ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންއިން ޖިއްދާއަށް ހާއްސަ ފްލައިޓްތަކެއް ބާއްވަނީ
ސުކޫލް ބަންދާއި ދިމާކޮށް، މޯލްޑިވިއަން އިން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ޚާއްސަ ނޮން-ސްޓޮޕް ދަތުރުތަކެއް އިއުލާނުކޮށްފިއެވެ. މޯލްޑިވިއަނުން ބުނިގޮތުގައި ޑިސެންބަރު މަހުގެ 27 އަދި 28 ގައި މާލެއިން ޖިއްދާއަށް ތިން ދަތުރު ބާއްވާނެއެވެ. އަދި ޖެނުއަރީ މަހުގެ 10، 11 އަދި 12 ގައި ޖިއްދާއިން މާލެއަށް ތިން ރިޓާން ދަތުރު ބާއްވާނެއެވެ. މި ތާވަލު ރާވާފައިވަނީ ދަތުރުވެރިންނަށް ޖިއްދާގައި ޢުމްރާގެ ކަންކަން ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ލިބޭނެހެންނެވެ. މީގެ އިތުރުން ބުނީ ސުކޫލް ބަންދާ ދިމާކޮށް މި ދަތުރުތައް އިންތިޒާމުކޮށްފައިވަނީ އާއިލާތަކަށް ދަތުރު ފަސޭހަވާނެ ގޮތްތައް ހެދުމަށެވެ. މޯލްޑިވިއަން އިން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ކުރުމަށް ހަމަޖެހިފައިވާ ޚާއްސަ ނޮން-ސްޓޮޕް ދަތުރުތަކުގެ ޝެޑިއުލް މީގެ އިތުރުން މޯލްޑިވިއަން ބުނެފައިވަނީ އުމްރާވެރިންނަށް އިތުރު ފަސޭހައެއް ފޯރުކޮށްދިނުމުގެ ގޮތުން، 45 ކިލޯގެ އުފުލޭނެ ގޮތަށް ވަނީ އިންތިޒާމް ކުރެވިފައެވެ. އަދި ރިޓާން ޓިކެޓުގެ އަގު ފެށެނީ 750 އެމެރިކާ ޑޮލަރުންނެވެ. މި ފުރުސަތުގެ ސަބަބުން ޒަމްޒަމް ފެންފަދަ ހުއްދަ ތަކެތި ހިފައިގެން އެނބުރި އަންނަ ފަރާތްތަކަށްވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. މި ހުރިހާ ދަތުރުތަކެއްވެސް ބާއްވަން ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ A330 މަރުކާގެ ބޯޓުގައެވެ. މި ބޯޓަކީ ދިގު ދަތުރުތަކަށާއި، އާއިލާތަކަށާއި، އުމުރުން ދޮށީ މީހުންނަށްވެސް ފަސޭހަ އަދި ތަނަވަސް ދަތުރުގެ ތަޖުރިބާއެއް ފޯރުކޮށްދޭނެ ބޯޓެއްކަމަށް މޯލްޑިވިއަން އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ