ފޭކު މުދާ އެތެރެކުރުން ހުއްޓުވައި، ފިކުރީ މުދާ ހިމާޔަތްކުރާ ދެ ބިލު އިއްތިފާގުން ބަލައިގަނެ، ކޮމިޓީއަށް

ރާއްޖެއަށް ފޭކު މުދާ އެތެރެކުރުން ހުއްޓުވައި ޖޫރިމަނާ ކުރެވޭ 'ޓްރޭޑްމާކްގެ' ބިލު އަދި ރައްޔިތުންގެ ފިކުރީ މުދާ ހިމާޔަތްކޮށް ރައްކާތެރިކުރާ 'މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ' ބިލު ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގުން މިއަދު ބަލައިގެންފިއެވެ. ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި ޓްރޭޑްމާކްގެ ބިލު ބަލައިގަތީ 68 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދު ހުށަހެޅުއްވި އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު ބަލައިގަތީ 67 މެންބަރުންގެ އިއްތިފާގުންނެވެ. މި ދެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓުދީފައެއް ނުވެއެވެ. އެއާއެކު މަޖިލީހުގެ ރިޔާސަތުން ވަނީ އެ ބިލުތައް ދިރާސާކުރުމަށް އިގްތިސޯދީ ކޮމިޓީއަށް ފޮނުވައިފައެވެ. 'ޓްރޭޑްމާކްގެ' ބިލުގައި އޮތީ ކީކޭ؟ 'ޓްރޭޑްމާކް'އަކީ އެއް ފަރާތުގެ މުދާ ނުވަތަ ޚިދުމަތްތައް އަނެއް ފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރާ ނިޝާނެވެ. އެގޮތުން، އަމިއްލަ ނަން، ނުވަތަ އަކުރު، ނުވަތަ ނަންބަރު، ނުވަތަ ފިގަރެޓިވް އެލެމެންޓްތަކާއި ކުލަތަކުގެ ތަފާތު އެތުރުންތަކާއި އެފަދަ ނިޝާންތަކުގެ ތަފާތު އެތުރުން ހިމެނެއެވެ. https://sun.mv/208566 ޓްރޭޑްމާކްގެ އެކްސްކްލޫސިވް ހައްގު ލިބޭނީ ގާނޫނުގައިވާ ގޮތުގެ މަތީން އެ މާކް ރަޖިސްޓްރީކުރުމުންނެވެ. ބިލުގައިވާ ގޮތުން ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި، މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް އިތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ. ބިލުގެ ހަވަނަ ބާބުގައި ޓްރޭޑްމާކާ ގުޅޭ ހައްގަކަށް އަރައިގަތުމުގެ އަމަލުތަކާއި ތަންފީޒީ ފިޔަވަޅުތައް ވަނީ ތަފުސީލުކޮށްދީފައެވެ. އެގޮތުން ވެރިފަރާތުގެ ހުއްދަނެތި ގަސްތުގައި ކުރުން މަނާކަންކަން: މާކެއް ކައުންޓަފީޓްކުރުން. މުދަލެއްގައި ކައުންޓަފީޓް މާކެއް ބޭނުންކުރުން ނުވަތަ ޚިދުމަތަކާ ގުޅުވައިގެން އެފަދަ މާކެއް ބޭނުންކުރުން. މާކެއް ކައުންޓަފީޓްކުރުމަށް ބޭނުންކުރާ ތަކެތީގެ ބޭނުމަކީ މުދަލުގައި ކައުންޓަފީޓްކުރި މާކެ ޖެހުން ކަމަށް ބެލެވޭފަދަ ތަކެތި ގެންގުޅުން. ކައުންޓަފީޓްކޮށްފައިވާ މުދާ ރާއްޖެއަށް އިމްޕޯޓުކޮށް ނުވަތަ އެކްސްޕޯޓުކުރަން އުޅުން. ކައުންޓަފީޓްކޮށްފައިވާ މުދަލުން ވިޔަފާރިކުރުން. ބިލުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 100،000 ރުފިޔާއާއި، 2،000،000 ރުފިޔާއާ ދެމެދުގެ އަދަކަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. 'މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ' ބިލުގައި އޮތީ ކީކޭ؟ މި ބިލު ފާސްކުރާ ހިސާބުން 'މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނޫ' ވުޖޫދުވާނެއެވެ. https://sun.mv/208613 އަދި އެ ގާނޫނުގެ ދަށުން އުފެދޭ އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ އެންމެ އިސް ވެރިއަކަށް ހުންނާނީ ރަޖިސްޓްރާ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީއެވެ. އެ މަގާމުގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ އިކޮނޮމިކް މިނިސްޓަރުގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ މަގާމަށް ބޭފުޅަކު އައްޔަނުކޮށް، ވަކިކުރުމުގެ ބާރު ވެސް ލިބޭނީ މިނިސްޓަރަށެވެ. ވަކިން ޚާއްސަކޮށް ބިލުގެ 13 ވަނަ މާއްދާ ބުނާ ގޮތުން ނަމަ އެ މުއައްސަސާއަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުން ހޯދަނީ ވެސް މިނިސްޓަރެވެ. މި ބިލުގައި ފިކުރީ މުދަލުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ރާއްޖޭގައި އަމަލުކުރެވޭ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ހިމާޔަތްކޮށްދޭ އެންމެހައި ބާވަތްތަކުގެ ފިކުރީ މުދަލަށެވެ. އޭގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިން އަދި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ