އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން މިހާރު ރަނގަޅު ކަމަށާއި އެއީ ގުޅުން ބަދަހި ކުރަން ކުރި ބުރަ މަސައްކަތުގެ ނަތީނާ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރާމް މިސްރީ ވިދާޅުވެއްޖެ އެވެ.
ރާއްޖެ-އިންޑިއާގެ ގުޅުން ގޯސްވުމަށްފަހު އަލުން ގުޅުން އިއާދަވުމުގެ ފަހަތުގައި ވަނީ ކޮން ކަމެއްތޯ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކުރުމުން ވިކްރާމް ވިދާޅުވީ، ދެ ގައުމުގެ ގުޅުން އިއާދަ ކުރަން އިންޑިއާއިން ވަރަށް ބުރަަކޮށް މަސައްކަތް ކުރި ކަމަށެވެ.
"މިއީ ގުޅުމެއް ބާއްވަން ބުރަކޮށް މަސައްކަތް ކުރުމާމެދު ކުރެވޭ ސުވާލެއް. ގުޅުމަށް ބުރޫ އަރާނެ ކަންކަން އަބަދުވެސް ހިނގާނެ، ގުޅުމަށް ބުރޫ އަރާނެ ކަންކަން [ބަޔަކު] ކުރާނެ. [މިހާރު މި ފެންނަނީ] ގުޅުން ބަދަހި ކުރަން އެންމެ މަތިން ފެށިގެން ކުރި މަސައްކަތުގެ ނަތީޖާ،" އޭނާ ވިދާޅުވި އެވެ.
ދިވެހިރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިކަމުގައި އިތުރަށް ދެވޭނެ އެހީއެއް އޮތްތޯ އިންޑިއާއިން ބަލާނެ ކަމަށް ވެސް އެ ބައްދަލުވުމުގައި ވިކްރާމް ވިދާޅުވި އެވެ. އިންޑިއާއިން މީގެ ކުރިން ވަނީ 50 މިލިއަން ޑޮލަރުގެ ލޯނެއް ރޯލްއޯވާ ކޮށްދީފަ އެވެ. އަދި ފަހުން ވަނީ 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުފިޔާގެ ކަރަންސީ ސްވޮޕެއް ހަމަޖައްސައިދީފަ އެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފުލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާނެ އެވެ. އެމަނިކުފާނު ރާއްޖެއިން ފުރާވަޑައިގަންނަވާނީ ހޮނިހިރު ދުވަހެވެ.
މިއީ ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ކުރައްވާ ތިން ވަނަ ޒިޔާރަތެވެ. މީގެ ކުރިން 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު މޯދީ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މޯދީ ވެގެންދާނީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ހެޑް އޮފް ސްޓޭޓްއަށެވެ.
މޯދީގެ ދަތުރުގައި، މެރިޓައިމް ދާއިރާއިން ގުޅުން ބަދަހި ކުރުމަށް އޮކްޓޯބަރު، 2024، ގައި ދެ ގައުމުން ވެފައިވާ އެއްބަސްވުން ކުރިއަށް ގެންދެވިފާ މިންވަރާ ގުޅޭ ގޮތުން ރައީސް މުއިއްޒުއާ މަޝްވަރާ ކުރައްވާނެ އެވެ.
ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާއިރު ދެ ގައުމުގެ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައެއް ޕްރޮޖެކްޓުތައް އިފުތިތާހު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ގޯސްވީ، އިންޑިއާއާ ފެޔަށް ޖެހުމަށް ރައީސް މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތުންނެވެ. އެ މަސައްކަތް ކުރެއްވުމުގެ މަގު ޗާޓެއް ޖެނުއަރީ 13، 2024، ގައި ރައީސް އިއުލާނު ކުރެއްވި އެވެ.
އޭގެ ތެރޭގައި، ކާބޯތަކެއްޗާއި ބޭހާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ސާމާނު އިންޑިއާއިން އިމްޕޯޓް ކުރުން ހުއްޓާލުމަށް ރާއްވަވާފައި އޮތް ރޭވުން ރައީސް އެ ދުވަހު ހާމަ ކުރެއްވި އެވެ. ރައީސް އެ ދުވަހު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ބުލީ ކުރާ ގައުމެއް ކަމަށެވެ.
"ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ކަލޭމެންނަށް އަހަރުމެން ބުލީ ކުރުމުގެ ހައްގެއް ނުލިބޭ،" އެ ދުވަހު ރައީސް ވިދާޅުވި އެވެ.
އިންޑިއާ-ރާއްޖެ ގުޅުން: "މި ފެންނަނީ ގުޅުން ބަދަހި ކުރަން ކުރި ބުރަ މަސައްކަތުގެ ނަތީޖާ" އިންޑިއާ-ރާއްޖެ ގުޅުން: "މި ފެންނަނީ ގުޅުން ބަދަހި ކުރަން ކުރި ބުރަ މަސައްކަތުގެ ނަތީޖާ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ