އިގުތިސާދީ ގޮތުން ދަތި ނަމަވެސް ޓޭންކަރުތައް ކޮންމެހެން ގަންނަންޖެހޭ: ޣައްސާން
އިގުތިސާދީ ގޮތުން ގައުމު މިއަދު މިއޮތް ދަތި ހާލަތުގައި ވެސް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ސިފައިންނަށް ބޭނުންވާ ޓޭންކަރުތަކާއި ޑްރޯން އަދި މިސައިލް ފަދަ ވަސީލަތްތައް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު މިއަދު ވިދާޅުވެއްޖެއެވެ. މި ފަހުން ސިފައިންގެއަށް ގެނައި ޓޭންކަރުތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަން ނުވެ، ވަކިން ޚާއްސަކޮށް ގައުމުގައި ދަރަނި ދައްކާނެ ފައިސާއެއް ނެތި އިގުތިސާދީ ގޮތުން މިއަދު ގައުމު މިއޮތް ހާލަތުގައި ވެސް 150 މިލިއަނެއްހާ ޑޮލަރު ހޭދަކުރައްވައިގެން ޑްރޯން، މިސައިލް އަދި ޓޭންކަރުތައް ގަތުމަކީ ރަނގަޅު ސިޔާސަތެއްތޯ ސުވާލުކުރައްވައިފައެވެ. އެ ސުވާލަށް ޖަވާބުދެއްވައި ޣައްސާން ވިދާޅުވީ، މި ސަރުކާރު ދިވެހި ރައްޔިތުން އިންތިޚާބުކޮށްގެން އައިސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވި ފަހުން ބޭރުގެ އެއްވެސް ދަރަންޏެއް ޑިފޯލްޓުވެފައެއް ނެތް ކަމަށެވެ. އަދި، ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ރަނގަޅުކުރެއްވުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވިއެވެ. މަޖިލީހުގައި މިނިސްޓަރު ޣައްސާން ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް ޣައްސާން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގުލާލު އޭގެ އެންމެ ފުރިހަމަ މާނައިގައި ހިމާޔަތްކުރަންޖެހޭނީ ދިވެހިންނާއި ދިވެހި އަސްކަރިއްޔާއިން ކަމަށެވެ. އެހެންވެ، އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް އެ ވަސީލަތްތައް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "ގާނޫނުއަސާސީއާއި ގާނޫނުތަކުން ގައުމީ ދިފާއީ ބާރާ މަތިކޮށްފައިވާ ޒިންމާއެއް އެއީ. އަދާކުރުމަކީ މަޖުބޫރުކަމެއް. އެހެންކަމުން މިއީ ކުރަންޖެހޭ ކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަން،" ޣައްސާން ވިދާޅުވިއެވެ. ސަރުކާރުން ވަނީ ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތަށް އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ)ތަކެއް ތުރުކީން ގެނެސްފައެވެ. އަދި، މިފަހުން ދިވެހި އަސްކަރިއްޔާއަށް ވަނީ އާ ވެހިކަލްތަކެއް ވެސް ގެނެސްފައެވެ. ރާއްޖެ ގެނައި އަސްކަރީ ވެހިކަލްތައް ސިފައިންގެ ޕެރޭޑުގައި ދައްކާލަނީ: ޣައްސާން ވިދާޅުވީ އިގްތިސޯދީ ގޮތުން ދަތިނަމަވެސް، ޓޭންކަރުތަކާއި މިސައިލްތައް ގަތުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް އެމްއެމްޑީއެފުން ބުނީ، މި ވެހިކަލްތަކަކީ އޫއޭއީގެ އުފެއްދުމެއް ކަމަށެވެ. ރާއްޖެފަދަ އެއްގަމާއި ކަނޑު ބޮޑު ގައުމަކަށް ބަލާއިރު މި ވެހިކަލްތަކަކީ ބޭނުންކުރަން ފަސޭހަ ވެހިކަލްތަކެއް ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި، މި ވެހިކަލްތަކަކީ ކުރިން ސިފައިން ބޭނުންކުރި ވެހިކަލްތަކަށްވުރެ ދިފާއީ ގޮތުން ވަރުގަދަ ވެހިކަލްތަކެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރަން ތުރުކީ ސަރުކާރުން ވަނީ މަނަވަރެއް ހަދިޔާކުރުމަށް ނިންމައިފައެވެ. އެ ހަދިޔާކުރާ މަނަވަރު ނުވަތަ މިސައިލް ބޯޓަކީ 44 އަހަރުވެފައިވާ އުޅަނދެކެވެ. އެ ބޯޓު ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެއާ ތުރުކީވިލާތާ ދެމެދު ގާއިމުކޮށްފައިވާ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް މިނިސްޓްރީން ބުނެއެވެ. އެއީ، ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ވަސީލަތް ފޯރުކޮށްދިނުމާއި އަސްކަރީ ތަމުރީނު ދިނުމާގުޅޭ އެއްބަސްވުމެކެވެ. މިދިޔަ ހޮނިހިރު ދުވަހު ރައީސް މުއިއްޒު ބޭއްވެވި 14 ގަޑިއިރުގެ ދިގު، ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވަނީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން، ސިފައިންނަށް ބޭނުންވާ ޓޭންކަރުތަކާއި އެހެން ވަސީލަތްތައް ހޯދައިދެމުން އަންނަނީ 'ކޮންމެހެން' ހަނގުރާމައެއް ކުރާކަަށް ނޫން ކަމަށް ވިދާޅުވެފައެވެ. އެއީ، ފާއިތުވި ވިއްސަކަށް އަހަރު އެ ކަންކަން ނުކޮށް ހުރުމުން މިއަދު ކުރަންޖެހިފައިވާ ކަންކަން ކަމަަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ