ތެޔޮ އިމްޕޯޓުކުރުމަށާއި ރަށްރަށުގައި ބަނދަރުތައް ތަރައްގީކުރަން ދިވެހި ސަރުކާރުން ބޭރުގެ ދެ މާލީ އިދާރާއަކުން މި އަހަރުގެ ތެރޭގައި 80 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސަރުކާރުގެ ލޯނުތަކުގެ ތާވަލުން ދައްކައިފި އެވެ.
ފިނޭންސުން އަދާހަމަކޮށްފައިވާ "އެކްޓިވް އެކްސްޓާނަލް ލޯންސް" ތާވަލުން ދައްކާ ގޮތުގައި މި ލޯނުތައް ނެގީ އޯޕެކް ފަންޑު ފޯ އިންޓަނޭޝަން ޑިވެލޮޕްމަންޓާއި ވާލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިންނެވެ. މި ދެ ތަނުން ވެސް ނަގާފައި ވަނީ 40 މިލިއަން ޑޮލަރުގެ ލޯނެކެވެ.
އޯޕެކް ފަންޑުން ނެގި ލޯނަކީ "މަލްޓި އައިލެންޑް ހާބާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އަށް ހޯދި ފައިސާ އެވެ. އައިޑީއޭއިން ހޯދި ފައިސާއަކީ "މޯލްޑިވްސް އެމާޖެންސީ ސަޕޯޓް ފޯ ކްރިޓިކަލް ސާވިސަސް ޕްރޮޖެކްޓް" އަށް ހޯދި ފައިސާ އެވެ.
ވާލްޑް ބޭންކު މެދުވެރިކޮށް އައިޑީއޭއިން ނެގި 40 މިލިއަން ޑޮލަރުގެ ލޯނަކީ، އިރާނު ހަނގުރާމައާ ގުޅިގެން ހަކަތައިގެ ބާޒާރަށް އައި ލޮޅުމާ ގުޅިގެން ފޯރުކޯށްދިން ލޯނެކެވެ. މި ލޯނު ހޯދަން މަސައްކަތް ކުރަމުންދާ ވާހަކަ ސަރުކާރުން ވަނީ ހަނގުރާމަ ފެށުނުތާ ކައިރީގައި ހާމަކޮށްފަ އެވެ.
އަހަރު ފެށުމުގެ ކުރިން ފިނޭންސުން އަންދާޒާ ކުރީ، މި އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި ހުންނާނީ 158.8 ބިލިއަން ރުފިޔާގައި ކަމަށެވެ. މިހެން ނަމަވެސް އިރާނު ހަނގުރާމައާ ގުޅިގެން އޭރު އަންދާޒާ ކުރި ވަރަށް ވުރެ ދަރަނި އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.
އަހަރުންއަހަރަށް ދަރަނި އިތުރުވާއިރު، މި އަހަރަކީ މި ރާއްޖޭގެ ތާރީހުގައި ވެސް ދަރަނި އަދާކުރާއި ދަރަނީގެ ހިދުމަތަށް އެންމެ ބޮޑު ހޭދައެއް ކުރަން ޖެހޭ އަހަރެވެ. މި ދަރަނީގެ ބޮޑު ބަޔަކީ އޭޕްރިލްގައި ދައްކާ ނިންމާފައިވާ ސުކޫކުގެ ފައިސާ އެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާ ކުރީ ދަރަނި އަދާކުރަން އެކަނި 12 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާނެ ކަމަށެވެ. ނަމަވެސް އަބޫދާބީ ފަންޑަށް ވިއްކާފައިވާ ބޮންޑަށް ދައްކަން ޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިނުމާ ގުޅިގެން މި އަދަދުން 1.5 ބިލިއަން ރުފިޔާ މަދުވާނެ އެވެ.
މި ސަރުކާރުގައި ބޭރުގެ ދަރަނި އިތުރުވާ މިންވަރު އެހެން ސަރުކާރުތަކާ އަޅާބަލާއިރު ނިސްބަތުން ވަރަށް ކުޑަ އެވެ. ނަމަވެސް އެތެރޭގެ ދަރަނި ނެގުން ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފަ އެވެ.
ތެޔޮ އިމްޕޯޓުކުރާށާއި ބަނދަރުތައް އަޅަން ސަރުކާރުން 80 މިލިއަން ޑޮލަރުގެ ލޯނު ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ