ބަންކަރިން ހިދުމަތާއެކު ފަށަން ބުނި 14 ހިދުމަތުގެ އަދާހަމަ އާއި ބަންކަރިން ހިދުމަތުގެ ސަބަބުން އުފެދުނު ވަޒީފާތަކުގެ ތަފުސީލު އެނގިވަޑައިނުގަންނަވާ ކަމަށް އިކޮނޮމިކް މިިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން ކަނޑިތީމު ދާއިރާގެ މެންބަރު، އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ބަންކަރިން ހިދުމަތުގެ ސިޔާސަތު ސަރުކާރުން ކަނޑައެޅުމަށްފަހު އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެސްޓީއޯއާ ކަމަށެވެ. އެހެންކަމުން އެ ހުރިހާ ކަމެއްގެ ތަފުސީލު އެސްޓީއޯގައި ހުންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
"ދެން މިއާ ގުޅިގެން 14 ކަމެއް މެރިޓައިމް ދާއިރާއަށް އަންނާނެޔޭ ނުވަތަ އައިސްފިތޯ އެ ސުވާލުތަކާއި އަދި އޭގެ ސަބަބުން އުފެދުނީ ކިތައް ވަޒީފާކަމާއި އޭގެ ސަބަބުން ކިތައް ބޯޓު އައިސްފިކަމާއި މި ހުރިހާ އެއްޗެއް، އަޅުގަނޑު ވާހަކަ ފަށަމުން ވެސް މި ދެންނެވީ މި ހިދުމަތް ދިނުމަށް އެސްޓީއޯއަށޭ އެއޮތީ ހަވާލުކޮށްފައި، އެ ބޭފުޅުން އަތްޕުުޅުގައި ހުންނާނެ ތި ހުރިހާ ތަފުސީލެއް،" ސައީދު ވިދާޅުވި އެވެ.
އަމީން ފައިސަލް ސުވާލު ކުރެއްވީ ބަންކަރިން ހިދުމަތާއެކު ފަށަން ނިންމި 14 ހިދުމަތް ފެށިފައި ވޭތޯ އާއި ބަންކަރިން ހިދުމަތުގެ ސަބަބުން މިހައިތަނަށް އުފެދުނީ ކިތައް ވަޒީފާތޯ އެވެ. އޭގެއިތުން ފާއިތުވި އެއް އަހަރު ތެރޭގައި ކިތައް ބޯޓު ބަންކަރިންގެ ހިދުމަތް ރާއްޖެއިން ހޯދިތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.
އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބުނެ ފެށި ބަންކަރިންގެ ހިދުމަތުން އިއްޔެއާ ހަމައަށް ލިބުނީ 192،149،939ރ. ގެ އާމްދަނީއެއް ކަމަށް ސައީދު ވިދާޅުވި އެވެ. އެއީ ބޭންކު ރޭޓުން ބަލާނަމަ 12.46 މިލިއަން ޑޮލަރެވެ.
އޭގެއިތުރުން އެ މުއްދަތުގެ ތެރޭގައި ޓެކުހުގެ ގޮތުގައި އެ ހިދުމަތުން 17 މިލިއަން ރުފިޔާ ލިބުނު ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އެއީ ބޭންކު ރޭޓުން ބަލާނަމަ 1.1 މިލިއަން ޑޮލަރެވެ.
ބަންކަރިންގެ ހިދުމަތުން އަހަރެއްގެ ތެރޭގައި 400 މިލިއަން ޑޮލަރު ލިބޭނެކަމުގެ ޔަގީންކަން ވެރިކަން ހިންގާ ޕީއެންސީގެ ހަރުގޭގައި ޖުލައި 7، 2024، ގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސައީދު ވަނީ ދެއްވައިފަ އެވެ.
"ކޮބައިތޯ މިކަމުން [ބަންކަރިން އިން] އިކޮނޮމީއަށް އަންނަ ބަދަލަކީ. ހަމައެކަނި ފުރަތަމަ. މި ޖުލައި މަސް ނިމޭއިރުގަ ބަންކަރިންގެ ހިދުމަތް ފަށައިގެން އަންނަ އަހަރުގެ ޖުލައި އަންނަން ވާއިރު. އަޅުގަނޑުމެން އަންދާޒާކޮށްލިއިރު. އަޅުގަނޑު ދެންމެ މި ދެންނެވި ރާއްޖޭގެ ޖީޑީޕީ އަކީ 6.5 ބިލިއަން އެމެރިކާ ޑޮލަރު. އޭގެތެރެއަށް އިރާދަކުރެއްވިއްޔާ މުޅިން އައު 400 މިލިއަން ޑޮލަރު ވަދެގެން ދާނެ،" ސައީދު އެ ދުވަހު ވިދާޅުވި އެވެ.
ބަންކަރިންގެ ހިދުމަތާއެކު ވަރަށް ބައިވަރު ހިދުމަތްތައް ފަށާނެ ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެ އެވެ. އޭގެތެރޭގައި ޝިޕް ޓު ޝިޕް ސާވިސް އާއި ކްރޫ ޗޭންޖު ހިދުމަތުގެ އިތުރުން ވޯޓާ ބަންކަރިން އާއި މެއިންޓެނެންސް ހިދުމަތް އަދި ބޯޓުފަހަރަށް ޕްރޮވިޝަންސް ސަޕްލައި ކޮށްދިނުން ހިމެނެ އެވެ.
ބަންކަރިންނާއެކު ފަށަން ބުނި ހިދުމަތްތަކާއި އުފެދުނު ވަޒީފާތަކުގެ ތަފުސީލެއް ސައީދަކަށް ނޭނގޭ ބަންކަރިންނާއެކު ފަށަން ބުނި ހިދުމަތްތަކާއި އުފެދުނު ވަޒީފާތަކުގެ ތަފުސީލެއް ސައީދަކަށް ނޭނގޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ