ކުރީގެ ރަައީސުންގެ އިނާޔަތް މުރާޖާކުރަން މައުމޫން ތާއީދު ކުރައްވައިފި

ކުރީގެ ރައީސުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތައް މުރާޖާކުރަން ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން، ކުރީގެ ރައީސުންނަށް މިހާރު ދޭ އިނާޔަތްތައް މުރާޖާ ކުރަން ފިނޭންސް މިނިސްޓްރީން އޮތީ ރައްޔިތުންގެ މަޖިލީހުގައި އެދިފަ އެވެ. އެކަމާ މެދު މަޖިލީހުން އަދި ގޮތެއް ނުނިންމަ އެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދަށް މައުމޫން ފޮނުއްވެވި ސިޓީގައިވަނީި ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ ގޮޮންޖެހުންތައް ކުރިމަތިވެ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ޖެހިފައިވާތީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް މުރާޖާ ކުރުން އަވަސްކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށް އެމަނިކުފާނު ތާއީދުކުރާ ކަމަށް ވެސް އެ ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.
ކުރީގެ ރައީސުންނަށް އިނާުޔަތް ދިނުމާ ބެހޭ ގާނޫނު އޮންނަ ގޮތުން އެއް ދައުރު ރައީސް ކަން ކުރައްވާފައިވާ ބޭފުޅުންނަށް 50،000ރ. މަހަކު ދައުލަތުން ދޭން ޖެހޭއިރު އެއް ދައުރަށް ވުރެ ގިނަ ދުވަހު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް މަހަކު 75،000ރ. ގެ އިނާޔަތެއް ދޭން ޖެހެ އެވެ. އަދި ދިރިއުޅުއްވާނެ ތަނުގެ ޚަރަދަށް އިތުރު 50،000ރ. އާއި އޮފީސް ހިންގުމުގެ ޚަރަދަށް ވެސް 175،000ރ. ދޭން ޖެހޭނެ ކަމަށް އެ ގާނޫނުގައިވެ އެވެ،
އެކަމަކު 2016 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން އެކަމާ ބެހޭގޮތުން އެކުލަވާލި އުސޫލު ބުނާގޮތުން ދިރިއުޅުއްވާނެ ތަނުގެ ކުއްޔާއި އެހެނިހެން ޚަރަދުތަކަށް މަހަކު ދެވޭނީ 30،000ރ. އެވެ. އަދި އޮފީސް ހިންގުުމުގެ ޚަރަދު ވެސް ދެވޭނީ ފިިނޭންސް އިން ކަނޑައެޅި އުސޫލުގެ ދަށުން ވަކި މިންވަރަށް ކަމަށް އެ އުސޫލުގައި ބަޔާން ކޮށްފައިވެ އެވެ.
ކުރީގެ ރައީސުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިއްބެވީ މައުމޫނާއި ނަޝީދުގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ވަހީދުު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
ކޮވިޑް-19 އާ ގުޅިގެން ޚަރަދުތައް ކުޑަ ކުރުމުގެ ގޮތުން ރައީސާއި ވަަޒީރުންނާއި މަޖިލީހުގެ މެމްބަރުންގެ އިތުރުން ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ވެސް ވަނީ ތިން މަހަށް ކުޑަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ