މިދިޔަ އޯގަސްޓް މަހު އެމެރިކާގެ ފާގަސަންގައި ކަޅު މީހެއްގެ ގަޔަށް ބަޑި ޖަހާ މަރާލި ދޮން ނަސްލުގެ ފުލުސް މީހާ ކުށްވެރި ނުވާ ކަމަށް ކޯޓުން ނިންމުމާއެކު އަނެއްކާވެސް ފާގަސަންގެ މަސްރަހު ހޫނުވެއްޖެއެވެ.
ކަޅު ނަސްލުގެ އުމުރުން 18 އަހަރުގެ މައިކަލް ބްރައުން މަރުވެފައި ވަނީ ފުލުސް އޮފިސަރެއް ކަމަށްވާ ޑަރެން ވިލްސަން ފޮނުވާލި 12 ވަޒަން އޭނާގެ ގަޔަށް އަރައިގެންނެވެ. ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ޑަރެން ވަޒަން ޖަހާފައި ވަނީ އަމިއްލަ ދިފާއުގައި ކަމަށެވެ.
ކޯޓުން މިގޮތަށް ނިންމުމާއެކު ފާގަސަންގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައެވެ. އެގޮތުން ފާގަސަންގައި ހުރި ފުލުހުންގެ އިދާރާއަށް ގާއުކާއި ފިރާތަށް ލޫޓުވާއި ފުލުހުންގެ ކާރުތަށް ރޯކޮށް ބައެއް އިމާރާތްތަކުގައި ވެސް ވަނީ ރޯކޮށްފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 80 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފާގަސަންގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.
ދޮން ނަސްލުގެ ފުލުހަކު ދިން ހަމަލާގައި މަރުވި މައިކަލް ބްރައުންގެ އާއިލާގެ ގާނޫނީ ޓީމުން ވަނީ ފާގަސަންގެ ރައްޔިތުންނަށް ހަމަނުޖެހުންތަށް ނުހިންގުމަށް ގޮވާލާފައެވެ.
"ހަމަނުޖެހުންތަށް ނުހިންގުމަށް ގޮވާލަން. ބްރައުންއަކީ ހަމަނުޖެހުންތަކަށް ގޮވާލި މީހެއް ނޫން. އޭނާއަކީ އަބަދުވެސް ސުލްހަވެރިކަމެއް ގޮވާލި މީހެއް" ގާނޫނީ ވަކީލުންގެ ޓީމުގެ މެމްބަރަކު ވިދާޅުވިއެވެ.
ފާގަސަންގެ މަސްރަހު ކޮންޓްރޯލް ކުރުމަށް ފާގަސަންގެ ލޯކަލް ސަރުކާރުން މިހާރު ވަނީ އެމެރިކާގެ ނޭޝަނަލް ގާޑްގެ އެހީތެރިކަމަށް ވެސް އެދިފައެވެ. ނޭޝަނަލް ގާޑްގެ ސިފައިން މިހާރު ދަނީ ފާގަސަންގައި ހަރަކާތްތެރި ވަމުންނެވެ.
ކޯޓުން އިއްވި ހުކުމާއެކު އެމެރިކާގެ ފާގަސަންގެ މަސްރަހު އަނެއްކާވެސް ހޫނުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ