އާސެނަލްއިން ލިވަޕޫލާ ގާތަށް
އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު އާސެނަލް ކާމިޔާބު ކޮށް ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލާ ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލް އެވެ. އަދި މިމެޗުގެ ފެށުން ރަނގަޅުވީ ވެސް އާސެނަލްގެއެވެ. މި ގޮތުން މެޗުގެ ކުރީކޮޅު ފެނިގެންދިޔައީ އާސެނަލްއިން ހަމަލާއަކަށް ފަހު ހަމަލާއެއް އުފައްދަމުންދިޔަ ތަނެވެ. އަދި ސްޕާސްގެ ކުޅުންތެރިންނަށް އާސެނަލްގެ ހާފަށް ބޯޅައެއް ގެންދެވިފައިވަނީވެސް މަދު ފަހަރެއްގައެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ސްޕާސްގެ ފަރާތުން ފެނިގެންދިޔައީ ބޮޑަށް ޑިފެންސް ކުރަމުންދިޔަ ތަނެވެ. ނަމަވެސް މިއާއެކުވެސް މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ޖަހާ މެޗުގެ ލީޑު ނަގައިފާވަނީ ސްޕާސްއިންނެެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ސޮން ހެއުން މިންއެވެ. މި ލަނޑާއެކު ސްޕާސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. އަދި ލަނޑު ޖެހިތާ މާގިނަ އިރު ތަކެއް ނުވެ އެޓީމުގެ ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތެއްވެސް ލިބިގެންދިޔައެވެ. މި މެޗުގައި އާސެނަލްއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 40 ވަނަ މިނެޓުގައި ކޯނަރަކުންނެވެ. އާސެނަލްގެ ޑިފެންޑާ ގެބްރިއެލް މުހިންމު ދައުރެއް އަދާކުރި މި ލަނޑު ސްޕާސް ކޮޅަށް ވަދެފައިވަނީ އެ ޓީމުގެ ފޯވާޑް ޑޮމިނިކް ސޮލާންކީ އަތުން ބައި ކޮޅަށެވެ. އަދި މިމެޗުގެ އާސެނަލް މޮޅުވި ލަނޑު މެޗުގެ 44 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ލިއާންޑްރޯ ޓްރޮސާޑްއެވެ. މި މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ. މިކާމިޔާބީއާއެކު އާސެނަލް މިހާރު އުޅެނީ 21 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި އެއްވަނައިގައި އުޅޭ ލިވަޕޫލާ ދެމެދުގައިވާ ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފައެވެ. ނަމަވެސް ލިވަޕޫލް އެއް މެޗު މަދުން ކުޅެފައިވުމުން މި ފަރަގު ބޮޑު ވުމުގެ ފުރުސަތު އެބައޮތެވެ. ސްޕާސް އުޅެނީ 24 ޕޮއިންޓާއެކު 13 ވަނައިގައެވެ. މިމުބާރާތުގައި އެސްޓަން ވިލާ އާއި އެވަޓަން ބައްދަލުކުރި މެޗު ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ވިލާއެވެ. މި މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ވިލާއަށް ކާމިޔާބު ކޮށްދިނީ އޮލީ ވޮޓްކިންސްއެވެ. މި ކާމިޔާބީއާއެކު ވިލާ މިހާރު އުޅެނީ 35 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިގައެވެ. އަދި އެވަޓަން އުޅެނީ 17 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ