ދިވެހިރާއްޖެއަކީ އެންމެ ކުދި ޤައުމުތަކުގައިވެސް ޑިމޮކްރަސީ ކުރިއަރާނެކަމުގެ ހެއްކެއް: ރައީސް

ދިވެހިރާއްޖެއަކީ އެންމެ ކުދި ޤައުމުތަކުގައިވެސް ޑިމޮކްރަސީ ކުރިއަރާނެކަމުގެ ހެއްކެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި، ހިއްސާކުރެއްވި މެސެޖުގައެވެ.
ރައީސް މުޢިއްޒު ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވެފައިވަނީ ނިންމުންތައް ނިންމާ ކޮންމެ މަރުހަލާއެއްގައިވެސް އަންހެނުންނާއި ޒުވާނުން ތަމްސީލުކުރާ މިންވަރު ވަރަށްބޮޑަށް އިތުރުކުރައްވައި، ގޮތް ނިންމުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ގިނަ ބައެއްގެ އަޑުއެހުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދިވެހިރާއްޖޭގައި ޑިމޮކްރެސީ ކުރިއަރާ ގޮސްފައިވަނީ ރައްޔިތުންގެ ސާބިތުކަމާއި، އެއްބައިވަންތަކަމާއި، ޢަޒުމް ވަރުގަދަވުމުގެ ސަބަބުންކަމަށް ރައީސް ފާހަގަކުރައްވައި، ވެރިކަން ހިންގުމުގެ ކޮންމެ ދާއިރާއެއްގައިވެސް ރައްޔިތުންގެ އަޑު އުފުލައި، ރައްޔިތުންގެ އުންމީދުތައް ބަލައިގަނެ، އެ އުންމީދުތަކުގެ އަގު ވަޒަން ކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ޤައުމުގެ މުސްތަޤްބަލް ބައްޓަން ކުރުމުގައި އަންހެނުންނާއި ޒުވާނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށްޓަކައި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ތަފާތު ބަދަލުތައް ގެނައުމަށް މި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
މީގެއިތުރުން، ހައްޤުތައް ހޯދުމަށް މަސައްކަތްކުރަމުންދާ ހުރިހާ ފަރާތްތަކާއެކު ރާއްޖެއިން ސާބިތުކަންމަތީ ދެމިއޮންނާނެކަން ފާހަގަކުރައްވައި، ވަކިން ޚާއްޞަކޮށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެ ބައިވެރިވާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.
ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަން ފެށީ 15 ސެޕްޓެމްބަރ 2008 ގައެވެ. މި ދުވަސް ފާހަގަކުރަން ނިންމާފައިވަނީ، މި ދުވަހަކީ ޑިމޮކްރަސީގެ އުސޫލުތައް ކަށަވަރުކޮށްދޭ 'ޔުނިވަރސަލް ޑެކްލަރޭޝަން އޮން ޑިމޮކްރަސީ'، 1997 ވަނަ އަހަރު، އިންޓަރޕާލަމެންޓްރީ ޔޫނިއަނުން ބަލައިގަތް ދުވަސް ކަމަށްވާތީއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ