340 ބައިވެރިންނާއެކު ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބެޗު ފުރައިފި

ނޭޝަނަލް ސާވިސް ޕްރޮގްރާމް (ދިވެހި ވަތަނީ ހިދުމަތުގެ) ތަމްރީނަށް ހޮވުނު ފުރަތަމަ ބެޗު މިއަދު ފުރައިފިއެވެ.
މި ޕްރޮގްރާމަކީ، ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް އިސްކަންދީގެން ހިންގުމަށް ހަމަޖެހިފައިވާ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
ކުރިއަށް އޮތް ހަަތަރު އަހަރު، ކޮންމެ އަހަރަކު 1000 ކުދިން ތަމްރީނު ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު މޯލްޑިވްސް ނޭޝަނަލް ސާވިސްގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވާފައި ވަނީ މިދިޔަ ޖުލައި މަހުއެވެ. މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ.ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައި ވަނީ ބައިވެރިން ހޮވުމުގެ މަރުހަލާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެގޮތުގެ މަތިން ތަމްރީންގެ ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރިން މާފިލާފުއްޓަށް ފުރީ މިއަދު ހެނދުނު އެވެ.
އެއާއެކު އެ ބައިވެރިން ތިން މަސް ދުވަހުގެ ތަމްރީންތައް ފުރިހަމަ ކުރާނެއެވެ. ބައިވެރިން ތަމްރީނަށް ފުރާފައި މިވަނީ އިންޓަވިއު އާއި މެޑިކަލް ޓެސްޓްތަކާއި އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކޮށްގެންނެވެ.
ތަމްރީނުގެ ފުރަތަމަ ބުރަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 1،244 ކުދިން ކުރިމަތިލާފައިވާއިރު ދުމަތަށް މިހާރު ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނަގަމުން ގެންދާނީ އެޕްލައިކޮށްފައިވާ ތަރުތީބުން ލިސްޓުގެ ތަރުތީބުންނެވެ. މި ޕްރޮގްރާމް ފަށާއިރު، ކޮންމެ ބައިވެރިއަކަށް 6،000 ރުފިޔާގެ އެލަވަންސެއް ދޭނެއެވެ.
އަދި ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރުގެ ތަމްރީން ފަށާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ މީގެ ކުރިން މައުލޫމާތު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ