ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމަށް އދ ގެ ހިއުމަން ރައިޓްސް ކޮމެޓީން ގޮވާލި ނަމަވެސް ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ލިބޭނީ ސްޕްރީމްކޯޓުން ނިންމާ ގޮތެއްގެ މަތިން ކަމުގައި ސަރުކާރުން ބުނެފިއެވެ.
ޚާރިޖިއްޔާއިން އާއްމު ކުރި ބަޔާނުގައި ބުނެފައި ވަނީ، އދ ގެ ހިއުމަން ރައިޓްސް ކޮމެޓީން ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމަށް ފުރުޞަތުދިނުމަށް ގޮވާލި ނަމަވެސް އެކަން ދިވެހި ސަރުކާރުން ބަލައި ނުގަންނަކަމަށެވެ. އަދި ރައީސް ނަޝީދަށް އިންސާފުވެރި ޝަރީއަތެއް ލިބިދީފައިނުވާކަމަށް ފާހަގަކޮށްފައިވާތީ އެކަންވެސް ދޮގުކޮށް ޚާރިޖިއްޔާއިން ބުނެފައިވަނީ، ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ޙުކުމް ސްޕްރީމްކޯޓުން ދަމަހައްޓައި 27 ޖޫން 2016 ގައި ޙުކުމްކޮށްފައި ވާކަމަށެވެ.
ރައީސް ނަޝީދު މައްޗަށް ހިންގި ޝަރީއަތުގެ އިޖުރާއަތްތައް ޤާނޫނާއި ޚިލާފަށް ހިންގާފައި ވާއިރު ދަށުކޯޓުގެ ނިންމުން ސްޕްރީމްކޯޓުގައި އިސްތިއުނާފުކުރީވެސް ދައުލަތުންނެވެ. އެކަމަކީވެސް ޤާނޫނީ އިޖުރާއަތްތަކާއި އާއްމުވިސްނުމާއިވެސް ޚިލާފުކަމެއްކަން އޭރުވެސް ވަކީލުން ފާހަގަކުރައްވާފައިވެއެވެ.
އދ ހިއުމަންރައިޓްސް ކޮމެޓީގެ ނިންމުން ބަލައި ނުގަންނަކަން ހާމަކޮށް ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި އެމައްސަލައިގައި އެކޮމެޓީއަށް ސަރުކާރުން ހުށައެޅިކަންކަމަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތްކޮށްފައި ނުވާކަމަށްވެސް ބުނެފައިވެއެވެ. އަދި ރައީސް ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތާއި ކުރެވުނު ޙުކުމް އައިސީސީޕީއާރާއި ޚިލާފު ނުވާކަމަށަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އެބަޔާނުގައި އިތުރަށް ބުނެފައިވަނީ ކެނޑިޑޭޓެއްގެ ކެނޑިޑޭންސީ އާއި މެދު ގޮތް ނިންމާނީ ސްޕްރީމް ކޯޓުން ކަމަށާއި އދ އިން ނޫންކަމަށެވެ. ރައީސް ނަޝީދަކީ ހުކުމް ތަންފީޒުނުކޮށް ފިއްލަވައިގެން އުޅުއްވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް އިންތިޚާބެއްގައި ވާދަކުރެވޭނީ 13 އަހަރުގެ ޙުކުމް ތަންފީޒުކޮށް ނިމި، އަދި އިތުރު 3 އަހަރު ފަހުން ކަމުގައިވެސް ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.
އދ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމެޓީގެ ބަޔާނަށް ރައްދުދީ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ކެންޑިޑެންސީ އާއި މެދު ގޮތެއް ނިންމާނީ ސުޕްރީމްކޯޓުން ކަމަށް ބުނެފައި ވާއިރު، 1 ފެބުރުއަރީ 2018ގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން ނެރުނު އަމުރުގައި މިނިވަންކޮށް ދޫކޮށްލުމަށް އަމުރުކުރި 9 ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދު ހިމެނިވަޑައިގެންފައިވެއެވެ. އަދި 9 ބޭފުޅުންގެ މައްޗަށް ހިންގުނު ޝަރީއަތްތަކާއި ކުރެވުނު ހުކުމްތަކަކީ އިންސާފުން އެއްކިބާވެ ނުފޫޒު ފޯރުވާފައިވާ ޙުކުމްތަކެއް ކަންވެސް ކަނޑައަޅާފައިވެއެވެ.
ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނީ ސުޕްރީމް ކޯޓުން ނިންމާ ގޮތެއްގެ މަތިން: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ