ޕީޕީއެމްގެ ރައީސް އަކީ އަދިވެސް ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފެކްޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫނަކީ މިހާރު ޕީޕީއެމްގެ ދަފްތަރުން އުނިކޮށްފައިވާ ބޭފުޅެއް ކަމަށްވާތީ އެމަނިކުފާނަކީ ޕީޕީއެމްގެ ރައީސް ނޫން ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނިކޮށެވެ.
ރައީސް މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތާއި ބެހޭ ގޮތުން އެކި އެކި ބޭފުޅުން އެކި ފޯރަމް ތަކުގައި އޮޅުން އަރާ ގޮތަށް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ކަމަށެވެ.
ނަމަވެސް ރައީސް މައުމޫނަކީ ޕީޕީއެމްގެ ރައީސް ކަން ފާހަގަކުރައްވަމުން މިބަޔާނުގައި ވިދާޅުވެފަވަނީ އެމަނިކުފާނު ޕީޕީއެމްގެ ރައީސް ކަމަށް އިންތިހާބު ވެވަޑައިގަތީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވި ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާ އިން ޕީޕީއެމްގެ މެންބަރުންގެ ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން ކަމަށެވެ.
އެމަނިކުފާނު އިންތިހާބު ކޮށްފައިވަނީ ފަސް އަހަރުގެ ދައުރަކަށް ކަމަށާއި އެ މަނިކުފާނަކީ ޕީޕީއެމް އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި ބޭފުޅާ ކަމަށްވެސް ބަޔާނުގައި ފާހަގަކުރައްވާފައިވެ އވެ. އަދި ޕީޕީއެމް ވަރުގަދަ ސިޔާސީ ޕާޓީ އެއްގެ ގޮތުގައި ހަރަކާތްތެރިވެ، ޕީޕީއެމް އަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވަނީ ރައީސް މައުމޫންގެ ލީޑަޝިޕްގައި ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ޕާޓީގެ ރައީސް މަގާމުން ވަކި ކުރެވޭނެ ގޮތް ވަރަށް ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށާއި އެގޮތުން ޕާޓީގެ، އަސާސީ ގަވައިދުގެ 55 ވަނަ މާއްދާގެ (ހ)ގެ ތިނެއްގައިވާ ގޮތުން ޕާޓީގެ ރައީސް ވަކިކުރެވޭނީ ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވާ، އެޖަލްސާގެ ތިން ބައިކުޅަ ދެބައި ބޭފުޅުން އެމަނިކުފާގެ މައްޗަށް އިތުބާރުނެތް ކަމަށް ވޯޓް ދިނުމުން ކަމަށެވެ.
"އެހެން ކަމުން މިއަދާއި ހަމައަށްވެސް ރައީސް މައުމޫނާ ބެހޭގޮތުން، ޕާޓީގެ ގައުމީ ޖަލްސާއިން މިފަދަ ނިންމުމެއް ނިންމާފައިނުވާތީ ރައީސްގެ ގޮތުގައި އަދި ވެސް ހުންނެވީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމްއެވެ. ވީމާ މިކަން ޕީޕީއެމްގެ އެންމެހާ ލޮބުވެތި މެންބަރުން ގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
ޕީޕީއެމްގެ ރައީސަކީ އަދިވެސް އަޅުގަނޑު: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ