ސިޓީއިން ގްރޫޕްގެ އެއްވަނަ މަގާމު ހޯދައިފި
ފީފާ ކްލަބް ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި މެންޗެސްޓާ ސިޓީ އާއި ޔުވެންޓަސް ބައްދަލުކުރި މެޗު ސިޓީއިން ކާމިޔާބު ކޮށް ގްރޫޕްގެ އެއްވަނަ މަގާމް ކަށަވަރު ކޮށްފިއެެވެ. އޯލާންޑޯގެ ކޭމްޕިން ވޯލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސިޓީއިން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ފަސް ލަނޑު ދެ ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ސިޓީއިން ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ ނުވަ ވަނަ މިނެޓުގައި ސިޓީއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމާ އަލަށް ގުޅުނު ޔަރަން އައިޓް ނޫރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެރެމީ ޑޯކޫއެވެ. ނަމަވެސް މި ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ސިޓީގެ ކީޕަރު އެޑަސަންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޔޫވޭއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޓެއުން ކޫޕްމެއިނާއެވެ. މި ލަނޑާއެކު ދެން ފެނިގެންދިޔައީ ސިޓީއިން ހަމަލާއަށް އިސްކަން ދީގެން ކުޅުނުއިރު ޔޫވޭއިން ޑިފެންޑްކޮށް ލިބޭ ފުރުސަތު ތަކުގައި ކުރި އެރޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ގިނައިރު ޔޫވޭގެ ހާފުގެ ތެރޭގައި ސިޓީއިން ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ. އަދި މިގޮތުން އުފެއްދި ހަމަލާއެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޔޫވޭގެ ޑިފެންޑާ ޕިއޭ ކަލޫލޫއަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެ ސިޓީއަށް އަނެއްކާ ވެސް މެޗުގެ ލީޑު ލިބިގެން ގޮސްފައެވެ. މި މެޗުގައި ސިޓީއިން ކާމިޔާބު ކުރި ތިން ވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތް ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އެރި އާލިން ހާލަންޑްއެވެ. މި ލަނޑު ވެގެންދިޔައީ ހާލަންޑްގެ ސީނިއާ ކެރިއަރުގައި ކާމިޔާބު ކުރި 300 ވަނަ ލަނޑަށެވެ. މި މެޗުގައި ސިޓީގެ ހަތަރު ވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފިލް ފޯޑެންއެވެ. އަދި ފަހު ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސާވީނިއޯއެވެ. މި މެޗުގައި ޔޫވޭއިން ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑުސާން ވުލަހޮވިޗްއެވެ. މި މެޗު ސިޓީއިން ކާމިޔާބު ކުރުމާއެކު މިފަހަރުގެ ކްލަބް ވޯލްޑް ކަޕްގައި ގްރޫޕް މަރުހަލާގެ ތިން މެޗު ކާމިޔާބު ކުރި ފުރަތަމަ ޓީމަށް ސިޓީ ވަނީ ވެގެން ގޮސްފައެވެ. މިއާއެކު އެ ޓީމު ދެވަނަ ބުރަށް ދަތުރު ކޮށްފައިވަނީ ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. އަދި ޔުވެންޓަސް ދެވަނަ ބުރަށް ދަތުރު ކޮށްފައިވަނީ ހަ ޕޮއިންޓާއެކު ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމު ކަމުގައިވާ ވިޑާޑް އާއި އަލް އައިން ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ އަލް އައިން އެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި ވިޑާޑުގެ ކާސިއަސް މަލޫލާ ކާމިޔާބު ކޮށްދީ އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް އަލް އައިން އިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޯޖޯ ފޯ ޑޯ ލާބާ ކާމިޔާބު ކޮށްދިން ޕެނަލްޓީ އާއި މެޗުގެ 50 ވަނަ މިނެޓުގައި އަލެހަންޑްރޯ ރޮމޭރޯ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ލީޑު ނަގައިފައެވެ. މިއާއެކު އަލް އައިން މި މުބާރާތް ނިންމާލީ ތިން ޕޮއިންޓާއެކުއެވެ. އަދި ވިޑާޑުއަށް ޕޮއިންޓެއް ނުލިބިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ