓްރީގެ ނަމަށް ބަދަލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެންބަރު 17، 2023 ގައި ހުވައިކުރެއްވުމަށް ފަހެވެ. އެ މިނިސްޓްރީއަށް އައްޔަންކުރައްވާފައިވަނީ މިނިސްޓަރު އާދަމް ނަސީރެވެ. އެ މިނިސްޓްރީގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ ސަގާފީ ތަރިކަ ރައްކާތެރިކޮށް، ފަންނުވެރިކަން ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ