ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނުނިމެނީސް މާދަމާ ހުޅުވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނުނިމެނީސް މާދަމާ ހުޅުވަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް އެއްކޮށް ނުނިމެނީސް ބޮޑު ރައްމިއްޔާތެއް ބާއްވައި އެތަން ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވަން ނިންމާފައި ވަނީ މާދަމާ އެވެ. ނަމަވެސް އެއާޕޯޓުގައި އަދިވެސް ހަތަރުފަސް މަހުގެ މަސައްކަތް ނުނިމި އެބަހުރި ކަމަށް އެ ރަށު ކައުންސިލް މެންބަރު، އަލީ އިބްރާހިމް އަދަދު އަށް ވިދާޅުވި އެވެ.
"އަދިވެސް ހަތަރުފަސް މަސްދުވަސް ތެރޭގައި ނިންމާލެވޭވަރުގެ މަސައްކަތް އެބަހުރި ނުނިމި، އަހަރުމެންގެ ކަންބޮޑުވުމަކީ އެ މަސައްކަތްތައް ނުނިންމާ އެއާޕޯޓު ހުޅުވީމާ މިތަން ހެދި ކުންފުނިން ކުރަންޖެހޭ އެއްވެސް ކަމެއް ދެން ނޯންނާނެ، މައްސަލައެއް ދިމާވިޔަސް އެމީހުން ކުރަންޖެހޭ ކަމެއް ނޯންނާނެ، ތަން ނުނިމެނީސް ހަވާލުވީމަ،" އަލީ ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓު ރަަސްމީކޮށް ހުޅުވަން ތައްޔާރުވަމުންދާއިރު، މިދިޔަ އޮކްޓޫބަރު 17، ގައި ވަނީ އެތަނުގެ އާ ޓާމިނަލްގެ ގްރައުންޑު ފްލޯ ބޭނުންކުރަން ފަށައިފަ އެވެ.
އަލީ ވިދާޅުވީ އެއާޕޯޓުގެ ބޭރުގައި ކްލެޑިން ޖަހަންޖެހޭ ތަނބުތަކުގައި މިހާރު ހުރީ ޕުޓީ ލާފައި ކަމަށާއި ޓާމިނަލްގެ ދެވަނަ ބުރީގެ ވެސް މަސައްކަތްތައް އަދި ނުނިމޭ ކަމަށެވެ.
"ދެވަނަ ފްލޯގައި ހުންނަ ޑިއުޓީ ފްރީ ތަންތަން ވެސް ނުނިމޭ، ދެން މި ހަދާ ގޮތަކީ އެ ތަންތަނުގައި ވަށައިގެން ފްލައިވުޑް ޖަހާފައި ސްޓީކާ ޖަހަނީ، ސީ ޕްލޭން ޓާމިނަލްގެ ވެސް އެތެރޭގެ މަސައްކަތްތައް އެއްވެސް ވަރަކަށް ނުނިމޭ،" އަލީ ވިދާޅުވި އެވެ.
ހަނިމާދޫ ކައުންސިލްގެ ރައީސް، އަބްދުއްސައްތާރު ހަސަން ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތްތުގެ އިތުރުން ސީޕްލޭން ޓާމިނަލްގެ މަސައްކަތްތައް ވެސް އަދި ނުނިމޭ ކަމަށެވެ. އަދި ސީޕްލޭން ޓާމިނަލްގެ ޖެޓީ ސަރަހައްދު ވެސް އަދި އޮތީ ލޯންޗުފަހަރު ކައިރި ކުރެވޭ ގޮތަކަށް ނޫން ކަމަށް އެނާ ވިދާޅުވި އެވެ.
"ވަރަށް ތިލަ ވާނެ އެ ސަރަހައްދު، ޑިންގީއެއް ވެސް ކައިރިއެއް ނުކުރެވޭނެ، އެތަން ފުން ކުރުމުގެ މަސައްކަތް އެބަ ކުރޭ، އެކަމަކު އެތަން ފުން ކުރިޔަސް ހިއެއް ނުވޭ އެގޮތަށް ފުންކޮށް އެ ސަރަހައްދު އޮންނާނެހެނެއް، އެއީ އަބަދުވެސް ވެލި އަރާ ސަރަހައްދެއް،" އަބްދުއްސައްތާރު ވިދާޅުވި އެވެ.
އަބްދުއްސައްތާރު ވިދާޅުވީ، އިންޓަނޭޝަނަލް އެއާޕޯޓު މާދަމާ ހުޅުވި ނަމަވެސް، އެތަނުގެ މަސައްކަތްތައް އެއްކޮށް އެންމެ އަވަހަށް ވެސް ނިންމައިލެވޭނީ އަދި ތިން ވަރަކަށް މަސްދުވަހުން ކަމަށް ޖޭއެމްސީގެ މުވައްޒަފުން ބުނާ ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގަ އެވެ. އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ އެއާޕޯޓުގެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. އެއާޕޯޓުގައި އޮތީ 2.46 ކިލޯ މީޓަރުގެ ރަންވޭ އެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ އަހަރަކު 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭ ވަރަށެވެ.
އެ އެއާޕޯޓުގެ އާ ޓާމިނަލާއި ރަންވޭ އާއެކު ކޯޑު ސީ، ނުވަތަ އެންމެ ބޮޑެތި މަތިންދާ ބޯޓު ހަނިމާދޫ އަށް ޖެއްސޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ