އަނެއްކާވެސް ރަޝްމިކާގެ ތަފާތު ފިލްމެއް، މިފަހަރު ވަރުގަދަ ތުރިލާއެއް

ފިލްމު "ޕުޝްޕާ" އަދި "އެނިމަލް"އިން ބޮޑު މަގުބޫލުކަމެއް ހޯދި އިންޑިއާގެ ސައުތު ބަތަލާ ރަޝްމިކާ މަންދަންނާ އާދަޔާ ޚިލާފު ރޯލަކުން ފެންނަ ތެލުގޫ ފިލްމު "މައިސާ"ގެ ޕޯސްޓަރު އާއްމުކޮށްފިއެވެ. ރަވިންދްރަ ޕުލޭ ޑައިރެކްޓްކޮށް އަންފޯމިއުލާ ފިލްމްސްއިން ޕްރޮޑިއުސްކުރާ މި އެކްޝަން ތުރިލާ އަކީ އަ ޕޭން-އިންޑިއަން ފިލްމުގެ އުފެއްދުމެކެވެ. ޕޭން-އިންޑިއަން ފިލްމާ ގުޅިގެން މިހާތަނަށް ގެނެސްދީފައިވާ މަގުބޫލު ފިލްމުތަކުގެތެރޭ "ބާހޫބަލީ"ގެ ދެ ބައި ވެސް ހިމެނެއެވެ. ފިލްމު "މައިސާ"ގެ ޕޯސްޓަރުން ބަތަލާ ފެންނަނީ ވަރަށް ވަރުގަދަ ހަނގުރާމައަކަށް ތައްޔާރުވެ އެ ހަނގުރާމައިން ނަސްރު ހޯދުމަށް މަސައްކަތްކުރާ ހިތްވަރުގަދަ އަންހެނެއްގެ ކެރެކްޓާއިންނެވެ. ބަތަލާ ރަޝްމިކާ ބޮލީވުޑް ފިލްމު "ސިކަންދަރު"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ ފިލްމުގެ ފުރަތަމަ ޕޯސްޓަރާ އެކު ވެސް ފިލްމަށް އޮތް ޝައުގުވެރިކަން އިތުރުވެއްޖެ ކަމަށާއި ރަޝްމިކާ އަކީ އަބަދުވެސް ބެލުންތެރިންގެ ހިތް ފަތަހަކުރާ ބަތަލާއެއް ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. މި ފިލްމުގައި ރަޝްމިކާ ކުޅޭ ކެރެކްޓާއާ ގުޅޭގޮތުން ބަތަލާ ބުނެފައި ވަނީ އޭނާ އަކީ އަބަދުވެސް މުޅިން އާ ތަފާތު ރޯލަކުން ބެލުންތެރިންނާ ބައްދަލުކުރަން ބޭނުންވާ ތަރިއެއް ކަމަށެވެ. އެހެންވެ ފިލްމު "މައިސާ"އަކީ ވެސް އެފަދަ ބެލުންތެރިން ބޭނުންވާ ކަހަލަ ރޯލަކަށްވާނެ ކަމަށް އުއްމީދުކުރާ ކަމުގައި ރަޝްމިކާ ވަނީ ބުނެފައެވެ. މިއީ މިހާތަނަށް ރަޝްމިކާ ތަޖުރިބާކޮށްފައި ނުވާ ކެރެކްޓާއަކަށް ވުމުން ވަރަށް ހާސްވި ކަމަށާއި ނަމަވެސް މުޅިން އާ ތަޖުރިބާއެއް ކުރެވޭތީ އެކަމާ އުފާކުރާ ކަމަށް ވެސް ބަތަލާ ވަނީ ބުނެފައެވެ. މި ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީޚެއް އިއުލާންކޮށްފައި ނެތް ނަމަވެސް ފިލްމު ގެނެސްދޭނީ ތެލުގޫ ބަހުގެ އިތުރުން ތަމަޅަ، ހިންދީ، މަޅަޔާލަމް އަދި ކަންނާޑާ ބަހުން ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ކުންފުނިން ވަނީ ބުނެފައެވެ. ބޮލީވުޑަށް ތައާރަފުވެފައިވާ ބަތަލާގެ ތިން ފިލްމެއް މިއަހަރުތެރޭ ރިލީޒްކޮށްފައިވާއިރު އެންމެ ފަހުން ބަތަލާ ފެނުނީ މި މަހުގެ 20ގައި ރިލީޒްވި ތެލުގޫ ފިލްމު "ކުބެރާ"އިންނެވެ. ރަޝްމިކާއަކީ މި އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ވިކީ ކޯޝަލްގެ ފިލްމު "ޗާވާ"ގެ ވެސް ބަތަލާއެވެ. މީގެއިތުރުން މި އަހަރުގެ މާޗް މަހު ރިލީޒްކުރި ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު"އިން ވެސް ރަޝްމިކާ ވަނީ ފެނިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ