ފަސްޓް ނޭޝަނަލް ފައިނޭންޝަލް ކޯޕަރޭޝަންގެ ސީސީއޯއަކަށް ވިސާމް އައްޔަނުކޮށްފި
ފަސްޓް ނޭޝަނަލް ފައިނޭންޝަލް ކޯޕަރޭޝަންގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ)ގެ މަގާމަށް, ރަޖިސްޓް އޮފް ކޮމްޕެނީސްގެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވި މަރިޔަމް ވިސާމް އައްޔަނުކުރައްވައިފިއެވެ. އެ ކުންފުނިީގެ ޑިރެކްޓަރުންގެ ބޯޑުން އެ މަގާމަށް ވިސާމް އައްޔަނުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހެވެ. އެގޮތުން، ސީސީއޯއެއްގެ ހައިސިއްޔަތުން އޭނާ ކުރައްވާނީ ފަސްޓް ނޭޝަނަލްގެ ވިޔަފާރީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުން މަތީން ސްޓްރެޓެޖީތައް އެކުލަވާލައިގެން އެކަން ތަންފީޒު ކުރުމާއި އުފެއްދުންތެރިކަން ތަރައްގީކުރުމުގެ މަސައްކަތެވެ. އެއާއެކު، އެ ކުންފުނީގެ މާކެޓިން ޓީމުތައް މެނޭޖުކުރުމާއި ސްޓެރެޓެޖިކް ޕާޓްނާޝިޕްތައް ގާއިމުކުކުރުމުގެ މަސައްކަތް ކުރައްވާނީ ވިސާމްގެ ބެއްލެވުމުގެ ދަށުންނެވެ. ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންއަކީ ކުރީގެ އޮޑިޓާ ޖެނެރަލް ޙަސަން ޒިޔަތު އިސްކޮށް ހުންނަވައި 2021 ވަނަ އަހަރު އުފެއްދެވި މާލީ ޚިދުމަތްދޭ އަމިއްލަ ވިޔަފާރިއެކެވެ. ފަސްޓް ނޭޝަނަލްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ބޮންޑާއި ސުކޫކު އަދި ސްޓޮކް އިޝޫ ކުރުމަށް ކުންފުނިތަކަށް އެހީވުމާއި ފަންޑު މެނޭޖްމަންޓް އަދި އިންވެސްޓްމަންޓް އެޑްވައިޒަރީއާއި ވެލްތު މެނޭޖްކުރުން ހިމެނެއެވެ. އެގާރަ އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު، ވިސާމް ރަޖިސްޓް އޮފް ކޮމްޕެނީސްގެ މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ އެއްވަނަ ދުވަހެވެ. އެ މަގާމުގެ އިތުރަށް ވެސް ގިނަ މަގާމުތަކެއް ވިސާމް ފުރުއްވާފައިވެއެވެ. އެގޮތުން، ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ޓެކްނިކަލް ކޮމިޓީގެ ޗެއާގެ މަގާމު ވެސް ވިސާމް ފުރުއްވާފައިވާއިރު، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ)ގެ ބޯޑުގައި ވެސް އޭނާ ޚިދުމަތް ކުރައްވާފައިވެއެވެ. މީގެއިތުރުން، އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކްއީންސްލެންޑުން ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލު ކުރައްވާފައިވާ ވިސާމް ކޯޕަރޭޓް ރެޖިސްޓާސް ފޯރަމްގެ އެގްޒެކެޓިވް ކޮމިޓީ މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވެއެވެ. އޭނާ ބެޗެލާޒް ޑިގްރީ ހާސިލު ކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޮދަންބްރިއާއިން މާކެޓިން މެނޭޖްމަންޓުގެ ދާއިރާއިންނެވެ. މަގަމާ ހަވާލުވިއިރު، ވިސާމް އަންނަނީ ރޯޓަރީ ކްލަބް އޮފް މާލޭގެ ރައީސާ މޯލްޑިވްސްގެ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (މިފްސާ)ގެ ގަވަނިން ބޯޑުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ