ސުޕްރީމް ކޯޓަށް ޝުޖޫންއާއި އަޒްމިރާލްދާ އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މ. ސީނާ، ޑރ އަޒްމިރާލްދާ ޒާހިރާއި، މ. ކޮކާހަނދުވަރުގެ، އަލްއުސްތާޛާ އާއިޝާ ޝުޖޫން މިއަދު އައްޔަން ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝުޖޫން އާއި އަޒްމިރާލްދާ އައްޔަންކުރައްވާފައި މިވަނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ދެ ބޭފުޅުން އެ މަގާމަށް އައްޔަންކުރެއްވުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ 62 މެންބަރުން ތާއީދުކޮށް ވޯޓު ދެއްވުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ދެ ބޭފުޅުން ފަނޑިޔާރުކަމުގެ ހުވައި މިއަދު ކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ޑޮކްޓަރ އަހްމަދު އަބްދުﷲ ދީދީގެ ކުރިފުޅުމަތީގަ އެވެ.
ދެ ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މިކަމަށްޓަކައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝުޖޫނާއި އަޒްމިރާލްދާ އައްޔަންކުރުމަށް ޖޭއެސްސީގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަންކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމީ މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގަ އެވެ.
ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޝުޖޫން އަކީ ރާއްޖޭގައި ގާޒީ ކަމަށް އައްޔަންކުރެވުނު ފުރަތަމަ އަންހެން ބޭފުޅާ އެވެ. އޭނާ ސިވިލް ކޯޓުގެ ގާޒީ ކަމުގެ މަގާމުގައި ހުންނެވުމަށްފަހު މަގާމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރު އެވެ. ޑރ. އަޒްމިރާލްދާ އަކީ ހައިކޯޓުގެ ގާޒީ ކަމަށް އައްޔަންކުރެވުނު ފުރަތަމަ އަދި ހަމައެކަނި އަންހެން ބޭފުޅާ އެވެ. ޕީއެޗްޑީ ހާސިލްކުރައްވައިގެން ހުންނެވި ޑރ. އަޒްމިރާލްދާ ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ.
ޑރ. އަޒްމިރާލްދާއާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވުމުން މި ދެ ބޭފުޅުން ވެގެން ގޮސްފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އެންމެ ފުރަތަމަ އައްޔަންކުރެވޭ ދެ އަންހެން ބޭފުޅުންނަށެވެ.
ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.
ސުޕްރީމް ކޯޓު އެންމެ ފުރަތަމަ އުފެއްދީ ހަތް ފަނޑިޔާރުންގެ ބެންޗަކާއެކު 2010 ވަނަ އަހަރު އެވެ. ނަމަވެސް 2014 ވަނަ އަހަރު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް ކުޑަކޮށްފަ އެވެ. އެ ބަދަލާއެކު އޭރުގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މަގާމުން ވަކިކުރި އެވެ.
ސުޕްރީމް ކޯޓު ބެންޗު ހަތަކަށް އިތުރު ކުރުމަކީ މިސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް ހިމެނޭ ކަމެކެވެ.
ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރައްވާފައި މިވަނީ މިމައްސަލައިގައި ރާއްޖޭގެ ދީނީ އިލްމުވެރިންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ