ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން އިދާރާ ހިންގާނީ ތުލުސްދޫގައި: އަތޮޅު ކައުންސިލް

17: 11 - ސުޕްރީމް ކޯޓާ ހިސާބަށް މައްސަލަ ގޮސްގެން، އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ކ. އަތޮޅު ކައުންސިލް ހިންގާނީ ތުލުސްދޫގައި ކަމަށް އެ ކައުންސިލުން ދެންމެ ފާސްކޮށްފި އެވެ.
ކ. އަތޮޅު ކައުންސިލްގެ އިދާރާ ތުލުސްދޫގައި ހުންނަ ކުރީގެ އަތޮޅު އޮފީސް އިމާރާތުގައި ހިންގުމަށް އެ ކައުންސިލްގައި ހިމެނޭ ޑީއާރުޕީގެ ހަތަރު ކައުންސިލަރުންގެ އަޣުލަބިއްޔަތުން ފާސްކުރި ގަރާރުގައި ވަނީ އެ އިދާރާގެ މަސައްކަތްތަކަށް ހުރަސް ނޭޅުމަށާއި އެ އިދާރާގެ ތަޅުދަނޑި ކައުންސިލާ ހަވާލުކުރުމަށް ފުލުހުންނަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ.
އަދި އެ އަމުރާ ތަފާތުކޮށް ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކީ އެއް ލެވެލްއެއްގެ ކޯޓަކުން ނެރެފައިވާ އަމުރަކަށް ވީހިނދު، ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ކަނޑައަޅަންދެން، ލާމަރުކަޒީ ގާނޫނުގެ 155 ވަނަ މާއްދާގެ (ތ) ގައި އެ އިދާރާ ކަމުގައި ކަނޑައަޅާފައިވާ ތަނުގައި މިހާރު ވެސް އެ އިދާރާ ހިންގަމުން ގެންދާ ގޮތަށް ކަނޑައަޅައި ކައުންސިލްގެ އަޣުލަބިއްޔަތުން ފާސްކުރީ ކަމަށެވެ.
"އަދި މި އިދާރާ ކ. ތުލުސްދޫގައި ހިންގުމަށްޓަކައި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ފުރިހަމައަށް އެހީތެރިވެ ދެއްވުމަށާއި މި ކައުންސިލްގެ ގާނޫނީ ވާޖިބު އަދާކުރުމުގެ ފުރުސަތު ގެއްލޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ވެސް ދަންނަވަމެވެ،" ގަރާރުގައިވެ އެވެ.
00: 9 - ކ. އަތޮޅު ކައުންސިލްގެ މަސައްކަތްތައް މާފުއްޓަށް ބަދަލުކުރުމުގެ އަމުރެއް މާފުށީ ކޯޓުން އިއްޔެ ހަވީރު ނެރެފައިވީ ނަމަވެސް މިއަދު ވެސް ތުލުސްދޫގައި އަތޮޅު ކައުންސިލްގެ އިދާރާ ހުޅުވައިގެން މަސައްކަތް ކުރަމުން އެބަގެންދެ އެވެ.
އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ސައީދު ވިދާޅުވީ ކޯޓު އަމުރާ ގުޅިގެން ކައުންސިލުން އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
"ކައުންސިލުން އަމުރު ކުރާނެ ގޮތުގެ މަޝްވަރާއަކަށް ކައުންސިލަރުންނަށް މީޓިންއަކަށް ދަންނަވާފައި އޮތީ. މީޓިން ފެށިގެން ގޮތެއް ނިންމޭނީ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މާބޮޑު ހަރަކާތްތަކެއް އަތޮޅު ކައުންސިލް އިދާރާ ދޮށުގައި މިއަދުގެ މިހާތަނަކަށް ނެތެވެ. ތުލުސްދޫގައި މި ވަގުތު ހަރަކާތްތެރިވާ ފުލުހުންގެ ގިނަ މީހުން ތިބީ އެ މީހުންގެ މަރުކަޒުގައި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"މިހާރު އެހާ ގިނަ އަދަދަކަށް ފުލުހުންނެއް ނެތް. ފަނަރަ ވަރަކަށް ފުލުހުން ކަމަށް ލަފާކުރެވެނީ. މިއަދު އަތޮޅު އިދާރާ ސަރަހައްދުގައި ހުރީ އެންމެ ފުލުހެއް. އޮފީސް ކުރިމަތީގައި ހުންނަ ބާ އިމާރާތުގެ ފެންޑާގައި ފުލުހުންގެ ދެ މީހަކު ނުވަތަ އެކަކު އަބަދުވެސް އެބަހުރޭ،" އޭނާ ބުންޏެވެ.
އެނގިފައިވާ ގޮތުގައި ތުލުސްދޫގައި ފުލުހުންގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ ލޭޑީ އިބްރާހީމް މަނިކު އަތޮޅު ކައުންސިލްގެ އިދާރާ އަށް ވަޑައިގެން ކައުންސިލަރުންނާ ވާހަކަ ދައްކަވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މާފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރުނެރެފައި ވަނީ ކ. އަތޮޅު ކައުންސިލްގެ ރައީސާއި ނާއިބު ރައީސާއި އެ ކައުންސިލްގެ އެހެން މެމްބަރުންނާއި އެ އިދާރާގެ ޒިންމާދާރު ވެރިޔާ އަދި އެ އިދާރާގެ ސިވިލް ސާވިސް މުވައްޒަފުން މާފުށީގައި މަސައްކަތް ކުރުމަށެވެ.
މިގޮތަށް މާފުށީ ކޯޓުން އަމުރު ނެރުނުއިރު މިހާރު ކ. އަތޮޅު ކައުންސިލްގެ އިދާރާ ހިންގަމުންދާ ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން އާދީއްތަ ދުވަހު ނެރުނު އަމުރުގައިވާ ގޮތުން އެ އިދާރާ ހިންގާނީ ކުރިން ތުލުސްދޫގައި އަތޮޅު އޮފީސް ހިންގި އިމާރާތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ