ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކައްކަމުންދިޔަ ތަނެއް ބަލައިފާސްކޮށް ބަނގުރަލާއެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިކަމާގުޅިގެން ފުލުހުން ބުނެފައި ވަނީ މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އެމްޑީ އަހަންނާން (51އ) އާއި ތުހިންމިއާ (34އ) އާއި މުހައްމަދު ޝަޖަލާލް (33އ) އެވެ. މިތިން މީހުންނަކީވެސް ބަންގްލަދޭޝް ރައްޔިތުން ކަމަށެވެ.
މި ތިން މީހުންގެ ތެރެއިން އެމްޑީ އަހަންނާން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ތިނަކުން ފޮށިގަނޑެއް ހިފައިގެން ދާތަން ފުލުހުންނަށް ފެނުމުން އޭނަގެ ހަރަކާތްތައް ބަލަމުންދަނިކޮށް ފޭސް ތިނެއްގެ އަތިރިމަތީގައި ފޮށިގަނޑު ފޮރުވުމަށްފަހު ދަނިކޮށެވެ. އަދި އޭނާ ހުއްޓުވަން އުޅުމުން ވަނީ މާރާމާރީ ހިންގައި ފުލުހުންނަށް ފިލަން މަސައްކަތްކޮށްފައެވެ. އަދި އޭނާ ހައްޔަރުކޮށް، އަތިިިިރިމަތީގައި އޭނާ ފޮރުވި ފޮށިގަނޑު ނަގައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 30 ފުޅި ފެނިފައިވެއެވެ. އަނެއް ދެމީހުން ހައްޔަރުކޮށްފައިވަނީ އެމީހުން އުޅެމުންދާ ސައިޓަށް ފުލުހުން ދިއުމުން ފުލުހުންނަށް ފިލަން މަސައްކަތްކުރަނިކޮށެވެ.
އެތިން މީހުން ހައްޔަރުކޮށް އެމީހުން މަސައްކަތްކުރާ ސައިޓުގެ ބަދިގެ ބަލައިފާސްކުރިއިރު އެވަގުތު ބަނގުރާ ކެއްކުމުގެ މަސައްކަތްކުރަމުންދިޔަކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އެތަން ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 72 ފުޅިއާއި ބަނގުރާ ފުޅިއެއް ފެނިފައިވެއެވެ. މީގެއިތުރުން ބަދިގެ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ފެނިފައިވެއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކައްކަމުންދިޔަ ތަނެއް ބަލައިފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ