ކޮރަޕްޝަނަކީ ދިވެހި ތަރިކައެއްގެ ގޮތުގައި ބެލެވޭނެ ހެއްޔެވެ؟

ކޮރަޕްޝަނަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް ގިނައިން އަޑުއިވޭ ބަހެކެވެ. ނަމަވެސް، މި ބަހުގެ މާނަ އެކި ފަރާތްތަކުން ތަފާތު ގޮތްގޮތަށް ބޭނުންކުރާކަން ފާހަގަކުރެވެއެވެ. އަޅުގަނޑުގެ ނަޒަރުގައި ކޮރަޕްޝަނަކީ، މަޤާމުގެ ނުފޫޒު ނާޖާއިޒު ގޮތެއްގައި ބޭނުންކޮށްގެން ޒާތީ މަންފާއެއް ހޯދުން ނުވަތަ އެފަދަ މަންފާއެއް ހޯދައިދިނުމެވެ. ދިވެހިރާއްޖޭގައި ހިންގާ ކޮރަޕްޝަންގެ ޢަމަލުތަކުގެ ތެރޭގައި، ކޮންޓްރެކްޓް ދިނުމާއި، މުދާ ހޯދުމާއި، ބިން ދޫކުރުމުގެ މުޢާމަލާތްތަކުގައި ހިމެނޭ ނާޖާއިޒު ފައިދާތައް ހިމެނެއެވެ. މީގެ އިތުރުން، ވަޒީފާ ދިނުމާއި މަޤާމުގެ ކުރިއެރުން ހޯދައިދިނުމުގައި ހިންގާ ބޭއިންސާފީ ޢަމަލުތަކާއި، ދައުލަތުގެ ވަސީލަތްތައް ކަމަށްވާ، އުޅަނދުފަހަރާއި، މުދަލާއި، ފައިސާ އަދި ނުފޫޒު، ޤަވާއިދާ ޚިލާފަށް ބޭނުންކުރުން ވެސް ކޮރަޕްޝަންގެ ތެރޭގައި ހިމެނެއެވެ. ފަތުރުވެރިކަމަށް ފަޅުފަޅާއި ރަށްރަށް ކުއްޔަށް ދިނުމާއި ބޮޑެތި ސިނާޢީ މަޝްރޫޢުތައް ހިންގުމުގެ ތެރެއިން ވެސް ކޮރަޕްޝަންގެ ޢަމަލުތައް ފެންމަތިވެފައިވެއެވެ. މިކަމުގެ އެންމެ ފަހުގެ މިސާލެއްގެ ގޮތުގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ފާހަގަކުރެވެއެވެ. އަދި އިންތިޚާބުތަކަށް ފައިސާ ހޯދުމާއި ޚަރަދުކުރުމުގެ ކަންކަމާއި، އިޖުތިމާޢީ ޒިންމާގެ ދަށުން ކުރެވޭ ޚަރަދުތަކުގައި ވެސް ކޮރަޕްޝަން ހިނގާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ހުއްދަތަކާއި ލައިސަންސް ފަދަ ކަންކަން އަވަސްކޮށްދިނުމުގެ ނަމުގައި، 'ސަޔަކަށް' ނުވަތަ 'ކޮފީއަކަށް' އެއްޗެއް ދިނުމަކީ އިދާރީ މާހައުލުގައި ހިނގާ ކުދިކުދި ކޮރަޕްޝަންގެ ޢަމަލުތަކެވެ. ކޮރަޕްޝަން މިހާ ބޮޑަށް މުޖުތަމަޢުގައި ފެތުރިފައިވާ ސަބަބުތަކެއް އެބަހުއްޓެވެ. ރަށްތައް ކުދިވެފައި، އެކަކު އަނެކަކު ދަންނަ މާހައުލަކަށްވުމުން، ކޮރަޕްޝަނާ ގުޅޭ މައްސަލަތަކުގައި ފިޔަވަޅު އެޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. އަދި މިނިވަން މުއައްސަސާތަކާއި ސަރުކާރު ކުންފުނިތައް ހިމެނޭ ގޮތަށް، ދައުލަތުގެ ވަޒީފާގެ ނިޒާމު އެކި ނުފޫޒުތަކުން ބަނދެވިފައިވުމާއި، އިންތިޚާބުތަކަށް ސަރުކާރަށް "އަވަސްތާއީދު" ހޯދަން އޮންނަ ޕްރެޝަރަކީ ވެސް ކޮރަޕްޝަން ހުއްޓުވުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް ދައުލަތުން ޒިންމާމަތިކޮށްފައިވާ އިދާރާތަކަށް މިނިވަންކަން ނެތުމާއި، ކަންކަން ކުރުމުގައި ޤަވާއިދަށްވުރެ ބޮޑަށް، މީހަކާ ގާތްކަމުގެތެރެއިން ނުވަތަ ގުޅައިގެން ކަންކަން ކުރުމުގެ ސަގާފަތެއް އޮތުމާއި، ބޮޑެތި މާލީ ނިންމުންތަކުގައި ޖަވާބުދާރީކުރުވުމުގެ ހަރުދަނާ އުޞޫލުތަކެއް ނެތި ނިންމުމުގެ ފުރުޞަތު އޮތުމަކީ ވެސް ކޮރަޕްޝަން ފެތުރުމަށް މަގުފަހިވާ ކަންކަމެވެ. މީގެ އިތުރުން ސިޔާސީ ޕްރެޝަރާއި ބިރުވެރިކަމަކީ ވެސް މި ދާއިރާގައި ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކެވެ. ކޮރަޕްޝަންގެ ވަބާގެ ސަބަބުން ލިބޭ ގެއްލުމަކީ ހަމައެކަނި ޚިޔާނާތްގެ ގޮތުގައި ގެއްލޭ ފައިސާއެއް ނޫނެވެ. އަޅުގަނޑަށް ދިމާވި ޒުވާނުން ގަބޫލުކުރާ ގޮތުގައި، ހަމައެކަނި ތަޢުލީމަކުން ނުފުދެއެވެ؛ ވަޒީފާއެއް ލިބެނީ ކޮންމެވެސް ނުފޫޒުގަދަ ފަރާތެއްގެ އެހީއާ އެކުގައެވެ. ކުދި ވިޔަފާރިވެރިން ބުނާ ގޮތުގައި ސިޔާސީ ގުޅުންތަކެއް ނެތްނަމަ ކޮންޓްރެކްޓްތައް ލިބުމުގެ ފުރުޞަތު ކުޑައެވެ. ޢާންމު ޚިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ކަމަށްވާ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ހައުސިން ޕްރޮޖެކްޓްތަކާއި އެތައް މަޝްރޫޢުތަކެއް ވަނީ ލަސްވެ، ހުއްޓިފައެވެ. މުޅި ޤައުމުގައި ފިތުނަ ފަސާދަ އާންމުވެއްޖެއެވެ. ކޮރަޕްޝަން ޢާންމު ކަމަކަށް ވުމުން، އަޅުގަނޑުމެންގެ ޤައުމަކީ އަބުރާއި ޢިއްޒަތުގެ އަގެއް ނެތް ތަނަކަށް ބަދަލުވެއްޖެއެވެ. ދިވެހިރާއްޖޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި މިނިވަން މުސްތަޤިއްލު މުއައްސަސާއެއް ކަމަށްވާ އެންޓި-ކޮރަޕްޝަން ކޮމިޝަން ވަނީ އުފައްދާފައެވެ. އެހެންނަމަވެސް، ކޮރަޕްޝަން ހުއްޓުވުމަށް އެތަނުން ކުރި މާނަހުރި މަސައްކަތެއް، ނެރެވުނު ނަތީޖާއެއް މިހާތަނަކަށް ފެންނާކަށް ނެތެވެ. އެމްއެމްޕީއާރުސީ މައްސަލައިގަ ކަމަށް ބެލެވޭ ގޮތަށް، އެންޓި-ކޮރަޕްޝަން ކޮމިޝަން، 19 ވަނަ ރައްޔިތުންގެ މަޖިލީހުން "ދޮވެ ސާފުކޮށްލި" ކަމަށް ބެލެވެއެވެ. އެސެޓް ޑިކްލެރޭޝަން ވަނީ ތަޢާރަފްކޮށްފައެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނެއް އެބައޮތެވެ. ބާރުތައް އެއްފަރާތަކަށް ޖަމާވެފައި އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ލާމަރުކަޒީ ޤާނޫނު ވުޖޫދުކޮށް، އިދާރީ ދާއިރާތައް ހިންގުމުގެ އޮނިގަނޑު ވަނީ ތަންފީޒުކޮށްފައެވެ. އިންސާނުންގެ ނުފޫޒުން ކަންކަން ހިފަހައްޓާ ލަސްކުރުން ހުއްޓުވުމުގެ ގޮތުން ޚިދުމަތްތައް ހޯދުމުގައި ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރުން ދަނީ އިތުރުކުރަމުންނެވެ. އެހެންނަމަވެސް، މިހާތަނަށް މާނަވީ ކުރިއެރުމެއް ފެންނާން އޮތްކަމަކަށް ދެންނެވޭކަށް ނެތެވެ. ކޮރަޕްޝަނާ ބީރައްޓެހި މުޖުތަމަޢެއް ބިނާކުރުމަށް އަޅުގަނޑުމެން އެދޭނަމަ، ނިޒާމީ ބަދަލުތަކެއް ގެންނަންޖެހެއެވެ. އެގޮތުން، މިކަމަށް ޒިންމާކުރެވިފައިވާ މުއައްސަސާތަކުގެ މުސްތަޤިއްލުކަން ކަށަވަރުކޮށް ހަރުދަނާ ކުރަން ޖެހޭނެއެވެ. ސަރުކާރުގެ ކުންފުނިތަކުގެ މުދަލާއި ފައިސާ ހޯދާ އަދި ޚަރަދުކުރާ ގޮތުގެ ނިޒާމު ޑިޖިޓަލައިޒްކޮށް، ދެފުށް ފެންނަ، ހާމަކަންބޮޑު އުޞޫލުތަކެއްގެ ތެރެއަށް ފައްތަންޖެހޭނެއެވެ. އެސެޓް ޑިކްލެރޭޝަނަކީ އިތުބާރު ހުރިއެއްޗަކަށް ހެދުމާއެކު، އިންތިޚާބުތަކާ ގުޅިގެން ކުރާ ޚަރަދާއި ހޯދާފައިސާގެ ހިސާބުތައް އޮޑިޓްކޮށް ހާމަކުރުމުގެ ނިޒާމަށް އިތުބާރު ހޯދަން ޖެހޭނެއެވެ. އަދި ސިޔާސީ ގޮތުން ވަޒީފާ ހަމަޖައްސައިދޭ ފަރާތްތަކުގެ އަދަދު މަދުކޮށް، ވަޒީފާތަކަށް މީހުން ނެގުމުގައި މެރިޓްގެ އުޞޫލު ހިފަހައްޓަން ޖެހޭނެއެވެ. މީގެ އިތުރުން، މަޤާމަކީ އިއްޒަތެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، އެއީ ޚިދުމަތްކުރުމުގެ ފުރުޞަތެއް ކަމަށް ބަލަން ފަށަންޖެހޭނެއެވެ. ސްކޫލްތަކާއި މަތީ ތަޢުލީމުގެ މަރުކަޒުތަކުގައި ނަޒާހަތްތެރިކަމުގެ މުހިންމުކަން ބުނެދީ، އެކަން އަށަގެންނެވުމަށް މަސައްކަތް ކުރަންޖެހޭނެއެވެ. ވިސްލްބްލޯވިންގ އަކީ މުޖުތަމަޢު ބަލައިގަންނަ ކަމެއްގެ ގޮތުގައި ހަދާ، އެފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭނެއެވެ. އަދި ވެރިކަމަކީ ރައްޔިތުންނަށް ޚިދުމަތްކުރުން ކަމުގެ ވިސްނުމެއް ކުރިއަށް އޮތް ޖީލުތަކަށް ދޭންޖެހެއެވެ. މީގެއިތުރުން، އިންވެސްޓިގޭޓިވް ޖާނަލިޒަމާއި މަދަނީ މުޖުތަމަޢު ބާރުވެރިކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. ރައްޔިތުން ކޮރަޕްޝަނާ ދޭތެރޭ ބަލާ ގޮތް ބަދަލުކުރުމަކީ ކުރަންޖެހިފައި އޮތް އެންމެ މުހިންމު މަސައްކަތެވެ. ސުވާލުކުރާ، ހާމަކުރުމަށް ގޮވާލާ، އިޙްތިރާމާއެކު ވެރިން ޖަވާބުދާރީކުރުވުމަށް ވަކާލާތުކުރާ، އަދި ނަޒާހަތްތެރިކަމާއެކު ވޯޓުދޭނެ ރައްޔިތެއް ބިނާކުރުމަކީ އަޅުގަނޑުމެންގެ ގައުމު ކަރުނައަޅާ ކުރާ އާދޭހެވެ. ނަޒާހަތްތެރިކަމާއި، ޖަވާބުދާރީކުރުވުމާއި، ހާމަކަމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާ ކުރުމުން – ދިވެހިރާއްޖެއަކީ، ދިވެހިންނަށް ތަނަވަސްކަމުގެ ގޮވައްޗަކަށް ހެދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ