ރައްޔިތުން ބޮޑުފަޅި ދައްކުވައިދީފި: ޝިދާތާ

ލޯކަލް ކައުންސިލް އިންތިޚާބުން ރައްޔިތުން ބޮޑުފަޅި ދައްކުވައިދީފި ކަމަށް އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ ރައީސާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން މިރޭ މ.ކުނޫޒުގައި ކުރިއަށްގެންދާ ޖަލްސާގައި ޝިދާތާ ވިދާޅުވީ ރައްޔިތުންނަށް ވޯޓުކަރުދާހާ ހަމައަށް ދެވިއްޖެނަމަ ރައީސް ޔާމީން ބަލިކުރާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ކުރިންވެސް އައީ ބުނަމުން ކަމަށާއި މިހާރު އެއޮތީ ބަލިކޮށްފައި ކަމަށެވެ. ޝިދާތާ ވިދާޅުވީ ވައްކަމާއި ކޮރަޕްޝަނަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި ޖަލުގެ ބިރަށްވެސް ވަރިހަމަ ކަމަށް ބުނެފައިވާ ކަމަށެވެ.
ރައްޔިތުންނަށް ކިތަންމެ ފިއްތުންތަކެއް ކުރިމަތިކުރިޔަސް ސާބިތުކަންމަތީ ދެމިތިބޭނެކަން ކައުންސިލް އިންތިޚާބުން ރައްޔިތުން ދައްކުވައިދީފި ކަމަށް އޭނަ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ހުރިހާ ފުރުސަތެއް ފަހިވެފައި އޮތްނަމަވެސް އިދިކޮޅު ޕާޓީތަކަށް ކާމިޔާބު ލިބުނީ ކެމްޕޭންކުރުމަށް ވެސް އެއްވެސް ފުރުސަތެއް ނުލިބި ކަމަށެވެ. އަދި އެމްޑީޕީއަށް ލިބުނު ކާމިޔާބަކީ އިލެކްޝަންސް ކޮމިޝަނުގެ އިންސާފުވެރިކަމުން ލިބުނު އެއްޗެއް ނޫން ކަމަށާއި ކޮމިޝަނުން އިދިކޮޅު ޕާޓީތަކަށް ކުރަމުންއައީ ޖެއްސުން ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.
"އިންސާފުވެރި މާހައުލެއްގައި، ހަމަނޭވާލައިގެން އުޅެވޭ މާހައުލެއްގައި އިންތިޚާބާ ކުރިމަތިލީނަމަ މިވަރަށްވެސް ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމަށް ގަބޫލެއް ނުކުރެވޭ. ބޮޑުތަނުން ރައީސް ޔާމީން ބަލިވާނެ. ބިރުވެރިކަން ފަތުރަން ސަރުކާރުން މަސައްކަތް ކުރަމުން އައިއިރުވެސް ސަރުކާރަށް ނޫނެކޭ ބުނަން ރައްޔިތުންނަށް ކެރުމުން ރައްޔިތުންނަށް ސެލިއުޓް ކުރަން. މިއީ ނިމުމެއް ނޫން. އަޅުގަނޑުމެންގެ މަސައްކަތުގެ ފެށުމެއް. އިތުރަށް ކުރިއަށް ގެންދިއުމަށް ހިތްވަރު ލިބިއްޖެ. މިއަދު ހަގީގަތުގައިވެސް އިދިކޮޅު ޕާޓީތަކަކީ ބޮޑުފަޅިކަން ސާބިތުކޮށްދީފި" ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ ބައެއް ބޭފުޅުންނަށް ހިސާބު އަދަދުތައް ނޭނގިގެން އުޅުނު ނަމަވެސް ރައްޔިތުންގެ ބަސް ވަރަށް ސާބިތުކަމާއެކު އިއްވައިފި ކަމަށެވެ. ޝިދާތާ ވިދާޅުވީ ގައުމު އޮތީ ސަރުކާރާ އިދިކޮޅު ފިކުރުގައި ކަމަށެވެ.
ރައްޔިތުންގެ ތާއީދު ނެތް ބަޔަކު ސަރުކާރުގައި ތިބެގެން ނުވާނެ ކަމަށާއި 2018 ވަނަ އަހަރާ ހަމައަށްވެސް އޮންނަންޖެހޭނީ ރައްޔިތުންގެ ތާއީދު އޮތް ސަރުކާރެއް ކަމަށް ޝިދާތާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ތާއީދު ނެތްކަން އެނގުމުން ރައީސް ޔާމީން މިހާރުން މިހާރަށް އިސްތިއުފާ ދެއްވަންޖެހޭ ކަަމަށެވެ.
ޝިދާތާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އިދިކޮޅު ޕާޓީތައް ބައިބައިވާނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ ކަމަށާއި ނަމަވެސް މިއަދު އެހެން ނޫންކަން ސާބިތުވެއްޖެ ކަމަށެވެ. އޭނަ ވިދާޅުވީ އިންތިޚާބުގެ ސަބަބުން އިދިކޮޅު ޕާޓީތަކުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ