އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެފަދަ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ރައީސުލް ޖުމްހޫރިއްޔާ އާއި ސަރުކާރުގެ ވެރިން ޒިންމާދާރު ކުރުމަށް ރައްޔިތުންގެ ފަރާތުން މަސައްކަތްކުރަން ތިބީ ގުޅިފައިވާ ސިޔާސީ ޕާޓީތައް ކަމަށާއި ސަރުކާރުން ގާނޫނުތަކާ ޚިލާފަށް ކުރާ ކަންކަން ހުއްޓުވަން ތިބީ އިދިކޮޅު ޕާޓީތައް ކަމަށެވެ. އެ މަސައްކަތް ޕާޓީތަކުން ކުރަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އެ ބަޔާނުގައިވެ އެވެ.
"ގާނޫނަކުން މަނާ ނުކުރާ ކަންކަން ކުރުމުގެ ހައްގު ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ރައްޔިތުންނަށް އޮތްއިރު ގާނޫނު އަސާސީއާ ޚިލާފަށް، އެކަންކަން ކުރުމުގެ މިނިވަންކަން ނިގުޅައިގަތުން ފަދަ ކަންކަން ސަރުކާރުން ކުރަމުން ދިއުމަކީ ދިވެހި ރައްޔިތުން ކަންބޮޑުވާ ކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.
އިދިކޮޅު ޕާޓީތަކުގެ އެއްވުންތަކަށް ހުރަސް އަޅައި، ބާރުގެ ބޭނުން ކުރުމަކީ ހިތާމަ ހުރި ކަމެއް ކަމަށާއި އެއީ ގާނޫނު އަސާސީއާ ޚިލާފް ކަންކަން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ވަކި ފަރާތަކުން ސިޔާސީ ބޭނުމެއްގައި އަންގާ އެންގުންތަކަށް ސަލާމަތީ ބާރުތަކުން ތަބާވުމަކީ އެ މުއައްސަސާތައް ބަދުނާމުވާނެ ސަބަބެއް ކަމަށް ވެސް ބުނެފައިވެ އެވެ.
"އެކި މުއައްސަސާތައް މެދުވެރިކޮށް މިކަހަލަ އަމަލުތައް މި ހިންގަނީ އެކަމަށް އަމުރުކުރާ ފަރާތްތައް ގޮސް ހުސްވުމުން ކަމުގައި ނޫނީ ނުވާނެ އެވެ. ވީމާ އަނިޔާވެރިކަމާ އެކު ދިވެހި ރައްޔިތުންނާ ކުރިމަތިނުލުމަށާއި އެއްވެސް ފަރާތަކުން އަންގާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް ހުރިހާ މުއައްސަސާތަކަށް ގޮވާލަމެވެ،"
މިދިޔަ ހޯމަ ދުވަހު އިދިކޮޅު މެމްބަރުން މަޖިލީހަށް ވަންނަން އުޅުމުން ސަލާމަތީ ބާރުތަކުން އެކަމަށް ހުރަސް އަޅާފައިވާއިރު ގަދަކަމުން މަޖިލީހަށް ވަން މެމްބަރުން ވެސް އެތަނުން ވަނީ ނެރެފަ އެވެ.
ގަދަކަމުން ވަން މެމްބަރުންގެ މައްސަލަތައް ފުލުހުން ބަލަމުންދާއިރު މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިން މެމްބަރަކު މަޖިލީހަށް ވަދެފައިވާތީ އެ ތިން މެމްބަރުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަނީ ގާނޫނީ އިމުގެ ތެރެއިން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ