ހަތަރު މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭނެ، ކާމިޔާބު ކުރާނަން: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ހަތަރު މެމްބަރަކު އެ ޕާޓީން ވަކިވިކަން ކަމާ ބެހޭ މުއައްސަސާތަކަށް އަންގާފައިވާ ކަމަށް އެ ޕާޓީން މިރޭ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވިޔަސް، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕާ ބައްދަލުކުރެއްވުމަަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމަށެެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ޕީޕީއެމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާ ކަމަށާއި އަދި އެ ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ޕީޕީއެމްގެ ކައުންސިލްގެ މިރޭގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވި ކަމަށް، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ބާރުވެރިކަމާއި މުއައްސަސާތަކަށް ނުފޫޒު ފޯރުވުން ހުރި މިންވަރަށް ބަލާއިރު، އެ ހަތަރު މެމްބަރުން ޕީޕީއެމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން މަޖިލިހުގެ އިދާރާ އަށް އެންގުމުން އެކަން އެ ހިސާބުން ނުނިމޭ ކަމަށް މައުމޫން ގަބޫލުފުޅު ކުރައްވަނީތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ "ގާނޫނާ ޚިލާފު ކަމެއް ނުނިމޭނެ" ކަމަށެވެ.
"ކަނޑައެޅިގެން ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފު. އެހެންވީމާ ނުނިމޭނެ އެގޮތަކަށް،" ހަތަރު މެމްބަރަކު ޕީޕީއެމުން ވަކިވިކަން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާކަން ރައީސް ޔާމީން ކައުންސިލްގެ ބައްދަލުވުމުގައި އިއުލާން ކުރެއްވި ކުރެއްވުމަށް ރައްދު ދެއްވަމުން އެމަނިކުފާނުގެ ބޮޑުބޭބޭފުޅު މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ސުލޫކީ މައްސަލައެއްގައި ޕާޓީއަކުން މެމްބަރަކު ވަކިކުރިޔަސް އެ ބޭފުޅަކު މަޖިލިހުގައި ދެމިހުންނާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ. އަދި އެއަށް ހުރުމަތްތެރިކޮށް ހިތުމަށް ސުޕްރީމް ކޯޓުން އެންމެ ފަހުން ނެރުނު އަމުރުގައި ވެސް އަންގާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އެހެންވީމާ ޕާޓީން ވަކިކުރިޔަސް ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއެއް ނުގެއްލޭނެ،" ކުނޫޒްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ