މެންޗެސްޓާ (ސެޕްޓެމްބަރު 18) - ޕީއެސްޖީގައި ދިމާވި ކަންތައްތަކަށް ފަހު، އިޓަލީގެ ގޯލްކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ އަށް ފުޓްބޯޅަ ކެރިއަރުގައި ކުރިއަށްދިއުމަށް މަގެއް ހޯދުމަށް ވިސްނިއިރު، ފެނުނު ހައްލަކީ، މެންޗެސްޓާ ސިޓީ ކަމަށް ބުނެފި އެވެ.
ޑޮނަރުންމާ، 26، އަކީ މިދިޔަ ސީޒަނުގައި، ޕީއެސްޖީން އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ޕީއެސްޖީއާ ޖެހުނު މައްސަލަތަކަކަށް ފަހު، އެ ކްލަބް ދޫކޮށް ޑޮނަރުންމާ، ސިޓީ އަށް ބަދަލުވީ، ޖުމްލަ އެކު، 30 މިލިއަން ޑޮލަރު އަރާ ޑީލެއްގެ ދަށުންނެވެ.
ޑޮނަރުންމާއާ އެކު، ޕީއެސްޖީން ހަދާފައި އޮތް ކޮންޓްރެކްޓް އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުން އާ ކުރަން ޕީއެސްޖީން ޑޮނަރުންމާއާ އެކު ކުރި މަޝްވަރާތައް ހުއްޓާލީ މުސާރައަކާ މެދު ގޮތެއް ނުނިންމިގެންނެވެ. އޭގެ ފަހުން، ޑޮނަރުންމާ ދޫކޮށްލަން ނިންމައި، ޕީއެސްޖީން ވަނީ ލިލް އަށް ކުޅޭ ފްރާންސް ގައުމީ ޓީމުގެ ގޯލްކީޕަރު، ލޫކަސް ޝެވަލިއޭ، 60 މިލިއަން ޑޮލަރު ދީފައި ވަނީ ގަނެފަ އެވެ.
ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑުން ޑޮނަރުންމާ ގަންނަން ވާދަކުރި އެވެ. ސިޓީން އޭނާގެ ސޮއިހޯދިއިރު، އެ ޓީމުގެ ޖޯޒީގައި ޑޮނަރުންމާ ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް އަތުން ވަނީ މޮޅުވެފަ އެވެ. ޑޮނަރުންމާ ބުނީ، ފުރަތަމަ ވެސް ބޭނުންވީ ސިޓީއާ ގުޅެން ކަަމަށެވެ.
"އަހަންނަށް ވަރަށް ސާފުކޮށް ވިސްނިފައި އޮތީ އަހަރެން އަންނަން ޖެހޭނީ މި ޓީމަށޭ، އަހަރެން ވަރަށް އުފަލުން މި ހުރީ ސިޓީ އަށް އާދެވުނީތީ. މި ތާގައި މި އޮތް އާދަޔާހިލާފު ޓީމުގައި ބައިވެރިވެވުނީތީ. މި ފަހަރުގެ ޓްރާންސްފާގެ ކުރިން ވެސް އެނގިފައި އޮތީ ސިޓީން އަހަންނަށް ޝައުގުވެރިވާކަން. އެ ގުޅުން އިތުރަށް ކުރިއަރައިގެންދިޔައީ، ކްލަބް ވޯލްޑް ކަޕަށް ފަހު ހިނގައިދިޔަ ކަންތައްތަކުން،" ޑޮނަރުންމާ، ސިޓީއާ ދިމާލަށް މިސްރާބު ޖަހައި، އެ ޑީލް ހިނގައިދިޔަ ގޮތަށް އިޝާރާތްކޮށް ބުންޏެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ވިސްނުން ހުރީ ޑޮނަރުންމާ ގެންނަން ކަމަށްވާތީވެ، އެ ޑީލްގެ ކަންކަން އަވަހަށް ކުރިއަށްދާން ބާރުއެޅުނު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ޕީއެސްޖީން މި ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގާއި ފްރާންސްގެ ތިން މުބާރާތުގެ ތަށި ހޯދިއިރު ޑޮނަރުންމާ ވަނީ ގިނަ މެޗުތަކެއްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޒުވާން އުމުރެއްގައި އޭސީ މިލާނުގެ ފުރަތަމަ ޓީމަށް ކުޅެން ފެށި ޑޮނަރުންމާ، އެ ޓީމު ދޫކޮށްލީ 2021 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގަ އެވެ. މިހާތަނަށް ޕީއެސްޖީ އަށް 161 މެޗު ކުޅެދީފައިވާއިރު، އެ ޓީމާ އެކު، 10 ޓްރޮފީ ހޯދި އެވެ.
ޕީއެސްޖީގެ ކާމިޔާބީގައި ބޮޑު ހިއްސާއެއް އޮތް، ޑޮނަރުންމާ، ސިޓީއާ އެކު ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ މެޗަކީ، އިޓަލީގެ ޗެމްޕިއަން ނަޕޯލީއާ ބައްދަލުކުރާ މެޗެވެ.
ޑޮނަރުންމާ އަށް ފެނުނު ހައްލަކީ މެންޗެސްޓާ ސިޓީ ޑޮނަރުންމާ އަށް ފެނުނު ހައްލަކީ މެންޗެސްޓާ ސިޓީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ