ކުރީގެ ރައިސުލް ޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޕާޓީގެ ކަންކަމަށް އިއްޔެ މަޝްވަރާ މަޖިލީސް އުފެއްދެވީ ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދު ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގައި ޕާޓީ، ޕީޕީއެމް ތެރޭގައި ހަމަނުޖެހުން އުފެދި ދެބައިވުމައި ގުޅިގެން މިއަދު މުލިޔާގޭގައި އެ ޕާޓީގެ ޕީޖީ ގްރޫޕާއި ބައެއް ވަޒީރުން ހިމެނޭ ގޮތަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫނަކީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕީޕީއެމްގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރި ކުރަން ޖެހޭ ފަރާތަށް ވާއިރު އެއާ ހިލާފަށް ރޭ މީޑިއާ ކުރިމަތީ ދެއްކެވީ ޕާޓީ ބަދުނާމްވާ ކަހަލަ ވާހަކަތައް ކަމަށެވެ.
ޕާޓީގެ އަސާސީ ގަވައިދާ ހިލާފުވީ ކަމަށް ބުނެ މެންބަރުންނަށް ރައީސް މައުމޫން އިޝާރަތް ކުރައްވާ އިރު އެމަނިކުފާނު އިއްޔެ އުފެއްދެވި މަޝްވަރާ މަޖިލީހަކީ ވެސް އެ ގަވައިދުތަކާ ފުށު އަރާ ގޮތަށް އުފެއްދެވި މަޖިލީހެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މަޝްވަރާ މަޖިލީހަކީ ކައުންސިލްގެ ރުހުން ލިބިގެން އުފައްދަންޖެހޭ މަޖިލީހެއް ކަމަށާއި ނަމަވެސް އެކަން މައުމޫން ކުރައްވާފައި ނުވާ ކަމަށެވެ.
"ޕާޓީގެ އަސާސީ ގަވައިދާ ހިލާފުވާ ވާހަކަ ދައްކާ އިރު އެ އަސާސީ ގަވައިދުގެ 39 ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައިވާނެ ޕާޓީގެ މަޝްވަރާ މަޖިލީހަކީ ޕާޓީގެ ރުހުން ލިބިގެން ޕާޓީގެ ރައީސް އައްޔަން ކުރާ މަޖިލީހެއް ކަމަށް. ނަމަވެސް ޕާޓީގެ ކައުންސިލަށް މި މައްސަލަ ހުށަހެޅިގެން ކައުންސިލްގެ ރުހުން ލިބިފައެއް ނުވޭ. ޕާޓީގެ މެންބަރެއް އަޅުގަނޑަކީ ވެސް. އަދި އެމަގާމުން ވަކި ކުރި ކަމުގެ މެސެޖެއް ނާދެ އަޅުގަނޑަކަށް. އެހެންވީމާ އެކަން ކުރީ ގަވައިދާ ހިލާފަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕާޓީ މަޝްވަރާ މަޖިލީސް ބޭނުން ކުރައްވައިގެން ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތް ކުރައްވަން މައުމޫން ވިސްނަވާއިރު އެ މަޖިލީހުގައި ހިމެނެނީ އެކި ގޮތްގޮތުން ސަރުކާރުދެކެ ހިތް ހަމަޖެހިވަޑައި ނުގަންނަވާ ބޭފުޅުން ކަމަށާއި އެއިން އެނގިގެންދާ ކަމަކީ މައުމޫން ފާޅުގައި ސަރުކާރައި ދެކޮޅު ހެއްދެވުން ކަމަށެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅުގައި މައުމޫން ރޭ ފާޅު ކުރެއްވި ކަންބޮޑުވުންތަކަކީ މިހާތަނަށް ޕާޓީގެ އެއްވެސް ގުނަވަނަކާ ހިއްސާ ނުކުރައްވާ ވާހަކަތަކެއް ކަމަށާއި އަދި އޭގެ ބަދަލަށް މައުމޫން ދެއްވީ ސަރުކާރަށާއި ރައީސުލް ޖުމްހޫރިއްޔާއަށް ރައްދުވާ ގޮތަށް އަދި އިިކޮޅު ފަރާތްތަކަށް ސަރުކާރާއި ދެކޮޅު ވުމަށް ހިއްވަރު ލިބޭ ރައްދެއް ކަމަށެވެ.
"މަޝްވަރާ މަޖިލީސް މައުމޫން އުފެއްދީ ގަވައިދާ ހިލާފަށް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ