ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - އެޗްޑީސީ އުފެއްދިއިރު ވެސް އެ ކުންފުނި ހިންގުމުގައި އިސްކޮށް އުޅުއްވި މައުރޫފް އަލުން ކުންފުނީގެ ވެރިޔަކަށް އައްޔަންކުރީ މިދިޔަ 22 ޑިސެމްބަރުގަ އެވެ.
މައުރޫފް ވަނީ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައި މި މަހުގެ ކުރީކޮޅު އެކަން ކުންފުނީގެ މުވައްޒަފުންނަށް އަންގަވައިފަ އެވެ. ކުރިން ނިންމަވާފައި އޮތީ އަންނަ މަހު 18 އިން ފެށިގެން ރިޓަޔާ ކުރައްވާ ގޮތަށެވެ.
ތަފްސީލް - މައުރޫފް މަގާމުން އިސްތިއުފާ ދެއްވީ، އެނގިފައިވާ ގޮތުގައި، ރިޓަޔާ ކުރައްވަން އެދިވަޑައިގަތް ނަމަވެސް، އިސްތިއުފާ ދެއްވަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އޭނާއަށް އެންގުމުންނެވެ.
އެޗްޑީސީގެ އެމްޑީ މަގާމުން މައުރޫފް އިސްތިއުފާ ދެއްވިއިރު، ސަރުކާރު ކުންފުނިތަކުގެ އިސް ބޭފުޅުންނަށް ބަދަލު ގެންނަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
މީގެ ކުރިން މައުރޫފް ވިދާޅުވީ އެޗްޑީސީގެ އެމްޑީގެ މަގާމުން ވަކިވެވަޑައިގެންނެވި ނަމަވެސް އެ ކުންފުނީގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ވިސްނުން އެބަހުރި ކަމަށެވެ.
ފާހަގަ ކުރެވޭ - މައުރޫފް ވަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އެޗްޑީސީ އުފެއްދުމުގެ ކުރިން، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން:
ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަން އަދާކުރައްވާފައިވޭ
އެޗްޑީސީ އާއި އެޗްޑީއެފްސީގެ މުހިއްމު މަގާމުތަކެއް އަދާކުރައްވާފައިވޭ
އާކިޓެކްޗާ ހެރިޓޭޖުގެ ދާއިރާ އިން ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރައްވާ
ފާހަގަ ކުރެވޭ - މައުރޫފް އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކޮށްފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު، ހުޅުމާލޭން ބިން ދޫކުރުމާއި ވިނަރެސް ފްލެޓު ދޫކުރުމާ ގުޅޭ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އެޗްޑީސީގެ އެމްޑީ މައުރޫފް އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ