ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާލުކޮޅު ސީރިއަސްވެ ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަށް ކޯޓުން ހުކުމްކޮށްފައިވާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ކަނޑައެޅި ޑޮކްޓަރުވެސް ގާސިމަށް ރާއްޖެއިން ދެެވޭނެ ފަރުވާއެއް ނެތްކަމަށާ ރާއްޖެއިން ބޭރަށް ފޮނުވައިގެން ފަރުވާ ދިނުމަށް ލަފާދީފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ގާސިމްގެ ސިއްހީ ހާލަތު ބައްލަވާ ވަޒަންކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ކަނޑައެޅީ މެޑިކާގެ ޑޮކްޓަރު ޑރ އަބުދުލް އަޒީޒު އަހުމަދެވެ.
މީގެ ކުރިން ރާއްޖޭގައި ހުރި ހިތުގެ އެންމެ މޮޅު ޑޮކްޓަރު ޑރ އަލީ ޝަފީގުވެސް ވަނީ ގާސިމަށް ފަރުވާ ދިނުމަށްޓަކައި އީ.ޕީ.އެސް އާއި އާރު.އެފް.އޭ ނަމަކަށް ކިޔާ އޮޕަރޭޝަނެއް ކުރަންޖެހޭކަމަށާ މިއީ ރާއްޖެއިން ކުރެވޭނެ އޮޕަރޭޝަންތަކަކަށް ނުވާތީ ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށް ދިއުމަށް ލަފާދެއްވާފައެވެ.
ނަމަވެސް ކަރެކްޝަނުން ވަނީ ދެވަނަ ޑޮކްޓަރެއްގެ ރައުޔު މިކަމަށް ބޭނުންވާކަމަށް ނިންމާ ޑޮކްޓަރު އަބުދުލް އަޒީޒު އަހުމަދު މެދުވެރިކުރައްވާ ގާސިމް އިބްރާހިމްގެ ހާލަތު ބައްލަވާފައެވެ.
ޑރ އަޒީވެސް ވަނީ ގާސިމަށް ރާއްޖެއިން ދޭނެ ފަރުވާއެއް ނެތްކަމަށާ ރާއްޖެއިން ބޭރަށް ވީހާވެސް އަވަހަށް ގެންދިއުމަށް ލަފާދެއްވާފައެވެ. އަދި ގާސިމްގެ ސިއްހީ ހާލުކޮޅު ފުރަތަމަ ބޮޑުވީ ފަހަރު އެޑްމިޓްކުރީ މެޑިކާ ހޮސްޕިޓަލުގައިކަން ފާހަގަކުރައްވާ އެފަހަރުވެސް ރާއްޖެއިން ބޭރުން ފަރުވާ ހޯއްދެވުމަށް ލަފާދެއްވާފައިވާކަމަށް ޑރ އަޒީ ވިދާޅުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އެފަހަރު ޑރ އަޒީގެ ލަފާފުޅާއެކު ގާސިމް އިބްރާހިމް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް އެއާޕޯޓަށް ވަޑައިގެން ނަމަވެސް އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުގެ ސަބަބުން ފުރޭގޮތް ނުވެ އޭޑީކޭ ހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި އެތަށް ދުވަހެއް ވަންދެން ވަނީ ފަރުވާދީފައެވެ.
ރާއްޖޭގައި ތިއްބެވި މޮޅު ދެ ޑޮކްޓަރުން އަދި ރާއްޖޭގައި ހުރި ތިން ހޮސްޕިޓަލަކުން ގާސިމް ބޭރަށް ފޮނުވުމަށް ލަފާދެއްވާފައިވާއިރު، އަދި އެކަން އެގޮތަށް ކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، ގާސިމްގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުވާލުން ފަސްވަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަދި ކޯޓް ހުކުމާއިއެކު ކަރެކްޝަނުން ގާސިމް އިބްރާހިމާއި ހަވާލުވުމަށްފަހު ކޯޓް ހުކުމްގެ އެއްބައި ތަންފީޒުކުރުން ފަސްކުރަމުންދާތީ ގާނޫނީ ވަކީލުންނާއި، ސިޔާސީ ބޭފުޅުންވެސް ގެންދަވަނީ އެކަން ކުށްވެރިކުރައްވަމުންނެވެ.
ކޯޓްގައި ހުކުމްގައި ގާސިމްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބު ތަންފީޒު ކުރުމަކީ، ރާއްޖެއިން ބޭރުން ހެދުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ޓެސްޓުތައް ހެދުމާއި، ލިބެންޖެހޭ ފަރުވާ ލިބުމަށް އޮތް ހުރަހަކަށް ވެގެން ނުވާނެ ކަމަށާއި، އެފަރުވާތައް ގާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްފައިވާއިރު، މެޑިކަލް ބޯޑަށް ގޮތްތަކެއް ނުނިމިގެން ނުވަތަ ހޯމް މިނިސްޓަރަށް ޖަވާބެއް ނުދެއްވިގެން އެކަން ފަސްކުރުމަކީ ކޯޓްގެ ހުކުމަށް އިހްތިރާމު ނުކުރުންކަމަށް ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަވަސް ފަރުވާ ނުދެވިއްޖެނަމަ ގާސިމްގެ ފުރާނަފުޅަށް ނުރައްކާވެދާނެކަމަށް ޑޮކްޓަރުން ވިދާޅުވަމުން ގެންދަވާތީ ގާސިމް އިބްރާހިމަށް ބޭނުންވާ ބޭސްފަރުވާގެ ޚިދުމަތް ލިބިގަތުމަށް ރާއްޖެއިން ބޭރަށް ފުރުވާލުން ފަސްވަމުންދާތީ ޖުމްހޫރީ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުން ލަސްކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.
ގާސިމް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކަރެކްޝަނުން ކަނޑައެޅި ޑޮކްޓަރުވެސް ލަފާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ