ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ 47 ޕަސެންޓަކީ ބިދޭސީން

ރާއްޖޭގައި ދިރިއުޅޭ ފިރިހެނުންގެ 47 ޕަސެންޓަކީ ބިދޭސީ ފިރިހެނުން ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ދުނިޔޭގެ އާބާދީގެ ދުވަހާ ގުޅުވައިގެން އެތަނުން އާންމުކުރި ތަފާސްހިސާބު ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ އާބާދީގެ އަންދާޒާއަކީ 590،079 އެވެ. އޭގެ ތެރޭގައި ހިމެނެނީ 374،168 ފިރިހެނުންނާއި 215،911 އަންހެނުންނެވެ. އަދި މީގެ ތެރެއިން 394،054 އަކީ ދިވެހިންނެވެ. ބާކީ 196،024 މީހުންނަކީ ބިދޭސީންނެވެ.
ތަފާސްހިސާނުތަކުން ދައްކާ ގޮތުގައި މަސައްކަތްކުރާ އުމުރުފުރާގައި ދިވެހި ފިރިހެނުންނަށް ވުރެ ބިދޭސީ ފިރިހެނުންގެ އަދަދު އިތުރެވެ. ހާއްސަކޮށް ވެރިރަށް މާލޭގެ އާބާދީއަށް ބަލާއިރު، މަސައްކަތްކުރާ އުމުރުގެ މީހުން ގިނަވުމުގެ އިތުރުން އެ އުމުރުފުރާގެ ބިދޭސީންގެ ނިސްބަތް ވެސް އުޅެނީ ވަރަށް މަތީގަ އެވެ.
މާލޭގައި ރާއްޖޭގެ އާބާދީގެ 46 ޕަސެންޠް މީހުން ދިރިއުޅެމުން އަންނަ އިރު، އޭގެ ތެރޭގައި ހިމެނެނީ 169931 ދިވެހިންނާއި 85625 ބިދޭސީންނެވެ. މާލޭގެ އާބާދީގެ ވެސް ކޮންމެ ތިން މީހުންގެ ތެރެއިން އެކަކީ ބިދޭސީއެކެވެ. އަދި ރަށްރަށެ ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކީ ބިދޭސީއެކެވެ.
ރިސޯޓްތަކާއި ސިނާއީ ރަށްރަށުގައި މި ނިސްބަތް އިންތިހާއަށް މަތިވެ، އެތަންތަނުގެ އާބާދީގެ 80 ޕަސެންޓް ހިއްސާކުރަނީ ވެސް ބިދޭސީންނެވެ.
ރަށްރަށުގައި 20-29 އަހަރާ ދެމެދުގެ ޒުވާނުންގެ އަދަދު ނިސްބަތުން މަދެވެ. ނަމަވެސް، ރިސޯޓްތަކާއި ސިނާއީ ރަށްރަށުގައި 20-44 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން ގިނަ އިރު، އެ ސަރަހައްދުތަކުގައި ވެސް ބިދޭސީ ފިރިހެނުން ގިނަ އެވެ. އަތޮޅުތަކުގެ ތެރެއިން ޖުމްލަ 225،123 ދިވެހިންނާއި 110،399 ބިދޭސީން ދިރިއުޅެމުން އަ ްނަ އިރު، ރާއްޖޭގައި އެންމެ އާބާދީ ބޮޑު ފަސް އަތޮޅުގެ ތެރޭގައި ހިމެނެނީ އައްޑު އާއި، ހދ. އަތޮޅާއި ކ. އަތޮޅާއި ރ. އަތޮޅުގެ އިތުރުން އަދި ލ. އަތޮޅެވެ.
މި ފަސް އަތޮޅުގެ ތެރެއިން ބިދޭސީންގެ އާބާދީ އެންމެ ބޮޑީ ކ. އަތޮޅުގަ އެވެ. އެ އަތޮޅުގެ ޖުމްލަ އާބާދީ 20،163 ގައި ހިމެނެނީ 13،760 ދިވެހިންނާއި 6430 ބިދޭސީންނެވެ. ދެން އެންމެ ބިދޭސީން ގިނައީ އައްޑޫގަ އެވެ. އެގޮތުން އެ ސިޓީގެ އާބާދީ އަކީ 26913 އެވެ. މީގެ ތެރެއެއިން 20،146 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ އަދަދަކީ 6767 އެވެ. ހދ. އަތޮޅުގެ ޖުމްލަ އާބާދީ އަކީ 23،371 އެވެ. އެއީ 20،475 ދިވެހިންނާއި 2،896 ބިދޭސީންނެވެ. ލ. އަތޮޅުގެ އާބާދީ އަކީ 15،543 އެވެ. އެއީ 13،385 ދިވެހިންނާއި 2،158 ބިދޭސީންނެވެ.
ރާއްޖޭގެ ދިވެހި އާބާދީއަށް ބަލާއިރު، އެންމެ ގިނައީ 36-64 އަހަރާ ދެމެދުގެ މީހުންނެވެ. އަދި ދެވަނައަށް އެންމެ ގިނައީ އުފަންވީއްސުރެ 17 އަހަރާ ދެމެދުގެ ކުޑަކުދިންގެ އުމުރުފުރަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ