ކުއްޔަށް ދީފައިވާ ތަނަކުން ކަރަންޓު ކަނޑާލައިފިނަމަ 5000 ރުފިޔާގެ ޖޫރިމަނާއެއް

ކޮވިޑް-19 ގެ މި ހާލަތުގައި ކުއްޔަށް ދޫކޮށްފައިވާ ތަނަކުން އަސާސީ ހިދުމަތްތައް މެދުކަނޑާލައިފިނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރަން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލުގައި ހިމަނައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ އެ ބިލުގައިވާ ކަންކަމަށް އަމަލުކުރާނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަތާ 60 ދުވަހުގެ މުއްދަތަކަށެވެ.
އެ ބިލުގައިވާ ގޮތުން ކުއްޔަށްދީފައިވާ އެއްވެސް ތަނެއްގެ އެއްބަސްވުން ނިމުމަކަށް ގެނެސް، އެތަނެއްގައި ދިރިއުޅޭ ފަރާތްތައް ތަން ދޫކޮށް ދިޔުމަށް ތަނުގެ ވެރިފަރާތަށް އެންގޭނީ އެތަނެއްގައި ދިރިއުޅޭ ފަރާތްތަކަށް މަދުވެގެން 60 ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު ކަމަށެވެ. މިގޮތަށް ނޯޓިސް ދޭންވާނީ ލިޔުމުން ކަމަށް ބުނެފައިވެއެވެ.
އަދި މި ބިލަށް އަމަލުކުރާ މުއްދަތުގައި އެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައްވެސް (ފެނާއި ކަރަންޓާއި މުވާސަލާތީ ހިދުމަތްތަށް) މެދުކަނޑާލައިގެން ނުވާނެ ކަމަށާއި އަދި ކުއްޔަށް ހިފާ ފަރާތަށް މިނިވަންކަމާއެކު އެތަނުގައި ދިރިއުޅުމަށް ހުރަސްއެޅޭފަދަ އަމަލުތައް ކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އެފަދަ ކަމެއްކޮށްފިނަމަ 5،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ. އަދި އެ ކަންކަމާއި ހިލާފްވާ ފަރާތްތަކާ ދެކޮޅަށް ޝަކުވާ ހުށަހަޅަން ޖެހޭނީ ހައުސިންގ މިނިސްޓްރީއަށް ކަމަށްވާއިރު ބިލަށް އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި އެކަމަށް ހާއްސަ އުސޫލެއް އެ މިނިސްޓްރީން އެކުލަވާލަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ