އެއީ ތަނަވަސް އަންހެނެކެވެ. ލޯބިވާ މީހަކު ހޯދައިގެން ކައިވެނިކޮށް ދެމަފިރިން އެކުގައި ދިރިއުޅެމުން އައީ އުފަލުގައެވެ. ކައިވެންޏަށް އަހަރުވީތަނާ ބަލިވެ އިނދެއްޖެއެވެ. ދަރިއަކު ލިބިއްޖެއެވެ.
ބަލިވެ އިނީންސުރެ ފިރިމީހާ އުޅެމުން އައީ އުޅޭނެ ގޮތަކަށެވެ. އަބަދުވެސް އިތުރު 2،3 އަންހެނުން ގެންގުޅެއެވެ. އަނބިމީހާ ކެތްތެރިވެގެން ރޮއިރޮއި އިނީއެވެ. ކެތްތެރިކަން ކޮޅުންވީ އަނބިމީހާގެ އެންމެ ގާތް އެކުވެރިޔާ ފިރިމީހާއަށް ބަލިވެއިންކަން އެނގުމުންނެވެ.
އެކަން އެނގުމާއިއެކު އެކުވެރިޔާ ގެއަށް ގެނެސް ފިރިމީހާ އާއި ބައްދަލުކުރުވިއެވެ. އަނބިމީހާގެ އިޙްޞާޞްތައް ބަންޑުން ކޮށްލުމުން ފިރިމީހާ ބުނީ އެކުވެރިޔާ ބަލިވެއިނީ އޭނާއަށް ނޫންކަމަށާއި ޑީއެންއޭ ހެދުމަށެވެ.
ޑީއެންއޭ ހެދުމުން ދިމައެއް ނުވިއެވެ. ފިރިމީހާ ބުންޏެވެ. "އަހުރެންނަށް ބަލިވެއިންނާނެ އަންހެނަކު ނުހުންނާނެއެވެ. އަހުރެންނަށް ދަރިއަކު ނުލިބޭނެއެވެ. ކަލޭ ވިހާފައި އެއީވެސް އަހުރެންގެ ދަރިއެއް ނޫނެވެ. އެކަން ކަލެއަށް ރަނގަޅަށް އެނގޭނެއެވެ. އެކަން ނުއެނގޭކަމަށް ހެދިގެން އަހުރެން ބައްޕައަކަށް ހެދިގެން މިހުރީ ކަލޭ ދެކެ ލޯބިވާތީއެވެ. ކުށްތައް ކުރެވުނީ ކަލޭ ބޭވަފާތެރިވުމުން އައި ރުޅީގައެވެ. އަދިވެސް ވަކިވާކަށް ބޭނުމެއް ނޫނެވެ. ލޯބިވާވަރުންނެވެ. ނަމަވެސް އެކުގައި އުޅެން ބޭނުން ނޫންނަމަ މިހުރީ ވަކިވެގެންދާށެވެ. ވަކިވާން ނިންމިޔަސް ދަރިފުޅާއި ވަކިނުކުރާށެވެ. އަހުރެންނަށް ދަރިއަކު ނުލިބޭނެތީ އެދަރިފުޅު ދެކެ ދަރިއަކު ފަދައިން ލޯބިވަމެވެ. އަދިވެސް ބުނަން ހެއްޔެވެ؟ އަހުރެން ކަލޭގެ ތަނަވަސްކަމަކަށް ދަހިވެތިބެގެނެއް ނުއުޅެމެވެ. މިވަރުން ފުއްދައިލާށެވެ!"
އަނބިމީހާއަށް ބުނެވުނެވެ. "ކުށް ޤަބޫލުކޮށްފީމެވެ. އެއީ އަހުރެންނަށް އެންމެ ފަހަރަކު ކުރެވުނު ކުށެއްގެ ނަތީޖާއެވެ. ދިރިއުޅުން ބިލާހަކަށް ވެގެން މިދިއައީ އެންމެ ފަހަރަކު ކުރެވުނު އެންމެ ކުށަކާއި ހުރެއެވެ. މިހިސާބުން ކަލޭގެ އުޅުން ބަދަލުކުރާނެ ނަމަ ޢުމުރަށް އެކުގައި އުޅޭނަމެވެ. އަހުރެންވެސް ކުށެއް ނުކުރާނަމެވެ." ފިރިމީހާ ބުނީ އަނބިމީހާގެ ނިންމުން ޤަބޫލުކުރާ ކަމަށެވެ. އެއީ ކުށްކުރެވުނު ގޮތާ ކުށްކުރީ އެންމެ ފަހަރަކުކަން އެނގޭތީ ކަމަށެވެ.
އެކުވެރިން ގާތުގައި ބުނެލަން ބޭނުންވަނީ މިހުންނަނީ އަބަދުހެން ދިމާވާ ކަންކަމެވެ. ޙަޔާތުގެ ބައިވެރިޔާއަށް ބޭވަފާތެރިނުވާށެވެ! އެއީ ވޭންހުރި ކަމެކެވެ. އުފާބޭނުންވެގެން ކުރެވޭ އެންމެ ކުށެއްގެ ސަބަބުން މުޅި ޢުމުރަށް ހިތާމަކުރަންޖެހުން އޮންނާނީ ދާދި ގާތުގައެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
ޢިބްރަތްތެރި ވާހަކަ: ބޭވަފާތެރިނުވާށެވެ! އެންމެ ފަހަރަކު ކުރެވޭ އެންމެ ކުށެއްގެ ސަބަބުންވެސް މި ތަނަވަސް އަނބިމީހާ ފަދައިން ޢުމުރަށް ހިތާމަކުރަންޖެހުމަކީ ގާތުގަ އޮތް ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ