ބޮންޑުގެ ނަތީޖާއަކީ ފައިސާ ޗާޕިުކުރުން، މިއީ ގައުމަށް ދޭ ބޮޑު ގެއްލުމެއް: ސަރުވަޝް

އެމްއެމްއޭން ފައިސާ ދީގެން ސަރުކާރުގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަން ހިނގާ މުއާމަލާތުގެ ނަތީޖާއަކީ ފައިސާ ޗާޕުކުރުމުން ކަމަށާއި މިއީ އިގުތިސޯދަށް ބޮޑު ނުރައްކަލެއް ކަމަށް މިއަދު ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވި އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެ އެވެ.
ވީިކިިހިނެއް؟ - މަރުކަޒީ ބޭންކް، އެމްއެމްއޭން 2.4 ބިލިއަން ރުފިޔާ ހޯދައިގެން ސަރުކާރުގެ ޓީ-ބޮންޑެއްގައި އިންވެސްޓްކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުގެ އަގުލަބިއްޔަތުން ނިންމާފައިވެ އެވެ.
އެ ނިންމުމުގެ ސަބަބުން ޕެންޝަން ފަންޑުގެ މެންބަރުންނާއި ރާއްޖޭގެ އިގުތިސޯދަށް ގެއްލުންވާނެ ކަމަށް ގަބޫލު ކުރެއްވޭތީ، އިސްތިއުފާ ދެއްވީ އެ ނިންމުމާ އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށް ސަރުވަޝް ވަނީ ވިދާޅުވެފަ އެވެ.
ތަފްސީލް - ރައީސް މުހައްމަދު މުއިއްޒަށް ސަރުވަޝް ފޮނުވި އިސްތިއުފާ ސިޓީގައި އޭނާ ވިދާޅުވީ، އެމްއެމްއޭ މެދުވެރިވެގެން އެ މުއާމަލާތް ހިންގާތީ، ސްކީމަށް ބޮޑެތި ނުރައްކާތައް ހުރި ކަމަށެވެ. އަދި ޕެންޝަން އޮފީހާ ދޭތެރޭ ރައްޔިތުންގެ ތަސައްވުރު ކިލަނބުވާނެ ކަމަށް ސިޓީގައި ލިއުއްވާފައިވެ އެވެ.
މަރުކަޒީ ބޭންކުން ނޫން ގޮތެއްގައި އެ ފައިސާ ހޯދައިގެން މި މުއާމަލާތް ކުރިއަށް ގެންދިއުމުގައި ސަރުވަޝްގެ އިއުތިރާޒެއް ނެތް ކަމަށެވެ. އެގޮތުން:
ބޮންޑަށް އިންވެސްޓްކުރަން ބޭނުންވާ ފައިސާ، ބާޒާރުން ނުވަތަ ހަގީގީ އިންސްޓިޓީއުޝަނަލް އިންވެސްޓަރުންގެ ފަރާތުން ހޯދިދާނެ
ޕެންޝަން ފަންޑޫގެ އަމިއްލަ ލިކުއިޑިޓީ ބޭނުންކޮށްގެން ބޮންޑަށް އިންވެސްޓްކުރުމުގެ މުއާމަލާތް ކުރިއަށް ގެންދެވިދާނެ
އޭރަށް ޑޮލަރުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިވާއިރު، ދިމާވާނެ ހިރާސްތަކާއި ގޮންޖެހުންތައް ވެސް ކުޑަވާނެ
ނަމަވެސް މި މުއާމަލާތަށް މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފެދޭ، ރާއްޖޭގެ އިގުތިސޯދަށް ނުރައްކާ ބޮޑު، އަދި ބޯޑުގެ ފައިޑިއުޝަރީ ޒިންމާއާ ފުށުއަރާނެ މުއާމަލާތެއް ކަމަށް ވިދާޅުވި އެވެ.
މިހާރު މުއާމަލާތް ހިންގަން ނިންމި ގޮތުގެ ސަބަބުންނާއި ހުރިހާ ކަމަށް ބެލުމުން، ހަގީގަތުގައި މުއާމަލާތުގެ މެދުވެރިއަކަށް ވަނީ ޕެންޝަން އޮފީސް ކަމަށެވެ. އެއީ:
ފިނޭންސް މިނިސްޓްރީގެ ފަރާތުން ފޮނުވި ނޯޓުގައި ވެސް މުއާމަލާތުގެ އެއް ބޭނުމެއް ކަމުގައި ލިޔެފައިވަނީ ބަޖެޓަށް ފައިސާ ހޯދުން ކަމަށް
ބަޖެޓަށް ފައިސާ ހޯދަން ޕެންޝަން އޮފީހަށް ޓީ-ބޮންޑެއް ވިއްކަން ހުށަހެޅިއިރު، ޕެންޝަން އޮފީހުގައި އެ މިންވަރަށް ލިކުއިޑިޓީ ނުވަތަ ފައިސާއެއް ނެތް
ދެން އެ ފައިސާ އެމްއެމްއޭން ހޯދައިގެން ސަރުކާރު ބޮންޑުގައި އިންވެސްޓްކުރުމުން، އެ ވަނީ ޕެންޝަން ފަންޑު މެދުވެރިކޮށް އެމްއެމްއޭއިން ސަރުކާރަށް ފައިސާ ދިނުމުގެ މުއާމަލާތަކަށް
މި މުއާމަލާތުގެ ނަތީޖާއާއި ހަމަ އެމްއެމްއޭން ސީދާ ސަރުކާރަށް ދޫކުރުމާ އެއްވެސް ތަފާތެއް ނެތް
ބުނީ ކީކޭ؟ - ސަރުވަޝް ވިދާޅުވީ މި ގޮތަށް ފައިސާއެއް ދޫކުރަން ވާނީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައިވާ ހުދޫދުތަކުގެ ތެރެއިން ކަމަށެވެ. މިހާރު ސަރުކާރުން ހިންގާ މުއާމަލާތަކީ އެ ގާނޫނު ފޫއަޅުވައިލުމަށް ފަހު ކުރިއަށް ގެންދަން ރާވާފައި ކަމެކެވެ.
"މަރުކަޒީ ބޭންކުން ފައިސާ ހޯދައިގެން މި މުއާމަލާތް ހިންގާނަމަ މި ކަން ކުރެވޭނީ ރުފިޔާގެ ސަޕްލައި އިތުރުކޮށްގެން ނުވަތަ ފައިސާ ޗާޕުކޮށްގެން ނުވަތަ ރަސްމީ ރިޒާވްގައި ހުރި ޑޯލަރު މާރުކޮށްގެން،" ސަރުވަޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ބާޒާރުގައި ޑޮލަރުގެ އަގު ހިފެހެއްޓުމަށް، ރުފިޔާ ސަޕްލައި އިތުރުނުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ ވެސް ހިލާފު ކަމެއް ކަމަށެވެ.
"މީގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން ރޭޓް މަތިވެ، ޑޮލަރުގެ އަގަށް ނޭދެވޭ ބަދަލުތަކެއް އައުމަކީ އޭގެ ނުރައްކާ ބޮޑު ހިރާހެއް. މީގެ ސަބަބުން އަންނަ އިންފްލޭޝަން އިތުރު %0.11 ޕޮއިންޓުން މަތިވެއްޖެނަމަ މިއީ ޕެންޝަން ފަންޑަށް ލިބޭ ރިއަލް ރިޓާން އެއްކޮށް ގެއްލޭނެ ކަމެއް،" ސަރުވަޝް ވިދާޅުވި އެވެ.
ރައްޔިތުންނާ ގުޅުން ހުރި ދައުލަތުގެ ތިން މުއައްސަސާއަކުން ކުރާ ކަމަކަށްވެފައި، މި މުއާމަލާތުގެ ތަފުސީލްތައް ދެފުށްފެންނަ ގޮތަކަށް ހާމަކުރަމުން ނުދިއުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ