ހަމައެކަނި މުއްސަނދި ކުންފުނިތަކަށް އޭއައި ޓެކްނޮލޮޖީ ތަރައްގީކުރެވޭނެ ކަމުގެ އާންމު ވިސްނުން ބަދަލުކޮށްލަމުން، ޗައިނާގެ ކުންފުންޏެއްގެ ހިލޭ އޭއައި އެޕްލިކޭޝަނުން ވަނީ ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ވަރަށް ކުރިއަރާފައިވާ އޭއައި ޓެކްނޮލޮޖީގެ ދޮރު ހުޅުވާލާފަ އެވެ.
ޗައިނާގެ ހެންގްޒޫގައި 2023 ވަނަ އަހަރު އުފެދުނު އާ ކުންފުންޏެއްގެ އޭއައި ޓެކްނޮލޮޖީން މިދިޔަ ހަފުތާގައި އެމެރިކާގެ ޓެކް ދުނިޔެ ސިއްސުވާލާފައިވާއިރު، އެކުންފުނީގެ އެޕްލިކޭޝަން މިހާރުވަނީ އެމެރިކާއާއި އެތައް ގައުމެއްގައި އެންމެ ގިނައިން ޑައުންލޯޑްކުރެވޭ އެޕްގެ ރެކޯޑު ހޯދާފަ އެވެ.
ޑީޕްސީކްގެ ނަމުގައި ތައާރަފުކޮށްފައިވާ މި އާ އޭއައި އެސިސްޓެންޓަކީ ޗައިނާގެ ޑީޕްސީކް ކުންފުނިން ތަރައްގީކޮށްފައިވާ އެސިސްޓެންޓެކެވެ. ސޯޝަލް މީޑިއާގެ ސަބަބުން މިދިޔަ ދުވަސްތަކުގައި މި އެސިސްޓެންޓް ވަރަށް މަގްބޫލުވެފައިވެ އެވެ.
މިއަހަރުގެ ޖަނަވަރީ މަހުގެ ކުރީކޮޅު، ޑީޕްސީކުން ވަނީ އެކުންފުނީގެ އޭއައި މޮޑެލް، ޑީޕްސީކް (އާރު1) ނެރެފައެވެ. މިއީ އޯޕަން އޭއައިގެ ޗެޓްޖީޕީޓީ އޯ1 އާ ވާދަކުރާ މޮޑެލެކެވެ. ޑީޕްސީކްގެ ޚާއްސަ ކަމަކީ މަތީ ފެންވަރުގެ އޭއައި މޮޑެލްތައް ވަރަށް ކުޑަ ޚަރަދެއްގައި ތަރައްގީކުރުމުގެ ގާބިލުކަން ލިބިފައިވުމެވެ.
މި އެސިސްޓެންޓަކީ ބޭނުންކުރަން ފަސޭހަ ޑިޒައިނެއް ހިމެނޭ އެސިސްޓެންޓެކެވެ. ޗެޓްޖީޕީޓީ ނުވަތަ ގޫގުލްގެ ޖެމިނީ ފަދައިން، މިއީ ސުވާލުތަކަށް ޖަވާބުދިނުމާއި ކޮންޓެންޓް އުފެއްދުން ފަދަ އެކި ކަންކަމުގައި އެހީތެރިވެދޭ އެސިސްޓެންޓެކެވެ. އެމެރިކާގެ ބޮޑެތި އޭއައި ކުންފުނިތަކުގެ މަތީ ފެންވަރުގެ އިންޖީންތަކާއި ގިނަ މޮޑެލްތަކަށް ފީ ނަގާއިރު، ޑީޕްސީކްގެ ހުރިހާ ޚިދުމަތެއްވެސް ލިބެނީ ހިލޭ އެވެ.
މިދިޔަ ހަފުތާގައި އެ ކުންފުނިން ވަނީ ޖެނަސް-ޕްރޯ ނަމުގައި އާ އޭއައި އިމޭޖް ޖެނެރޭޓަރެއްވެސް ތައާރަފުކޮށްފަ އެވެ. މިއީ އެމެރިކާގެ ޑާލް-އީ 3، ސްޓޭބަލް ޑިފިއުޝަން އަދި ލިއޮނާޑޯއާ ވާދަކުރުމަށް ނެރެފައިވާ ޖެނެރޭޓަރެކެވެ.
ކުންފުނި އުފެދުން
2023 ވަނަ އަހަރު ހެޖް ފަންޑް މެނޭޖަރެއް ކަމުގައިވާ ލިއަންގް ވެންފެންގް އުފައްދާފައިވާ މި ކުންފުނީގެ މައި އޮފީސް ހުންނަނީ ޗައިނާގެ ހެންގްޒޫގަ އެވެ. މި ކުންފުނި ޚާއްސަވެފައިވަނީ އޯޕަން-ސޯސް ލާޖް ލޭންގްއޭޖް މޮޑެލްތައް ތަރައްގީކުރުމަށެވެ.
އޯޕަން-ސޯސް ޕްލެޓްފޯމަކަށްވުމުގެ ސަބަބުން، ޑިވެލޮޕަރުންނަށް އެމީހުންގެ ބޭނުމަށް މި ޕްލެޓްފޯމް ބަދަލުކުރެވެ އެވެ. ޖަނަވަރީ މަހާ ހަމައަށް މާބޮޑު މަޤްބޫލުކަމެއް ނެތް މި އޭއައި އެސިސްޓެންޓް ނެރުމާއެކު، ޗިޕްސް، ޑޭޓާ ސެންޓަރުތަކާއި ހަކަތައަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާ އެމެރިކާގެ ޓެކް ޖަޔަންޓުންގެ ނުފޫޒަށް ގޮންޖެހުމުގެ އުއްމީދު އިތުރުވެފައިވެ އެވެ.
ޑީޕްސީކް މަސައްކަތްކުރާ ގޮތް
ޑީޕްސީކްއަކީ ކޮންވަޒޭޝަނަލް އޭއައި އެކެވެ. މާނައަކީ މިއީ އާންމު ބަހުރުވައިން ދެކެވޭ ވާހަކަ ދެނެގަނެ، އެއަށް ޖަވާބުދެވޭ އޭއައި އެކެވެ. މީގެ އެހީގައި ކުދި ސުވާލުތަކަށް ޖަވާބު ހޯދުމާއި، ޕްރޮޖެކްޓްތަކަށް އެހީތެރިކަން ހޯދުމާއި، ރިސާޗްގައި އެހީތެރިވުމާއި، އީމެއިލް ޑްރާފްޓްކުރުމާއި، ޑީޕްތިންކް ބޭނުންކޮށްގެން ރީޒަނިންގް މައްސަލަތައް ހައްލުކުރެވެ އެވެ.
ޑީޕްސީކުން ދެ އެލްއެލްއެމް ހުށަހަޅައެވެ: ޑީޕްސީކް-ވީ3 އަދި ޑީޕްތިންކް (އާރު1) އެވެ. ޑީޕްސީކް-ވީ3 މަސައްކަތްކުރަނީ އާންމު ޗެޓްޖީޕީޓީ މޮޑެލް ފަދައިން، އަވަސް ޖަވާބުތައް ދިނުމާއި، ލިޔުންތައް އުފެއްދުމާއި، އީމެއިލްތައް އަލުން ލިޔުމާއި ލިޔެކިޔުންތައް ޚުލާސާކުރުމަށެވެ. ޑީޕްތިންކް (އާރު1) އަކީ އޯޕަން އޭއައިގެ ޗެޓްޖީޕީޓީ އޯ1 މޮޑެލްގެ ބަދަލުގައި ބޭނުންކުރެވޭ އޮޕްޝަނެކެވެ. ޗެޓްޖީޕީޓީ އޯ1 މޮޑެލްއަށް ސަބްސްކްރިޕްޝަނެއް ބޭނުންވާއިރު، ޑީޕްސީކްގެ ދެ މޮޑެލްވެސް ބޭނުންކުރެވެނީ ހިލޭއެވެ.
މި ޚިދުމަތްތައް ވެބް ބްރައުޒަރުތަކާއި އައިއޯއެސް އަދި އެންޑްރޮއިޑް މޮބައިލް އެޕްތައް މެދުވެރިކޮށް ބޭނުންކުރެވެ އެވެ. 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު، ޑީޕްސީކް އެޕް ވަނީ އެމެރިކާއާއި ދުނިޔޭގެ އެތައް ގައުމެއްގައި އެޕަލްގެ އައިއޯއެސް އެޕް ސްޓޯރާއި ގޫގުލްގެ ޕްލޭ ސްޓޯރުގައި އެންމެ ގިނައިން ހިލޭ ޑައުންލޯޑްކުރެވޭ އެޕްގެ ގޮތުގައި ރެކޯޑު ހަދާ ފައެވެ.
މައުލޫމާތު ޕްރޮސެސްކޮށް ޖަވާބު އުފެއްދުމަށް ޑީޕްސީކް ބޭނުންކުރަނީ އެޑްވާންސްޑް މެޝިން ލާނިންގ މޮޑެލްތަކެވެ. މިގޮތުން އެކި ބާވަތުގެ މަސައްކަތްތައް ކުރުމުގެ ޤާބިލުކަން ލިބިފައިވެ އެވެ.
އެހެން އޭއައި ޓޫލްތަކާ ތަފާތުވާ އެއް ކަމަކީ، ޑީޕްތިންކް (އާރު1) މޮޑެލް ޖަވާބު ދިނުމުގެ ކުރިން އޭގެ "ވިސްނުމުގެ ޕްރޮސެސް" އާއި ޖަވާބު ހޯދުމަށް ހޭދަވި ވަގުތު ދައްކައިދިނުމެވެ.
ޕާޕްލެކްސިޓީއިން މިހާރު އާރު1، ޑީޕްސީކްގެ އެމެރިކާގައި ހޯސްޓްކުރެވިފައިވާ މޮޑެލް ބޭނުންކޮށްގެން ރީޒަނިން ހެދުމުގެ ޚިދުމަތް ދެއެވެ. މިއީ ކުރިން އޯޕަން އޭއައިގެ އޯ1 ލީޑިން މޮޑެލް ބޭނުންކޮށްގެން ދެމުން އައި ޚިދުމަތުގެ އިތުރުންނެވެ.
ސެލްފް-ސެންސަރިން، ޑޭޓާ ޕްރައިވަސީ އަދި އެހެނިހެން ކަންބޮޑުވުންތައް
އޭއައި ބޭނުންކުރުމުގައި އިތުބާރަކީ މުހިންމު ކަމެކެވެ. ޑޭޓާ ޕްރައިވަސީ، ސެންސާޝިޕް އަދި ހާމަކަމުގެ ކަންބޮޑުވުންތަކުގެ ސަބަބުން ޑީޕްސީކްއަށް ހުރަސްތަކާ ކުރިމަތިވެދާނެ އެވެ. ޓިކްޓޮކް ބަންދުކުރުމަށް މަގުފަހިވި ސަބަބުތައްފަދައިން، ޗައިނާގައި ޑޭޓާ ރައްކާކުރުމާއި ސަރުކާރުން ޑޭޓާއަށް ވާސިލުވުމުގެ ފުރުސަތާ ގުޅޭ ކަންބޮޑުވުންތައް އުފެދިފައިވެ އެވެ.
އޭއައި މޮޑެލްތައް އަޕްގްރޭޑްކުރުމާއެކު އަބަދުވެސް ބަދަލުވަމުންދާ ބެންޗްމާކް ނަތީޖާތަކުގެ އިތުރުން، ހައިރާންކުރުވަނިވި ދަށް އަގު އެއީ އާންމުންގެ ސަމާލުކަން ލިބުނު ކަމެކެވެ. ކުންފުނިން ބުނާގޮތުން އެމީހުންގެ އޭއައި މޮޑެލްތައް އުފައްދާފައިވަނީ މާ މަދު ކޮމްޕިއުޓިން ޕަވާ ބޭނުންކޮށްގެންނެވެ. މިއީ ޚަރަދު ވަރަށް ބޮޑަށް ކުޑަވާ ކަމެކެވެ. ނަމަވެސް މި އަދަދުތައް މިނިވަން ފަރާތަކުން ޗެކްކޮށްފައެއް ނުވެ އެވެ.
ޑީޕްސީކް-އާރު1 އުފެއްދުމަށް ލަފާކުރެވޭގޮތުގައި 5.5 މިލިއަން ޑޮލަރު ހޭދަވެފައިވެ އެވެ. މިއީ އޯޕަން އޭއައިގެ ޖީޕީޓީ-4 އަށް ހޭދަވި ކަމަށް ބުނެވޭ 100 މިލިއަން ޑޮލަރަށްވުރެ މާ ކުޑަ އަދަދެކެވެ. މި އަގު ކުޑަކުރެވުނީ ކުރީގެ ނިވިޑިއާ އެޗް800 ޗިޕްތައް ބޭނުންކޮށްގެންނާއި، ފެންވަރު ދަށްނުކޮށް ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރެވޭނެ އިނޮވޭޓިވް ޓްރެއިނިން މެތަޑޮލޮޖީތައް ބޭނުންކޮށްގެންނެވެ.
ނަމަވެސް ޓެކް އިންޑަސްޓްރީގެ ބައެއް މާހިރުންނާއި އެނަލިސްޓުން ޑީޕްސީކް ބުނާ ވަރަށް ޚަރަދު ކުޑަކުރެވޭނެ ކަމާމެދު ސުވާލު އުފައްދަ އެވެ. އެމެރިކާގެ އެކްސްޕޯޓް ކޮންޓްރޯލްތަކުގެ ސަބަބުން 50,000 ނިވިޑިއާ އެޗް100 ޗިޕް ކުންފުންޏަށް ލިބިފައިވާ ކަމަށް އެފަރާތްތަކުން ބުނެއެވެ. މި ކަމާ ގުޅޭ ގޮތުން ޑީޕްސީކުން ޖަވާބެއް ނުދެއެވެ.
މާކެޓް ހެލިފެލިވުމާއި ދުނިޔެއަށްކުރި އަސަރު
ފޯބްސް މަޖައްލާއިން ރިޕޯޓުކުރި ގޮތުގައި "ހޯމަ ދުވަހު ނިވިޑިއާގެ މާކެޓް ވެލިއު 590 ބިލިއަން ޑޮލަރަށް ދަށަށް ގޮސް، އަންގާރަ ދުވަހު 260 ބިލިއަން ޑޮލަރަށް މައްޗަށް ޖެހި، ބުދަ ދުވަހު ހެނދުނު 160 ބިލިއަން ޑޮލަރަށް ދަށަށް ގޮސްފައިވެއެވެ." އޯރަކަލް، މައިކްރޯސޮފްޓް، އަލްފަބެޓް (ގޫގުލްގެ ޕޭރެންޓް ކޮމްޕެނީ) އަދި އޭއެސްއެމްއެލް (ޑަޗް ޗިޕް އިކުއިޕްމަންޓް މޭކަރެއް) ފަދަ އެހެން ޓެކް ކުންފުނިތަކަށް ވެސް ފާހަގަކުރެވޭ ވަރުގެ ގެއްލުން ވެފައިވެއެވެ.
ޑީޕްސީކްގެ އަވަސް ކުރިއެރުމުގެ ސަބަބުން ދުނިޔޭގެ އޭއައި މާކެޓަށް ބަދަލުތަކެއް އައިސްފައިވެ އެވެ. މީގެ ސަބަބުން އެޑްވާންސް އޭއައި ތަރައްގީކުރުމަށް ބޮޑެތި މާލީ ވަސީލަތްތައް ބޭނުންވާނެ ކަމުގެ އާންމު ވިސްނުން ބަދަލުވެފައިވެ އެވެ. ސިލިކޮން ވެލީގެ ނުފޫޒުގަދަ ވެންޗާ ކެޕިޓަލިސްޓް މާކް އެންޑްރީސަން މިކަން ވަޒަންކުރީ އޭއައިގެ "ސްޕުޓްނިކް މޯމަންޓް" އެއްގެ ގޮތުގަ އެވެ.
ޑީޕްސީކްގެ އީޖާދީ ކުރިއެރުންތަކަށް ތައުރީފު ލިބުނު ނަމަވެސް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައިވެ އެވެ. ސައިބާ ހަމަލާތަކުގެ ސަބަބުން ކުންފުނިން ވަނީ ވަގުތީގޮތުން ޔޫސާ ރެޖިސްޓްރޭޝަންތަކަށް ހުރަސްތަކެއް ކުރިމަތި ކޮށްފަ އެވެ.
ޓްރަމްޕް މިކަން ސިފަކުރީ އެމެރިކާގެ އޭއައި އިންޑަސްޓްރީއަށް "ހޭލައިގަތުމުގެ ގޮވާލުމެއް" ގެ ގޮތުގައެވެ. ނަމަވެސް އޯޕަން އޭއައިއިން ފައިނޭންޝަލް ޓައިމްސްއަށް ބުނެފައިވާ ގޮތުގައި އެކުންފުނީގެ އޭއައި މޮޑެލްތައް ޓްރެއިނިންއަށް ޑީޕްސީކުން ބޭނުންކޮށްފައިވާ ކަމުގެ ހެކި ލިބިފައިވެ އެވެ. މިއީ އޯޕަން އޭއައިގެ ޝަރުތުތަކާ ޚިލާފު ކަމެކެވެ. ވައިޓް ހައުސްގެ އޭއައި އެޑްވައިޒާ ޑޭވިޑް ސެކްސް، ފޮކްސް ނިއުސްއަށް މި ކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ "ޑިސްޓިލޭޝަން" ބޭނުންކޮށްގެން ޑީޕްސީކުން އޯޕަން އޭއައިގެ މޮޑެލްތަކުން މައުލޫމާތު ނަގާފައިވާ ކަމުގެ ވަރުގަދަ ހެކި ހުރި ކަމަށެވެ. މިއީ ކުޑަ މޮޑެލްއަކުން ("ސްޓޫޑެންޓް") ބޮޑު މޮޑެލްއެއްގެ ("ޓީޗަރު") ފެންވަރު ކޮޕީކުރާ ޓެކްނިކެކެވެ. މިގޮތުން މަދު ކޮމްޕިއުޓިން ޕަވާއެއް ބޭނުންކޮށްގެން އެއްވަރުގެ ފެންވަރެއް ހާސިލުކުރެވެ އެވެ.
މި ހުރިހާ ޖަދަލުތަކާއެކުވެސް، ޑީޕްސީކުން އޯޕަން-ސޯސް ފަލްސަފާގައި ދެމިހުރުމަށް އަޒުމް ކަނޑައަޅައި، އާ ޓެކްނޮލޮޖީތައް އުފެއްދުމަށް ބޮޑެތި ބަޖެޓްތައް ކޮންމެހެން ބޭނުންނުވާނެކަން ސާބިތުކޮށްދީފައިވެ އެވެ. ފާއިތުވި ދުވަސްތަކުގައި ފެނުނު ފަދައިން، ކުޑަ ޚަރަދުގެ އުކުޅަކުން އޯޕަން އޭއައި ފަދަ ބޮޑެތި ކުންފުނިތަކަށް ގޮންޖަހައި، ނިވިޑިއާ ފަދަ ކުންފުނިތަކަށް ބަދަލުވާން މަޖުބޫރުކުރުވާފައިވެ އެވެ. މިއީ އޭއައިގެ އިންފްރާސްޓްރަކްޗާގައި ޚާއްސަކޮށް އީޖާދީ ކުރިއެރުންތަކަށް ފުރުޞަތު ހުޅުވާލާ ކަމެކެވެ.
އެމެރިކާގެ އޭއައި ކުންފުނިތަކާ ވާދަކުރުމަށް ޗައިނާއިން ތައާރަފުކުރި ޑީޕްސީކް: ހިލޭ ޚިދުމަތްތަކާއެކު އާ ޓެކްނޮލޮޖީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ