ކަރަންޓުގެ 30 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް 5 ރަށެއްގައި ހިންގި މަޝްރޫޢު ނިންމާލައިފި

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ދުވާލުގަޑީގައި ބޭނުންކުރާ ކަރަންޓުގެ އެންމެމަތީ ޢަދަދުގެ 30 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން 5 ރަށެއްގެ މަސައްކަތް ނިމިފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީއިން ބުނެފިއެވެ.
އިއާދަކުރަނިވި ހަކަތަގެ މި މަޝްރޫޢު ބެހިފައިވަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ އޭޑީބީއިން އެޑްމިނިސްޓަރކުރާ ޕަބްލިކް ސެކްޓަރ ޕްރޮގްރާމް "ޕޮއިސްޑް"އާއި، ވަރލްޑްބޭންކުން އެޑްމިނިސްޓަރކުރާ އިއާދަކުރަނިވި ހަކަތައިގެ ޕްރައިވެޓް ޕްރޮގްރާމެކެެވެ.
ޕަބްލިކް ޕްރޮގްރާމްގެދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ފަށާފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1.5 މެގަވޯޓްގެ އަވިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާކަމަށާއި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި މަޝްރޫޢުގެ މަސައްކަތްތައް އެކި މަރްޙަލާތަކުގައި ފަށާފައިވާކަމަށެވެ.
އަޙްމަދު ޢަލީ ވިދާޅުވި ބައެއް އަތޮޅުތަކުގައި ޢަމަލީ މަސައްކަތްތައް ފަށާފައިވާއިރު، އަނެއްބައި އަތޮޅުތަކުގައި ކަމާގުޅޭ ސަރވޭތަކާއި ސްޓަޑީތައް ހަދަމުންދާކަމަށާއި ބައެއް އަތޮޅުތަކުގެ މަސައްކަތް ޓެންޑަރަށް ހުޅުވާލުމަށް ތައްޔާރުވެފައިވާކަމަށެވެ. އަދި މިހާރު މި މަޝްރޫޢުގެ ދަށުން 5 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމިފައިވާކަމަށްވެސް އަޙްމަދު ޢަލީ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ މަސައްކަތުގެދަށުން ހއ.ގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ޤާއިމުކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާއިރު، ށ. އަތޮޅާއި ނ. އަތޮޅުގެ ރަށްތަކުގެ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކުރުމަށް ތައްޔާރުވަމުންދާކަމަށް އަޙްމަދު ޢަލީ ވިދާޅުވިއެވެ. އަދި ރ، ބ، ކ، އއ، އދ، ވ، ފ، ގއ، ގދ، ސ އަތޮޅުގެ ސަރވޭގެ މަސައްކަތް ނިމިފައިވާކަމަށާއި ވަރަށް އަވަހަށް މި އަތޮޅުތަކުގައި މި މަސައްކަތް ފެށުމަށް ބީލަމަށް ހުޅުވާލާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މ، ފ، ދ އަތޮޅުގައި އިއާދަކުރަނިވި ހަކަތައާއި ގުޅޭ ސަރވޭތައްހެދުމުގެ މަސައްކަތައް މިނިސްޓްރީގެ ޓީމުން ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާއިރު ތ، ލ، އދި ޏ އަތޮޅުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢުގައި އަވިން ކަރަންޓު އުފައްދާ ނިޒާމާއި، ވައިން ކަރަންޓު އުފައްދާ ނިޒާމުގެ އިތުރުން ކުނި އަންދައިގެން ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ