ގާސިމް އަދިވެސް އައިސީޔޫގައި، ހާލުކޮޅަށް ބަދަލެއް ނާދޭ!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދިވެސް އޮންނެވީ އޭޑީކޭގެ އައިސީޔޫގައި ކަމަށާއި ގާސިމްގެ ހާލުކޮޅު ރަނގަޅު ނުވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު މިއަދު ވީއެފްޕީއަށް ވިދާޅުވީ ގާސިމް އަދި ވެސް އޮންނެވީ އައިސީޔޫގައި ކަމަށާއި އިތުރު ފަރުވާ ބޭނުންވާ ކަމަށެވެ.
"ރާއްޖޭގައި ހެދެން ނެތް ސްކޭނެއް ހަދަން ޖެހޭ. ބަލި ހާލަތު ހުރި ގޮތުން އިތުރަށް ބަލަން ޖެހޭ ބެލުންތަކަށްފަހު ނޫނީ ފަރުވާ ދޭން ވެސް ދަތިވެފައި އޮންނެވީ. އެކަމަކު އެކަންކަން ވާނީ ރާއްޖެއިން ބޭރަށް ދެވޭ ގޮތް ވެގެން،" އޮފިޝަލު ވިދާޅުވިއެވެ.
ގާސިމްގެ ހާލުކޮޅާއި ބެހޭ ގޮތުން އޭޑީކޭގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
"ގާސިމަކީ ރާއްޖޭގެ އެތައް ދިވެހިންނެއް ރާއްޖެއިން ބޭރަށް ފޮނުވައިގެން ފަރުވާ ހޯއްދަވާ ދެއްވި ބޭފުޅެއް. މިއަދު ގާސިމް އެހާލުގައި އޮންނަވަން ޖެހުމަކީ އެތައް ދިވެހިންނެއްގެ ކަންބޮޑުވުން ހުރި ކަމެއް،" އޮފިޝަލު ވިދާޅުވިއެވެ.
އޭޑީކޭގައި ގާސިމަށް ފަރުވާ ދެއްވާ ހިތުގެ ބަލިތަކާ ބެހޭ ހާއްސަ ކޮންސަލްޓެންޓު ޑރ.ޕްރަތީކު ސިންގު މިމަހުގެ 18 ވަނަ ދުވަހު ދެއްވާފައިވާ ލިއުމެއްގައި ވިދާޅުވެފައިވާ ގޮތުގައި ގާސިމްގެ ފުއްޕާ މޭވަނީ ދުޅަވެފައެވެ. މޭ ދުޅަވެފައިވަނީ ނިއުމޯނިއާ(ބްރޮންކޮނިއުމޯނިއާ) ޖެހުމުގެ ސަބަބުންނާއި ކްރޮނިކް އޮބްސްޓްރަކްޓިވް ލަންގް ޑިޒީޒް ޖެހުމުގެ ސަބަބުންނެވެ. ކްރޮނިކް އޮބްސްޓްރަކްޓިވް ލަންގު ޑިޒީޒަކީ ހަށިގަނޑަށް ލިބޭ އޮކްސީޖަން މަދުވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. އަދި އެކަށިގެންވާ ފަރުވާ ނުލިބިއްޖެ ނަމަ ދުވަހަކަށްވުރެ ދުވަހެއް އެ ބަލިދާނީ ބޮޑުވަމުންނެވެ.
ގާސިމް އިބްރާހީމްގެ އީސީޖީ ހަދާފައިވާ އިރު ޕްރިމެޗުއަ ވެންޓްރިކިއުލަ ކޮންޓްރެކްޝަންސްއާއި ރައިޓް ބަންޑަލް ބްރާންޗް ބްލޮކެއް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ޑރ.ޕްރަތީކު ވިދާޅުވެފައިވެއެވެ. ޕްރިމެޗުއަ ވެންޓްރިކިއުލަ ކޮންޓްރެކްޝަންސްއަކީ އާދަޔާ ހިލާފަށް ހިތުގެ ވިންދު ޖެހުމެވެ. ރައިޓް ބަންޑަލް ބްރާންޗް ބްލޮކުވުމަކީ ހިތުގެ ތިރީބައިގައި އޮކްސީޖަން ޕަންޕު ކުރަން ބޭނުން ކުރާ ކަނާތް ފަރާތު ވެންޓްރިކަލް މަސައްކަތް ނުކުރުމެވެ. އަދި އެގޮތަށް ދިމާވަނީ ހިތުގެ ބައެއް މަސްތައް ހަލާކު ވުމުންނެވެ.
ގާސިމް އިބްރާހީމްގެ މެއަށް ތަދުވެ ނޭވާ ކުރުވާތީ އެޑްމިޓުކޮށް ފަރުވާދޭން ފަށާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ގާސިމް ރާއްޖެއިން ބޭރަށް ގެންދިއުމަށް ވެސް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް ޕާސްޕޯޓު ހިފަހައްޓާފައިވާތީ ފުރޭ ގޮތްވަނީ ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ