ހިތަދޫ ބޭރުމަތި ދާއިރާ މި ފަހަރު ވެސް އަންހެނަކަށް ޚާއްސަކުރަނީ ލާމަރުކަޒީ ރޫހާ ޚިލާފަށް ކަމަށް ބުނެ ކަންބޮޑުވުން

އައްޑޫ ހިތަދޫ ބޭރުމަތި ދާއިރާ ދެވަނަ ފަހަރަށްވެސް އަންހެން ކައުންސިލަރަކަށް ޚާއްސަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ލާމަރުކަޒީ ގާނޫނުގެ ރޫހާ ޚިލާފަށް، ދާއިރާގެ ފިރިހެނުން އިންތިޚާބަށް ކުރިމަތިލުމުގެ ހައްގުން މަހުރޫމްވާ ގޮތަށް ކަމަށް ބުނެ، ބައެއް ރައްޔިތުން ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ސިޓީތަކުން އަންހެން ކައުންސިލަރުން އިންތިޚާބުކުރާނެ ދާއިރާތައް ކަނޑައަޅައިފައެވެ. އެ އިއުލާނުގައިވާ ގޮތުން އައްޑޫ ސިޓީ ކައުންސިލުން، އަންހެން ކައުންސިލަރުން އިންތިޚާބުކުރަންޖެހޭ ހަތަރު ދާއިރާއެއް ވެއެވެ. އެ ދާއިރާތަކަކީ: ހިތަދޫ މާމެންދޫ ދާއިރާ ހިތަދޫ ބޭރުމަތި ދާއިރާ މަރަދޫ ދާއިރާ ފޭދޫ މަގުއްދޫ ދާއިރާ އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދަށް ފޮނުވުމަށް ތައްޔާރުކުރި ސިޓީއެއްގައި 'ސަން' އަށް ވަނީ ލިބިފައެވެ. އޭގައި ވަނީ، ހިތަދޫގެ ހަ ދާއިރާގެ ތެރެއިން، އަންހެނުންނަށް ދެ ދާއިރާއެއް ޚާއްސަކުރަންޖެހޭއިރު، ހިތަދޫ ބޭރުމަތި ދާއިރާ އަނެއްކާވެސް އަންހެނުންނަށް ޚާއްސަކުރެވިފައިވާ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ސިޓީގައި ވަނީ، ހަ ދާއިރާގެ ތެރެއިން ދައުރުވާގޮތަށް ކޮންމެ އިންތިޚާބަކު ދެ ގޮޑިއެއް، ތިން ދައުރެއްތެރޭ ފުރިހަމަ ކުރެވޭނެކަން ބުއްދީގެ ހަމަތަކުން ވެސް އެނގޭ ކަމަށެވެ. އެ ސިޓީގައި ބުނީ، އިލެކްޝަންސް ކޮމިޝަނުން ހިތަދޫ ބޭރުމަތި ދާއިރާ އަންހެނުންނަށް ޚާއްސަ ގޮނޑިއެއް ގޮތުގައި ކަނޑައަޅާފައިވަނީ ލާމަރުކަޒީ ގާނޫނުގެ 41ވަނަ މާއްދާގެ ރޫހާ ޚިލާފަށް، ދާއިރާގެ ފިރިހެނުންނަށް ކުރިމަތިލުމުގެ ހައްގުން މަހުރޫމްވާ ގޮތަށް ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި، ލާމަރުކަޒީ ގާނޫނުގެ ދަށުން ފުރަތަމަ އިންތިޚާބުގައި އަންހެން ކައުންސިލަރުން އިންތިޚާބުކުރާނެ ދާއިރާތައް ކަނޑައަޅަންވާނީ ގުރުއަތުލައިގެންނެވެ. އަދި އޭގެ ފަހުން ބޭއްވޭ އިންތިޚާބުތަކުގައި އަންހެން މެންބަރުން އިންތިޚާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ އެ ސިޓީއެއްގައި ހިމެނޭ ހުރިހާ ދާއިރާއެއް ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށް، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ