މަސްވެރިންގެ އިހުތިޖާޖު: ބިދޭސީ ފަޅުވެރިން ހައްޔަރުކުރާނެ ކަމުގެ އިންޒާރާއެކު ވެސް ނުހުއްޓާނެ ކަމަށް ބުނެފި
ބޮޑު ކަންނެލި މަސްވެރިން ކުރަމުންދާ އިހުތިޖާޖަށް ހުރަސްއަޅައި ބިރުދެއްކުމުގެ ގޮތުން ބިދޭސީ ފަޅުވެރިން ހައްޔަރުކުރާނެ ކަމަށް ފުލުހުން އިންޒާރުދެމުންދާ ކަމަށާއި، ނަމަވެސް އެ އިންޒާރުތަކަކުން ވެސް ނުހުއްޓާނެ ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން މިރޭ ބުނެފިއެވެ. ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި އެ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ މިއަހަރުގެ މެދުތެރެއިން ފެށިގެން މި ދުވަހަށް ތައްޔާރުވަމުން ދިޔަ ކަމަށެވެ. ސަބަބަކީ މި ސަރުކާރަށް ދެއަހަރުވި އިރު ވެސް ބޮޑު ކަންނެލި މަސްވެރީންގެ ކަންބޮޑުވުންތަކަށް ހައްލު ނުލިބުން ކަމަށް އޭނާ ވިދާޅުވިއެވެ. "ސަރުކާރުން އަބަދުވެސް ބުނަނީ މަސްވެރިންގެ ކަންކަން ހައްލުކޮށްދޭނެކަމަށް. ނަމަވެސް މިއަދާ ހަމައަށް އެ ބުނާ ކަންކަން ފެށިފައެއް ވެސް ނެތް. އަދި ފެށުމުގެ މަގުމަތީގައި އޮތް ކަމަކަށް ވެސް މަސްވެރީންނަށް ގަބޫލެއް ނުކުރެވޭ،" މައުރޫފް ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ މިއީ ސިޔާސީ ބޭނުމެއްގައި ކުރާ އިހުތިޖާޖެއް ނޫން ކަމަށާއި ރިޔާސީ އިންތިޚާބާ ދިމާކޮށް ސަރުކާރުން ވި ވައުދުތައް ފުއްދައިދޭން މަސައްކަތްކުރާ މަންޒަރު ވެސް ނުފެންނަ ކަމަށެވެ. އެއާއެކު ދެ އަހަރު ވަންދެން މަޑުކުރުމަށްފަހު، ކަންނެލި މަސްވެރިންގެ ހާލަތު ދަށަށް ގޮސް، އެ މީހުން ބާނާ މަސްތައް ނުވިކި ހާލުގައިޖެހޭތަން ބަލަން ނުތިބެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދޭން މި ގޮވާލަނީ. މަސްވެރީންނަށް ހިލޭ ލާރިތަކެއް ދޭށެކޭ ނޫން،" ނުރުހުން ފާޅުކުރައްވައި މައުރޫފް ވިދާޅުވިއެވެ. ބޮޑު ކަންނެލި މަސްވެރިން އިހުތިޖާޖުގައި: ބިދޭސީ ފަޅުވެރިން ހައްޔަރުކުރާނެ ކަމުގެ އިންޒާރާއެކު ވެސް ނުހުއްޓާނެ ކަމަށް ބުނެފި -- ސަން ފޮޓޯ/ މޫސާ ނަދީމް މައުރޫފް ވިދާޅުވީ ފުލުހުން އައިސް ބިރުދައްކައި އިންޒާރު ދެމުންދާ ކަމަށެވެ. އަދި އެމީހުން ބުނާ ގޮތުގައި ބިދޭސީންނަކަށް މުޒާހަރާއެއް ނުކުރެވޭނެއެވެ. ނަމަވެސް ހަގީގަތަކީ އެއީ ދޯނިތަކުގެ ވެރިން އިސްނަގައިގެން ކުރާ ސުލްހަވެރި އިހުތިޖާޖެއް ކަމަށާއި، މަސް ދޯނިތަކުގައި ދިރިއުޅޭ ބިދޭސީ ފަޅުވެރިން އެ ދޯނިތައް ދާ ތަނަކަށް ދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. "ފުލުހުން އަޅުގަނޑުމެންނަށް ބިރު ދައްކައި އިންޒާރުދީފި. މި ދޯނިތަކުގައި ވެސް ސައްހަ ކޯޓާގެ ދަށުގައި ތިބި ބިދޭސީން ގިނަވާނީ. ދިރިއުޅޭނީ މިތަނުގައި އެމީހުން. މި ދޯނިތައް ދާ ތަނަކަށް މިމީހުން ވެސް ދާނެ އެއީ އެމީހުންގެ ގެދޮރު ވީމަ. މި ދޯނިތަކުގެ ވެރިންނާއި އިސްފަރާތުން އިސް ނަގައިގެން ކުރާ ކަމެއް މީ. ބިދޭސީންނަށް މުޒާހަރާ ނުކުރެވޭނެއޭ ހައްޔަރުކުރާނަމޭ ބުނީމާ މިއިނގެނީ އެ ނޫން ގޮތެއް ސަރުކާރަށް ނެތީކަން ހުއްޓުވަން،" މައުރޫފް ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން 'ސަން'އާ ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ސަރުކާރާއެކު އެއްބަސްވުމަކަށް އާދެވެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އޭގެ ކުރިން ނުހުއްޓާނެ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/215120 ފާހަގަކުރެވޭ ގޮތުގައި މިއަދު ހެނދުނު، ކަނޑުމަތީގައި އިހުތިޖާޖު ފެށުމަށްފަހު، އިހުތިޖާޖުގެ ބައިވެރިންގެ ޑިމާންޑުތަކަށް ސަރުކާރުން ޖަވާބު ނުދޭކަމަށް ބުނެ މިސްރާބުޖެހީ މާލެއާ ދިމާއަށެވެ. ރަސްމީ ފާލަން ދޮށަށް ބޮޑުކަންނެލި މަސްވެރިންގެ އޮޑިދޯނިފަހަރު އެއްވިއިރު، ކޯސްޓުގާޑުގެ ޝިޕަކާއި ފުލުހުންގެ ލޯންޗުތަކެއްވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވިއެވެ. އިއްޔެ ނެރުނު ބަޔާނުގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ވަނީ މި ސަރުކާރުގެ މެނިފެސްޓޯގައި ކަންނެލި މަސްވެރިންނަށް ކޮށްދެއްވާނެ ކަމަށް ހިމަނާފައިވާ ކަންކަން ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި: ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުން ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާ އަދި 100 ރުފިޔާ ކަމަށް ހެދުން މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށާއި، ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖެއްސުން ސަރުކާރުގެ އެ ވައުދުތައް ފާހަގަކޮށް، އެ ވައުދުތައް ފުއްދުމަށް އެދި މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ސިފަސިފައިގައި ގޮވާލަމުން އައިކަން އެ ޔޫނިއަނުން ފާހަގަކުރިއެވެ. އަދި އެކި މަޝްވަރާ ބައްދަލުވުންތައް ސަރުކާރާއި މަސް ގަންނަ ފަރާތްތަކާއެކު ބޭއްވުމުގެ އިތުރުން ބަޔާންތައް ނެރެފައިވާނެ ކަމަށްވެސް ބުންޏެވެ. ޑިމާންޑުތަކަށް ޖަވާބު ނުލިބޭކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިން އިހުތިޖާޖުކުރަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް، ވިއްކައިފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ލަސްވުން ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވާއިރު، ބޮޑުކަންނެލީގެ އަގުދަށްވުން ކަމަށެވެ. އެކަން ހައްލުކުރުމަށް ބޮޑުކަންނެލި މަސްވެރިން އެދެނީ ސަރުކާރުން އެ ކަމަަށް ވަދެ، ވިޔަފާރި ފުޅާކުރަން ކަމަށާއި، ސަރުކާރުން ވީ ވައުދުތައް އަވަހަށް ފުއްދަން ކަމަށެވެ. ވައުދު ފުއްދުމުގެ ދަށުން، ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސްކުރަން ތަރައްގީކުރާ ފެސިލިޓީގެ އަމަލީ މަސައްކައި އަންނަ މަހު ފަށަން ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ