އީރާނުން ރާއްޖެ ބަލިކުރީ 43 ޕޮއިންޓުގެ ބޮޑު ތަފާތަކުން
ސަޢުދީ ޢަރައްބިޔާގެ ރިޔާޟުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އީރާން ރާއްޖޭގެ ގައުމީ ހޭންޑްބޯޅަ ޓީމު 43 ޕޮއިންޓުގެ ބޮޑު ތަފާތަކުން ބަލިކޮށްފިއެވެ. މިއީ މުބާރާތުގާއި ގައުމީ ފިރިހެން ހޭންޑްބޯޅަ ޓީމު ކުޅުނު ތިންވަނަ މެޗެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި އިރާނުން ވަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅެފައެވެ. އަދި ޚާއްސަކޮށް އެ ޓީމަށް ލިބޭ ކައުންޓަރ އެޓޭކުތަކުގައި ލިބޭ ގިނަ ފުރުސަތުތަކުގައި އިރާނުން ދިޔައީ ލަނޑު ޖަހަމުންނެވެ. ފުރަތަމަ ހާފުގެ 10 މިނެޓު ނިމުނުއިރު ރާއްޖެއިން ވަނީ 2 ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ޖަހާފައިވަނީ އަޙްމަދު ރަޒުނީއެވެ. އަދި ދެވަނަ ލަނޑު ޖަހައިދިނީ ޢަބްދުﷲ ޒިޔާޢުއެވެ. ފުރަތަމަ ހާފުގައި ރާއްޖެއިން ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޢަބްދުﷲ ނާޖީއެވެ. އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއާއި އީރާން ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އެމްއޯސީ މެޗުގެ ފުރަތަމަ 15 މިނެޓުގެ ކުޅުން ނިމުނުއިރުގައި ރާއްޖޭގެ ކީޕަރު އަހުމަދު އިނާޝް ވަނީ އިރާނުން ފޮނުވާލި ބައެއް ހަމަލާތައް ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ރާއްޖެއިން ޖެހި ހަތަރުވަނަ ލަނޑުވެސް ކާމިޔާބުކޮދިނީ ނާޖީއެވެ. މެޗުގެ 19 ވަނަ މިނެޓުގައި އިރާނަށް ލިބުނު ޕެނަލްޓީވެސް ރާއްޖޭގެ ކީޕަރު އިނާޝް ވަނީ ދިފާއުކޮށްފައެވެ. ރާއްޖޭގެ ނާޖީއަށް ކުރި ފައުލަކާ ގުޅިގެން މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް އިރާންގެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކައި ކޯޓުން ފޮނުވާލާފައެވެ. މެޗުގައި ރާއްޖެއިން ކާމިޔާބުކުރި ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އަސްލަމެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުއިރުގައި އިރާނުން ލީޑު ކުރަމުންދިޔައީ 24-5 ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެވަނަ ހާފުގައިވެސް ރާއްޖެއަށް ލަނޑު ޖެހުމަށް އެންމެ ބޮޑު ހުރަހަކަށްވެފައިވަނީ އިރާންގެ ޑިފެންސް ވަރުގަދަކަމުންނެވެ. އެކަމަކު ރާއްޖެއިން ވަނީ ދެވަނަ ހާފުގެ ހަތްވަނަ މިނެޓާއި އަށްވަނަ މިނެޓުގައި ދެ ލަނޑު ޖަހާފައެވެ. މި ދެ ލަނޑުވެސް ރާއްޖެއަށް ކާމިޔާބުކޮށްދިނީ ރަޒުނީއެވެ. އަދި ޒިޔާޢު ވަނީ އިތުރު ލަނޑެއް ރާއްޖެއަށް ކާމިޔާބުކޮށްދީފައެވެ. މި މެޗު ނިމިފައިވަނީ އިރާން ބޮޑު ތަފާތަކުން ލީޑުގައި އޮވެގެންނެވެ. އެގޮތުން އީރާނުން މެޗު ކާމިޔާބުކޮށްވަނީ 57-14 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގައި ފިރިހެން ޓީމުން ދެން ކުޅޭނީ އަންގާރަ ދުވަހުއެވެ. ރާއްޖެ ގަޑިން މެންދުރު 12 ޖަހާއިރު ކުޅޭ މި މެޗުގައި ގައުމީ ޓީމު ކުންނާނީ ގަތަރާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ