މީހަކު ހޮވި ފައިސާ ދަބަހެއް ސިވިލް ކޯޓާ ހަވާލު ކުރުމުން އޭގެ ވެރިފަރާތް ކަމަށް ބުނާ މީހާއާ ހަވާލުކޮށްފި

ސަލްޓަން ޕާކްގެ ދޮރުމަތިން މީހަކު ހޮވައިގެން ސިވިލް ކޯޓާ ހަވާލު ކުރި 10000ރ. އަކީ އެހެން މީހެއްގެ އެއްޗެއްކަން ސާބިތުވެއްޖެ ނަމަ އަތުލާނެ ކަމަށް ޝަރުތުކޮށް އައްޑު އަތޮޅު ހުޅުދޫ މީހަކާ ކޯޓުން ފައިސާތައް ހަވާލުކޮށްފި އެވެ.މާލޭގެ ހަތަރު އަވަށް ގުޅޭ ސަލްޓަންޕާކުގެ ކައިރިން، ޝަހީދު ކުޑަ އާދަމް ކުޑަތުއްތު ހިނގުމުގެ ދުވާރު މަތިން 10000ރ. ފެނިގެން މިދިޔަ މަހު 22 ވަނަ ދުވަހު ސިވިލް ކޯޓާ ހަވާލު ކުރީ ސ. ހިތަދޫ ރޭޑިޔަންޓް އަބްދުﷲ ޒުހުރީ އެވެ.ސިވިލް ކޯޓުން ބުނީ ޒުހުރީ އަށް ފެނުނު ފައިސާ ދަބަސް އެ ކޯޓާ ހަވާލު ކުރުމުން އެ ފައިސާ ދަބަހުގެ ވެރިފަރާތް ކޯޓަށް އައުމަށް އިއުލާނު ކުރުމުން އެ ފައިސާތަކުގެ ވެރިފަރާތް ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅީ ސ. ހިތަދޫ އަލިމަސްގޭ މުހައްމަދު ކިޔާ މީހެއް ކަމަށެވެ.މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ސަމީރު ވަނީ ހުކުމެއް އިއްވައިފަ އެވެ.އެ ހުކުމުގައި ބުނަނީ ފައިސާތަކުގެ ވެރިފަރާތް ކަމަށް ބުނި މުހައްމަދު ހާޒިރުކޮށް ސުވާލު ކުރުމުން ސަލްޓަން ޕާކު ކައިރިން ފެނުނު ފައިސާތަކުގައި ހިމެނޭ ނޫޓުތަކާއި ފައިސާތައް އަޅާފައިވާ ދަބަހާ ގެއްލުނު ސަރަހައްދު މުހައްމަދުގެ ބަހާ ދިމާވާ ކަމަށެވެ. އެހެން ކަމުން ކޯޓުން ފައިސާތައް މުހައްމަދާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ފައިސާތައް އޭނާއާ ހަވާލުކުރީ އެ ފައިސާތަކަކީ އެހެން މީހެއްގެ އެއްޗެއްކަން ސިވިލް ކޯޓަށް ސާބިތުވެއްޖެ ނަމަ އަނބުރާ އަތުލާނެ ކަމަށް އެނގުމަށް ފަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ