އިހްސާން ބޭނުންވި ނަތީޖާ އުފަން ރަށް ފޭދޫއިން ނުލިބުނު!
ހޯމް މިނިސްޓަރު އަލީ އިހުސާން ބޭނުންވި ނަތީޖާ އައްޑޫ ރިފަރެންޑަމްގެ ވޯޓުން ނުލިބުނެވެ. ފޭދޫގައި ވަކި ރަށު ކައުންސިލެއް ހެދުމަށް ނެގި ފެންނަ ނުފެންނަ ވޯޓަށް އިހުސާނާއި އޭނާގެ ބައްޕަ އަދި ފޭދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ދީދީ (އައިބީ) ގެންދެވީ ވަކި ކައުންސިލެއް ހެދުމަށް ކެމްޕެއިން ކުރައްވަމުންނެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު ފޭދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް ފެންނަ ކަމަށް ވޯޓު ދިނީ 616 މީހުންނެވެ. އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި ފޭދޫ ދެމިއޮތުމަށް 1784 މީހުން ވޯޓު ދިނެވެ.ފޭދޫއަކީ އާބަދީ ބޮޑު ރަށެކެވެ. އެ ރަށުގައި ރަޖިސްޓާޑް އާބާދީ 5،810 އަށް އަރަ އެވެ. މި ވޯޓުގައި ވޯޓުލުމުގެ ހައްގު 4،355 މީހުންނަށް ލިބުނެވެ. އޭގެ ތެރެއިން ވޯޓު ލުމަށް ނުކުތީ 56 ޕަސެންޓު މީހުންނެވެ.އިއްޔެގެ ވޯޓްގެ ނަތިޖާ އަށް ފަހު އިހްސާން އާންމުކުރެއްވި ބަޔާނެއްގައި ވަނީ ފޭދޫގެ މެޖޯރިޓީ ރައްޔިތުންގެ ނިންމުމަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ. އޭނަ ވިދާޅުވީ ފޭދޫގެ ރައްޔިތެއްގެ ހައިސިއްޔަތުން އަބަދު ވެސް ތަރައްގީ އަށް އެންމެ ރަނގަޅު ގޮތްތަކަށް އަބަދު ވެސް ވިސްނާވަޑައިގަންނަވާ ކަމަށެވެ،"އަޅުގަނޑު އަބަދު ވެސް އެދެނީ ފޭދު އާއި އައްޑޫ ސިޓީ އަދި މުޅި ރާއްޖެ އަށް ވެސް އަދަށް ވުރެ ފަހި މާދަމައެއް." މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. އޭނަ ވިދާޅުވީ ބޭނުންވެވަޑައިގަތް ގޮތަށް ވޯޓްގެ ނަތީޖާ ނުނިކުތް ނަމަވެސް ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް، ކުރިން ވެސް ހިދުމަތް ކުރައްވަމުން ވަޑައިގެންނެވި ގޮތަށް އާ ރޫހެއްގައި ފަރުދީ ހައިސިއްޔަތުން ސިޓީ ކައުންސިލާއި ރަށުގެ ކައުންސިލަރުންނާއި އައްޑޫގެ ހުރިހާ އަވަށްތަކުގެ ތަރައްގީ އާއި ކުރިއެރުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި އައްޑޫގައި ސިޓީ ކައުންސިލެއް އުފެއްދުމަށް 2010 ވަނަ އަހަރު ނެގި ވޯޓުގައި ފޭދޫއިން ވޯޓު ދިނީ ނުފެންނަ ކަމަށެވެ. ފެންނަ ކަމަށް 397 މީހުން ވޯޓުދިންއިރު ނުފެންނަ ކަމަށް 494 މީހުން ވޯޓު ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ