އައިޖީއެމްއެޗުގެ ކުރިމަތީގައި އޮތް ޕާކިން ޒޯން ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނަށް ހާއްސަކުރަނީ

އައިޖީއެމްއެޗުގެ އިމަޖެންސީ ގޭޓް ކުރިމަތީގައި އޮންނަ ޕާކްކުރާ ސަރަހައްދު ހަމައެކަނި އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނަށް ހާއްސަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ތަނުން ބުނެފި އެވެ.
އައިޖީއެމްއެޗުގެ ޑެޕިއުޓީ ޑައިރެކްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ ހޮސްޕިޓަލު ކުރިމަތީގައި އޮންނަ ސަރަހައްދު ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނަށް އެތަން ހާއްސަ ކުރުމަށް ނިންމީ ގިނަ ސައިކަލާއި ކާރު އަދި ޓެކްސީ ޕާކްކޮށްފައި، ގިނަ ދުވަސްތަކެއް ވާންދެން އެތަނުން ނުނަގާ ބާއްވާތީ އެވެ. އަދި ވެހިކަލްތައް ދޮވެ، މަރާމާތު ކުރުމުގެ ކަންތައްތައް އެތަނުގައި ކުރިއަށް ގެންދާތީ، ހޮސްޕިޓަލުން ހިދުމަތް އަންނަ މީހުންނަށް އެތަނުގައި ޕާކު ކުރުމުގެ ޖާގަ ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗު ކުރިމަތީގައި އޮންނަ ސަރަހައްދުގައި މިހާރު ޕާކްކުރުން މަނާކޮށްފައި އޮތް ނަމަވެސް ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކަށް އެތަނުގައި ވަގުތީ ގޮތުން މިހާރު ވެސް ޕާކު ކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. ނަމަވެސް ވަކި ބަޔަކަށް ޕާކު ކުރުމުގެ ގަވައިދަށް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަމަލުކުރަން ފަށާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ސަރަހައްދުގައި ޕާކު ކުރާ މީހުން ވަރަށް ރަނގަޅަށް މޮނީޓާ ކުރާނެ ކަމަށާއި ޕާކުކޮށްފައިވަނީ ހޮސްޕިޓަލުން ހިދުމަތް ހޯދަން އަންނަ މީހުންގެ އުޅަނދުފަހަރުތޯ ޗެކްކުރާނެ ކަމަށެވެ.
"ޕާކް ކުރަނީ ކޮން ބައެއްތޯ ބެލުމަށް އަދި އަޅުގަނޑު ވަކި ހާއްސަ ނިޒާމެއް ގާއިމެއް ނުކުރަން. ނަމަވެސް އެކަން ބެލުމަށް މޮނީޓާ ސިސްޓަމް ވަރުގަދަ ކުރާނަން. ޕާކްކުރަނީ ހޮސްޕިޓަލުން ކޮން ހިދުމަތެއް ހޯދަން އަންނަ ބައެއްތޯ ވެސް ބަލާނަން،" ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އެ ސަރަހައްދުގައި ޕާކްކޮށްފައި އޮންނަ ބައެއް އުޅަނދުފަހަރު އެ ސަރަހައްދުން ނުނަގާތާ ތިން މަހެއްހާ ދުވަސް ވެދާނެ ކަމަށެވެ. އެހެން ކަމުން އެ ވެހިކަލްތައް އެ ތަނުން ނަގާ، އެތަން އަލުން ތަރައްގީ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ބުނީ އެތަނުގެ ވެހިކަލްތައް ޕާކް ކުރުމަށް އެ ސަރަހައްދުގެ ބައެއް ހިޔާކޮށް، ތައްޔާރު ކުރަމުން އަންނަ ކަމަށެވެ. އަދި ކޮންމެ ވަގުތަކު ވެސް ޓެކްސީގެ ހިދުމަތް ލިބޭ ގޮތަށް، ޓެކްސީ ކިއުއެއް ވެސް އެތަނުގައި ތަރައްގީ ކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
"އޭރުން އެއްވެސް އުޅަނދެއް ހޮސްޕިޓަލުގެ ތެރެއަކު ޕާކެއް ނުކުރެވޭނެ. އަދި ޓެކްސީ ހޯދުމަށް ފަސޭހަވެ، ކޮންމެ ކޮންމެ މީހަކަށް އެ ސަރަހައްދުގައި ޕާކު ކުރުމުގެ ފުރުސަތެއް ނޯންނާނެ،" ސައީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ