ރާއްޖެ އާއި ފިލިޕީންސް މެޗުގެ ޓިކެޓް ވިއްކަން ފަށައިފި

އަންނަ އަންގާރަދުވަހު މާލޭގައި ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރާ މެޗުގެ ޓިކެޓް މިއަދު ވިއްކަން ފަށައިފި އެވެ.
އެފްއޭއެމުން ބުނީ ގޮނޑިބަރި އާއި ސިޑިބަރީގެ ޓިކެޓް މިއަދު ހަވީރު 4:00އިން ފެށިގެން ގަލޮޅު ދަނޑުން ލިބެން ހުންނާނެ ކަމަށެވެ. ގޮނޑިބަރީގެ ޓިކެޓްގެ އަގަކީ 100ރ އެވެ. ސިޑިބަރިން ޓިކެޓް ވިއްކަނީ 50ރ. އަށެވެ.
އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް އޭގެ މި މެޗު ފަށާނީ އަންގާރަދުވަހު ހަވީރު 3:30ގަ އެވެ.
ގްރޫޕްގެ ފުރަތަމަ މެޗުގައި ފިލިޕީންސްގައި ކުޅެ ރާއްޖެ ބަލިވީ 4-1 އިންނެވެ.
މި ގްރޫޕްގައި މިހާތަނަށް ޕޮއިންޓެއް ނުލިބެނީ ރާއްޖެއަށެވެ. ހަތަރު ޓީމު ހިމެނޭ ގްރޫޕްގައި ފިލިޕީންސް އާއި ތަޖިކިސްތާން މި ވަގުތު އޮތީ 10 ޕޮއިންޓުން އެއްވަރުވެފަ އެވެ.
ދެން މި ގްރޫޕްގައި ވާދަކުރާ ޓިމޯ ލެސްޓޭ ވަނީ އޮސްޓްރޭލިޔާގައި ކުޅުނު މެޗުގައި ރާއްޖެ އަތުން މޮޅުވެ ތިން ޕޮއިންޓް ހޯދައިފަ އެވެ.
ފިލިޕީންސްއަކީ ކުރިން ރާއްޖެއަށް ވުރެ ދަށް ގައުމެކެވެ. ނަމަވެސް މިދިއަ 10 އަހަރުގެ ތެރޭގައި އެ ގައުމުން ވަނީ ބޭރުގައި އުޅޭ ފިލިޕީންސް ދަރިކޮޅުގެ ކުޅުންތެރިން ވެސް ހިމަނައިގެން ފުޓްބޯޅައަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ