ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަކުން ހިންގާ ވެސްޓްޕާކް ރެސްޓޯރެންޓުން ދައުލަތަށް ބިމު ކުއްޔާއި ފެނާއި ކަރަންޓް ބިލް ނުދައްކާތާ އެއް އަހަރުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ވެސްޓްޕާކް ހިންގާ ބިމުން ދައުލަތަށް ކުލި ނުދައްކާތީއާއި އަދި ފެނާއި ކަރަންޓް ބިލް ވެސް ނުދައްކާތީ ކުރީގެ ކައުންސިލުން ވެސް އެތައް ފަހަރަކު ކުލި ދެއްކުމަށް ޖާބިރަށް އަންގާފައިވާ ކަމަށެވެ. ވެސްޓްޕާކުން ކަރަންޓާއި ފެން ބިލަށް ފައިސާ ނުދައްކާތީ އެފައިސާ މިހާރު ދައްކަމުން ގެންދަނީ ސިޓީ ކައުންސިލްގެ ބަޖެޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި މިއީ ވަރަށް ދެރަކޮށް ހިނގާފައިވާ މައްސަލައެއް. މިކަމުގައި އަޅުގަނޑުމެން މިކައުންސިލުން އަޅަންޖެހޭ ފިޔަވަޅު އަޅާނަން. އެމަސައްކަތް ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.
ވެސްޓްޕާކުގެ ބިމް ކުއްޔާއި ކަރަންޓާއި އަދި ފެން ބިލަށް ޖުމްލަ ކިހާވަރެއް އަރާނެތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ. ނަމަވެސް އެއަދަދުތައް މިލިއަނުން ގުނާލެވެނޭ ކަމަށް ވިދާޅުވި އެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި ޖާބިރުގެ ކުންފުންޏަށް ވެސްޓްޕާކް ހިންގަން ހަވާލުކޮށްފައިވާ މުއްދަތު 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. ވެސްޓްޕާކުގެ މުއްދަތު ހަމަވާތީ އެތަން ހިންގާނޭ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނާ ގުޅިގެން ފަސް ފަރާތަކުން ބީލަމްގައި ވާދަކޮށްފައިވާއިރު އެ ބީލަމުގައި ޖާބިރުގެ ކުންފުނިން ވާދަކޮށްފައެއް ނުވެ އެވެ. އަދި މިބީލަމުގައި އެންމެ ބޮޑު އަގު ހުށަހަޅައިގެން ބީލަން ކާމިޔާބު ކުރީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އަދި މޭރީބްރައުންގެ ހިއްސާދާރެއް ކަމުގައިވާ އާމިރު މަންސޫރު އެވެ.
ވެސްޓްޕާކު ހިންގާ ބިން އާމިރާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލުން ސޮއިކޮށް އެބިން އާމިރާ ހަވާލުކޮށްފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެތަން ތަރައްގީކުރުމުގެ މަސައްކަތް ފަށާ ގޮތަށެވެ. އާމިރާ މިބިން ސަރުކާރު ހަވާލުކުރީ މުޅި ބިމުގެ 20 ޕަސަންޓް ފިޔަވާ އެހެން ހުރިހާ ސަރަހައްދެއް ގިނަ ވަސީލަތްތަކެއް ހިމެނޭގޮތަށް ހިތް ފަސޭހަ ޕާކެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ.
ވެސްޓްޕާކް ހިންގާ ބިން އާމިރަށް ހަވާލުކުރުމަށް ސިޓީ ކައުންސިލުން ނިންމުމުން ޖާބިރު ވަނީ މިމައްސަލައިގައި އެކަން ހުއްޓުވައިދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ. ނަމަވެސް ކޯޓުން އެފަދަ އަމުރެއް ނެރެދީފައެއް ނުވެ އެވެ.
ސިޓީ ކައުންސިލްގެ ކައުންސިލަރު މިއަދު ވިދާޅުވީ ވެސްޓްޕާކުގެ މުއްދަތު ހަމަވުމުގެ ކުރިން ޖާބިރާ ސިޓީ ކައުންސިލް ވާހަކަ ދައްކައިގެން އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެ ގޮތްތަކެއް ހަމަޖެހިފައިވީ ނަމަވެސް އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ޖާބިރު އެކަމަށް އެދި ސިޓީ ކައުންސިލަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް 2012 ވަނަ އަހަރުގެ ތެރޭގައި ޖާބިރު ވިދާޅުވެފައިވަނީ އޭނާ އެއްބަސްވުމުގެ މުއްދަތު އާ ކުރުމަށް ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އޭނާ ވެސް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާފައިވާނީ ސަރުކާރުން ބޭނުންވާ ގޮތަށް އެ ސަރަހައްދުގައި ހިތްފަސޭހަ ޕާކެއް ހެދުމަށް 15 މިލިއަން ޑޮލަރުގެ ޕްރޮޕޯސަލަކާއެކު ކަމަށެވެ.
ވީނިއުސްއަށް އެނގިފައިވާ ގޮތުގައި ވެސްޓްޕާކުން ބިމު ކުއްޔާއި ފެނާ ކަރަންޓް ބިލް ނުދައްކާތީ މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި ކައުންސިލަރުން މިހާރު ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން ބިމު ކުއްޔާއި ކަރަންޓް އަދި ފެން ބިލް ޖާބިރުގެ ކުންފުނިން ދެއްކުމަށް އެކުންފުންޏަށް އެންގުމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ މިމަހުގެ 25 ވަނަ ދުވަހު ވެސްޓްޕާކް ރެސްޓޯރަންޓަށް ދޫކޮށްފައިވާ ހުރިހާ ވިޔާފާރީގެ ހުއްދަތަކެއް ބާތިލްކުރުމަށް ވެސް ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށް ވަނީ އެނގިފަ އެވެ.
ވެސްޓްޕާކުން ކުއްޔާއި ފެނާއި ކަރަންޓް ބިލް ނުދައްކާތާ އެއް އަހަރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ