ތަޢުލީމީ ދާއިރާގެ 100 ދުވަހުގެ ލަނޑުދަނޑިތައް ހާމަ ކުރުމަށް މާދަމާ ހަވީރު ޚާއްސަ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.
މިއަދު މެންދުރުފަހު މީޑިއާއާއި ބައްދަލު ކުރައްވާ މަޢުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ޑރ އަބްދުލްމުޙްސިން މުޙައްމަދާއި އެ މިނިސްޓްރީގެ ޑިރެކްޑަރ ޖެނެރަލް މުޙައްމަދު ސައީދު ވިދާޅުވީ، މި ހަރަކާތް ކުރިޔަށް ދާނީ 'އުފާ' މިނަމުގައި ބާއްވާ ހަރަކާތެއްގެ ގޮތުގައި ކަމަށެވެ.
'އުފާ' ހަރަކާތް ބޭއްވޭނީ ހުރިހާ އެންމެންނަށް ވެސް ގުޅޭނެ ގޮތަށް، އާއިލާއާއި އެކުގައި ވަގުތު ހޭދަ ކޮށްލެވޭނެ އުފާވެރި މާހައުލެއްގައި ކަމަށްވެސް އެ ފަރާތުން ވިދާޅުވިއެވެ.
އަދި މި ހަރަކާތުގައި ތަޢުލީމީ ދާއިރާގެ އެކި ފަރާތްތަކުން ބައިވެރި ވާނެ ކަމަށް ވެސް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އިވެންޓަކީ މި ދާއިރާ ޝޯވކޭސް ކޮށްދޭނެ އިވެންޓެއް. ހަމަ އެކަނި ޖީސީއީ އޯ ލެވެލް އޭ ލެވެލް އެއް ނޫން މި އޮންނަނީ. ތަފާތު ގިނަ ކަންކަން އެބަ ހުރި. މަތީ ތަޢުލީމުގެ ދާއިރާއަށް ބެލިކަމުގައި ވިޔަސް، ޕްރައިވެޓް ވަރަށް ގިނަ ދާއިރާތައް އެބަ އޮތް. ނޭޝަނަލް ޔުނިވާރސިޓީވެސް އެބަ ހުރި. މި ވެސް ހަމަ ތަޢުލީމީ ދާއިރާ." ޑރ މުހުސިން ވިދާޅުވިއެވެ.
މި އިވެންޓުގައި ތަޢުލީމީ ދާއިރާގެ އެކި ފަރާތްތަކުން، 100 ދުވަހުގެ ލަނޑުދަނޑިތަކާއި ބެހޭ އިތުރު މަޢުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"އުފާ" މި ނަމުގައި ކުރިޔަށް ގެންދާ މި ހަރަކާތް ހިންގާ ސަބަބުވެސް އެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
"100 ދުވަހުގެ ހަރަކާތްތައް އަޅުގަނޑުމެން ކުރިޔަށް މި ގެންދަނީ 'އުފާ' މި ނަމުގައި، އެއީ ޝިޔާރެއްގެ ގޮތުން އެ ޝިޔާރުގެ ދަށުން." ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައީދު ވިދާޅުވިއެވެ.
"'އުފާ' އެ ޝިޔާރު އަޅުގަނޑުމެން ބޭނުންކުރަނީ، އާޚިރުގައި އަޅުގަނޑުމެން ބޭނުންވަނީ ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ އުފާވެރި ދިރިއުޅުމަކާއި ދިމާލަށް ދާނެ ކުއްޖަކަށް (ހެދުމަށް). އެހެންވީމާ އަޅުގަނޑުމެންގެ ހުރިހާ މަސައްކަތް މި ބްރޭންޑް ކުރަނީ 'އުފާ' މި ބްރޭންޑްގެ ދަށުން." ޑރ އަބްދުލް މުހްސިން މުހައްމަދު ވިދާޅުވިއެވެ.
މި އިވެންޓުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތް ޝިހާމް ބަޔާނެއް ދެއްވާނެ ކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.
މި ހަރަކާތް ކުރިޔަށް ދާނީ މާދަމާގެ ހަވީރު 16:00 އިން 18:00 އަށް ސަލްޓަން ޕާކްގެ ހިތްގައިމު މާހައުލުގައި ކަމަށް މިނިސްޓްރީއިން ބުނެއެވެ. އަދި މި ހަރަކާތަށް ޢާންމުންގެ ހުރިހާ ފަރާތަކަށްވެސް ދަޢުވަތު އަރުވާ ކަމަށް މިނިސްޓްރީއިން ބުނެއެވެ.
"އުފާ" ގެ ނަމުގައި ތަޢުލީމީ ދާއިރާގެ 100 ދުވަހުގެ މަގުޗާޓް އިޢުލާން ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ