ގިރާވަރުފަޅާއި މާލެއާ ގުޅުވާލުމަށް ހަދާ ތިލަމާލެ ބުރިޖުގެ މަސައްކަތް އޭނާގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ނިންމައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒުގެ ބޯހިޔާވަހިކަމުގެ މެނިފެސްޓޯ އިއުލާންކުރުމަށް އޮގަސްޓު މަހުގެ 21 ވަނަ ދުވަހުގެ ރޭ ހިޔާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވެފައިވަނީ މި ސަރުކާރުން ގިރާވަރުފަޅު ހިއްކުމަށް ނިންމާފައިވާ ވަރަށް ވުރެ ބޮޑަށް އޭނާގެ ވެރިކަމެއްގައި އެތަން ހިއްކައި ގޯއްޗާއި ފުލެޓު ދީ، މާލެއާ ގުޅުވާލާނެ ކަމަށެވެ.
"ޔަގީން، އިރާދަކުރެއްވިއްޔާ ނިންމާލެވޭނެ އެ ހިސާބަށް ފުރަތަމަ ދައުރުގެ ތެރޭގަ ހަމަ މާލެއިން ގޮސް ގިރާވަރުފަޅާ ހަމައަށް ބުރިޖު އަޅާ ނިންމާނަން އިރާދަކުރެއްވިއްޔާ،" ސަންގު ޓީވީން މިރޭ ގެނެސްދިން "އާސްކު މުއިއްޒު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ފުށިދިއްގަރުފަރު ހިއްކައި އެތަނުން ވެސް ގޯއްޗާއި ފުލެޓު ދިނުމަށް ނިންމާފައިވާ ކަމަށެވެ. ފުށިދިއްގަރުފަރަކީ މާލެއާ ވަރަށް ދުރު ހިސާބަކަށްވެފައި ބޮޑު ކަނޑެއް އޮތުމުގެ ސަބަބުން ބުރިޖު ނޭޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުށިދިއްގަރުފަރާއި މާލެއާ ގުޅުވާލާނީ ޒާމާނީ އެކްސްޕްރެސް ހައި ސްޕީޑު ފެރީގެ ނިޒާމަކުން ކަމަޑް އޭނާ ވިދާޅުވިއެވެ.
"މިހާރު އެބަ ގެންގުޅޭ މި ނޯމަލް ލޯންޗަށްވުރެ މި ކެޓަމަރާން ސްޓައިލުގެ މި ބޭސްލާފަ ހުންނަ ތަންކޮޅެއް ލޮނު ގަނޑުގެ މަތިން ފަސޭހައިން ދުއްވާލެވޭ ވައްތަރުގެ ލޯންޗުތައް ވެސް އެބަހުރި. އެހެންވީމާ އެކަހަހަލަ ހައި ސްޕީޑު އެކްސްޕްރެސް ޓްރާންސްޕޯޓް ނިޒާމެއް އެ ދޭތެރޭގެ ގާއިމުކުރާނަން" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އޭނާގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވިދާޅުވެފައިވަނީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ގިރާވަރުފަޅާއި ގުޅިފަޅު އިތުރަށް ހިއްކާނެ ކަމަށެވެ.
"މާލެ ސަރަހައްދަށް އެކަނި 65,000 ގެދޮރު, އެއީ ގޯއްޗާއި ފްލެޓު ހިމެނޭހެން ގައުމީ ތަރައްގީގެ ތެރޭގައި ހިމަނައިގެން ގާއިމުކޮށްދިނުން އަޅުގަނޑުމެންގެ ޕްލޭނަކީ. އެއީ ގުޅިފަޅާއި, ގިރާވަރު ފަޅާއި, ފުށިދިއްގަރު ފަޅާއި, މާލެ ރީޑެވެލޮޕް ކުރީމާ ހުސްވާ ބިންތަކާއި, މި ހުޅުމާލޭ އާއި ވިލިމާލެ މި ހުރިހާ ތަނަކުން ލިބޭ ބިންތައް އެއްކޮށްލައިގެން 65,000 ގެދޮރު ގާއިމުކޮށްދޭނަން" މުއިއްޒު ވިދާޅުވެފައިވެއެވެ.
"ފުށިދިއްގަރު ފަޅުގައި 1,280 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކޭނެ. އެއީ ފޭސް 1 ފޭސް 2 އެއްކޮށްލީމަ ވާ ވަރުގެ ތިން ގުނަ. މިތަނުން ލިބިގެން މިދަނީ 11,970 ގޯއްޗާއި 26,500 ހައުސިން ޔުނިޓު, ތިން ކޮޓަރި ހަތަރު ކޮޓަރި ގޮތަށް"
މުއިއްޒުގެ ވެރިކަމުގައި ގިރާވަރުފަޅާއި މާލެއާ ހަމައަށް ބުރިޖު ގުޅާލައި އެ މަސައްކަތް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އިރު، މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލައި އަޅާ ތިލަމާލެ ބުރިޖުގެ މަސައްކަތް ނިމި، އަންނަ އަހަރު ބޭނުންކުރެވޭނެ ކަަމަށާއި އެ ބުރިޖު ގިރާވަރާ ވެސް ގުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަހަރުގެ ޖުލައި މަހު ވިދާޅުވެފައެވެ.
ގިރާވަރާ ހަމައަށް ތިލަމާލެ ބުރިޖުގެ މަސައްކަތް ފަސް އަހަރުން ނިންމައިދޭނަން: މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ