ސީރިއާގެ 45،000 ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ތުރުކީއަށް

ސީރިއާ އާއި ތުރުކީގެ ގުޅޭ ބޯޑަރު ހުކުރު ދުވަހު ހުޅުވާލުމާ ގުޅިގެން ސީރިއާގެ 45،000 ހާސް ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ތުރުކީއަށް ހިޖުރަކޮށްފި އެވެ.
ސީރިއާގެ ގިނަ އަދަދެއްގެ ރައްޔިތުން އެގައުމު ދޫކޮށް ތުރުކީއަށް ހިޖުރަކޮށްފައިމިވަނީ ސީރިއާގެ ކޮބާން އަވަށަށް އައިއެސް ހަނގުރާމަވެރި ޖަމާއަތުން ހަމަލާއެއްދީފާނެ ކަމުގެ ބިރު ހީވުމާ ގުޅިގެންނެވެ. އައިއެސް އިން ކޮބާން އަވަށުގެ ކައިރީ ހުރި 60 އަވަށް މިހާތަނަށް ވަނީ އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓުތަށް ބުނެ އެވެ.
"ހުކުރު ދުވަހު ބޯޑަރު ހުޅުވުމާއެކު 45،000 ހާސް ސީރިއާގެ ރައްޔިތުން ވަނީ ތުރުކީއަށް ހިޖުރަކޮށްފަ. އެމީހުން ތުރުކީއަށް އެތެރެވީ 8 ޗެކް ޕޮއިންޓް މެދުވެރިކޮށް" ތުރުކީގެ ޑެޕިއުޓީ ބޮޑު ވަޒީރު ވިދާޅުވި އެވެ.
އައިއެސްގެ ބާރުގެ ދަށުގައި ހުރި އަވަށްތައް މިނިވަން ކުރުމަށް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ސީރިއާގައި ތިބި ކުރްދީ ހަނގުރާމަވެރިން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އެ އަވަށްތައް މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް އައިއެސްގެ 18 ހަނގުރާމަވެރިއަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މީގެއިތުރުން ތުރުކީން ސީރިއާ އާއި ގުޅޭ ބޯޑަރު ހުކުރު ދުވަހު ހުޅުވާލުމާ ގުޅިގެން ތުރުކީގައި ތިބި ކުރްދީ 300 ހަނގުރާމަވެރިން ސީރިއާއަށް އެތެރެވެފައިވާ ކަމަށް ރިޕޯޓުތަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ