އުމަރު ނަސީރާއި ގާސިމް، ރައީސް ވަހީދާ ބައްދަލުކުރައްވައިފި

ޕީޕީއެމްގެ ކުރީގެ ނާއިބް ރައީސް އަދި ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވި އުމަރު ނަސީރު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ މިރޭ ބައްދަލުކުރައްވައިފި އެވެ.
މިރޭ 12:45 ހާއިރު އުމަރު ނަސީރު އާއި ގާސީމް އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ހިލާލީގެއިން ނުކުމެވަޑައިގެންނެވި މަންޒަރު ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.
އެ ދެ ބޭފުޅުން ރައީސް ޑރ. ވަހީދާ ބައްދަލު ކުރެއްވީ ކޮންކަމަކާ ގުޅިގެން ކަމެއް އަދި ސާފުވާގޮތެއް ނުވެ އެވެ.
މިއީ ޕީޕީއެމް ޕްރައިމަރީ އަށް ފަހު އުމަރު ނަސީރު ރައީސް ޑރ. ވަހީދާ ބައްދަލުކުރެއްވި ކަމުގެ މައުލޫމާތު މީޑިއާ އަށް ލިބުނު ދެވަނަ ފަހަރު އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނާއި އެޕާޓީގެ އިސް ބައެއް ބޭފުޅުން ރައީސް ޑރ. ވަހީދާއި އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ތަފާތު އެކި ޖަލްސާތަކުގައި ވާހަކަ ދައްކަވައިފައިވެ އެވެ. ނަމަވެސް އުމަރު ނަސީރު ދުވަހަކު ވެސް ރައީސް ޑރ. ވަހީދާއި އެމަނިކުފާނުގެ ސަރުކާރަށް ފާޑުވިދާޅުވެފައި ނުވާ ކަން ފާހަގަ ކުރެވެ އެވެ.
ފުޅާ ކޯލިޝަނެއް ހެއްދުމަށް މަސައްކަތްކުރައްވާ ވާހަކަ އުމަރު ނަސީރު ވަނީ ޕީޕީއެމް ޕްރައިމަރީގެ ކެމްޕޭނު ތެރޭގައި ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ