ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި މާލެއާއި ހުޅުލެ އާއި ވިލިމާލެ އާއި ގުޅިފަޅާއި ތިލަފުށި ބުރިޖަކުން ގުޅައިލާނެ ކަމުގެ ވައުދު ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވެވަޑައިގެންފި އެވެ.
ހުޅުމާލެ ލާލޭ ސްކޫލްގައި ޖުމްހޫރީ ގުޅުމުގެ ފަރާތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ހުޅުލެ އާއި މާލެ އާއި ދެމެދު ބުރިޖުން ގުޅައިލާނެ ކަމަށާއި އެގޮތަށް ވިލިމާލެ އާއި މާލެއާއި ދެމެދު ވެސް ބުރިޖުން ގުޅައިލާނެ ކަމަށެވެ. މިހާރު ތަރައްގީ ކުރަމުން އަންނަ ގުޅީފަޅާއި ވިލިނގިލި ބްރިޖަކުން ގުޅާލައި ތިލަފުއްޓާއި ގުޅީފަޅާ ދެމެދު ބުރިޖެއް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މިދެންނެވި ތަންތަނުގައި ދަތުރުފަތުރު ކުރެވޭނެ ފަސޭހަ ގޮތް އަޅުގަނޑުމެންގެ ވެރިކަމެއްގައި އިރާދަ ކުރެއްވިއްޔާ ހަދައިދޭނަން. މިތަންތަން ބްރިޖަކުން ގުޅާލެވޭނެ. ދިވެހިން އެދޭ ތަރައްގީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގެނެސްދޭނަން، ދިވެހިން އެދޭ ތަރައްގީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގެނެސްދޭނެ. އެކަމާއި ރައްޔިތުން ޝައްކު ކުރާކަށް ނުޖެހޭނެ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ހުޅުމާލެއަކީ މާލެއަށްވުރެ ތަނަވަސް ގިނަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށަކަށް ހައްދަވާނެ ކަމަށާއި ހުޅުމާލޭގައި ފުލެޓްތައް އަޅައި ހެޔޮ އަގެއްގައި ގެދޮރު މިލްކު ކުރެވޭނެ ގޮތް ހައްދަވާނެ ކަމަށެވެ.
އަދި ހުޅުމާލޭގައި އާބާދީ ބޮޑުވެގެންދާއިރު އެރަށުން ލިބެންޖެހޭ ހިދުމަތްތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ގާއިމް ކުރައްވާނެ ކަމަށާއި އެގޮތުން ރާއްޖޭގައި އަދި ނެތް ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ގާސިމް ރޭ ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ކ. ކާށިދޫގެ ކައުންސިލްގެ ތިން ކައުންސިލަރަކު ޖުމްހޫރީ ޕާޓީއާ ގުޅި ވަޑައިގެންފައެވެ.
ފަސް ރަށެއް ބްރިޖަކުން ގުޅާލާނެކަމުގެ ވައުދު ގާސިމް ވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ