ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަށް އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ނިހާން އިންކާރުކުރައްވައިފި އެވެ.
ނިހާންގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރާއި ދެވަނަ ނަންބަރާއި، ފަސްވަނަ މާއްދާގެ (ހ)ގެ ދެ ވަނަ ނަންބަރާއި، ހަ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ)ގެ ދަށުންނެވެ.
ދައުވާ އިއްވުމުން ދައުވާ ސާފުވެއްޖެ ކަމަށް ވިދާޅުވެ ނިހާން ވަނީ ދައުވާއަށް އިންކާރުކުރައްވާފަ އެވެ.
ދައުލަތުގެ ދައުވާގައި ބުނެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ރޭ ދަންވަރު ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިންއާއި އިތުރު ބަޔަކު ލޯންޗެއްގައި މާމިގިއްޔަށް ދިއުމުން ނިހާން އެމީހުންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި އެރޭ މާމިގިލި ކޯޓު ހުޅުވުމަށްފަހު މުހުތާޒު ގާޒީ ނިހާނަށް ދިން އީމެއިލްއަކާއި ޕާސްވޯޑެއް ބޭނުންކޮށްގެން އީމެއިލްގައިވާ އެޑްރެހަށް ވަދެ "މާފުށީ އަމުރު" މިނަމުގައިވާ ކޯޓު އަމުރެއް ކަމަށް ދައްކައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއް ޑައުންލޯޑް ކުރުމަށްފަހު އެލިޔުމަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށް ދައުވާގައިވެ އެވެ. މުހުތާޒު ދީފައިވަނީ [email protected] ގެ ނަމުގައިވާ އީމެއިލްއެއް ކަމަށާއި އީމެއިލް އަށް ވަނީ މާމިގިލި ކޯޓުގެ ލެޕްޓޮޕް ބޭނުންކޮށްގެން ކަމަށްވެސް ދައުވާގައިވެ އެވެ.
ދައުލަތުން ނިހާންގެ މައްޗަށް އިތުރު ތިން ދައުވާއެއް ވެސް ވަނީ އުފުލާފަ އެވެ. އެއީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާގެ އިތުރުން ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތުގައި ދެއްކުމަށް ޓަކައި ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ. މި ދައުވާ ތަކަށްވެސް ނިހާން ވަނީ އިންކާރުކުރައްވާފަ އެވެ.
ޝަރީއަތުގެ މަޖިލީހުގައި ގާޒީ ނިހާންގެ ވަކީލް އަދި ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު މިއަދު ވިދާޅުވީ ދައުވާތަކަށް އެއްޗެއްް ދެންނެވޭނީ ދައުލަތުން ހުށަަހަޅާ ހެކިތަކާ ބެހޭ ލިޔެކިޔުންތައް ލިބުމުން ކަމަށެވެ. މިހާތަނަށް ލިބިފައިވަނީ ގާޒީ ނިހާން ފުލުހުންނަށް ދެއްވާފައިވާ ތަހުގީގު ބަޔާން އެކަނި ކަމަށްވެސް ވިދާޅުވި އެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުން ބުނީ ދައުލަތުން ހުށަހަޅަނީ ސިއްރު ހެކިތަކެއް ކަމަށްވާތީ ލިޔުމުން ހެކި ހުށަހަޅަން ފުރުސަތު ދިނުމަށް އެދޭ ކަމަށެވެ.
ދައުލަތަށް އެ ފުރުސަތު ދެއްވަމުން ގާޒީ ވިދާޅުވީ ލިޔުންތައް ލިބުމުން ދިފާއީ ވަކީލުންނާ ލިޔުންތައް ހިއްސާކުރައްވާނެ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން މުހުތާޒު މުހުސިން ވެސް ހައްޔަރުކޮށްފައިވާއިރު އޭނާގެ މައްޗަށް ވަނީ ތިން ދައުވާއެއް އުފުލާފަ އެެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ ދައުވާ ވެސް ހިމެނެ އެވެ.
ދައުވާތަކަށް ގާޒީ ނިހާން އިންކާރުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ